ޙައިޟްވުމަކީ ﷲ ތަޢާލާ ގުޅުން ކެނޑޭކަމެއް ނޫން! ޛިކުރުކުރެވޭނެ! ދުޢާވެސް ކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 5ސ
ޙައިޟްވުމަކީ ﷲ ތަޢާލާ ގުޅުން ކެނޑޭކަމެއް ނޫން! ޛިކުރުކުރެވޭނެ! ދުޢާވެސް ކުރެވޭނެ!

އެއްދުވަހަކު އަންހެނަކު ކުރި ސުވާލެކެވެ. "ޙައިޟުގެ ދުވަސްވަރު ރޭއަޅުކަން ނުކުރެވޭތީ ވަރަށް ދެރަވެއެވެ." ޖަވާބުގައި ބުނީމެވެ. "ތިއައީ ކާކު ދެއްކި ވާހަކައެއް ހެއްޔެވެ؟ ރޭއަޅުކަން (ޛިކުރުކުރުމާ ދުޢާކުރުން) ކުރެވޭނެއެވެ. ނުކުރެވޭނީ ހަމައެކަނި ނަމާދެވެ.  

ކަން އޮތީ މިގޮތަށް ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ އަންހެނުން މިހާރުވެސް ޙައިޟުވެއްޖެނަމަ، އަދި ނިފާސްކަމުގެ ޙާލަތުގައި ދެކެނީ އެމީހުންނަކީ އަޅުކަމާއި މުޅިން ދުރުގައި ތިބެން ޖެހޭ ބައެއް ކަމަށެވެ. އެމީހުން ތިބެންޖެހޭނީ ކީރިތި ޤުރްއާން ނުކިޔަވައި އަދި ދުޢާވެސް ނުކޮށް ކަމަށެވެ. 

ނަމަވެސް ކަން އޮތީ އެހެނެއް ނޫނެވެ. ޤުރްއާން ކިޔަވަންވީއެވެ. ދުޢާވެސް ކުރަންވީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރަންވީއެވެ. ހަމައެކަނި ނުކުރަންވީ ކަމަކީ ނަމާދުކުރުމާއި މުޞްޙަފްގައި ބީހުމެވެ.  އެހެން ގޮތަކަށް ބުނާނަމަ ހިނައި ޠޯހިރުވެ ވުޟޫކޮށްގެން ކުރަންޖެހޭ ކަންކަމެވެ.  

ޖުނުބުވެރިޔާގެ ޙާލަތު މުޅިންތަފާތެވެ. ޖުނުބުވެރި ޙާލުގައި ހުރެ ޤުރްއާން ކިޔެވުން ވެސް ހުއްދަވެގެންނުވެއެވެ. ތިރީގައި މިވަނީ އެކަންކަން ވަރަށް ސާފުކޮށް އެނގިގެންދާ ދި ސަލަފިއްޔާގެ ލިޔުމެވެ. 

ސުވާލު: ޙައިޟުވެރިޔާއަށް ޙައިޟުގެ ދުވަސްވަރު ދުޢާކުރުން ހުއްދަވެގެންވޭހެއްޔެވެ؟ މިކަމުގައި ޢަމަލުކުރުން އެންމެ ޞައްޙަގޮތަކީ ކޮބާހެއްޔެވެ؟ 

ޖަވާބު:

الحمد لله.

އަންނަނިވި ސުވާލު “ފަތުވާ އިސްލާމިއްޔާ” 239/1 ގައި އައިސްފައިވެއެވެ:

ސ. ޤުރުއާނުގެ އާޔަތްތައް އެކުލެވިގެންވާ ދުޢާފޮތްތައް ޢަރަފާތް ދުވަހު ޙައިޟުވެރިޔާއަށް ކިޔުން ހުއްދަވާނެ ހެއްޔެވެ؟

ޖ. ޙައިޟުވެރިންނާއި ނިފާސްވެރިން ޙައްޖުގެ އަޅުކަން އަދާކުރުމުގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ކިޔުމަކީ މައްސަލައެއް ނޫނެވެ. އަދި ޞައްޙަ ގޮތަކީ އެބައިމީހުން ޤުރުއާން ކިޔެވުންވެސް މައްސަލައެއް ނެތްކަމެވެ. އެހެނީ ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ ޤުރުއާން ކިޔެވުން މަނާކަމަށް ޞަރީޙަކޮށް ޞައްޙަ ނައްޞަކުން އައިސްފައިނުވެއެވެ. ޢަލީ رضي الله عنه ގެ ފަރާތުން ރިވާވެގެން އައިސްފައިވާ ޙަދީޘްގައިވާގޮތުން ޚާއްޞަކޮށް ޖުނުބުވެރިޔާ ޖުނުބުވެރިކަމުގެ ޙާލަތުގައިހުރެ ޤުރުއާން ކިޔަވައިގެން ނުވާނެއެވެ. ޙައިޟުވެރިންނާއި ނިފާސްވެރިންނާ ބެހޭގޮތުން އިބްނު ޢުމަރު رضي الله عنهما ގެއަރިހުން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. ((لاَ تَقْرَأُ الْحَائِضُ وَلاَ الْجُنُبُ شَيْئًا مِنَ الْقُرْآنِ)) މާނައީ: “ޙައިޟުވެރިޔާއާއި ޖުނުބުވެރިޔާ ޤުރުއާނުން އެއްވެސް މިންވަރެއް ކިޔަވައިގެންނުވާނެއެވެ.” ނަމަވެސް މިއީ ޟަޢީފު ޙަދީޘެކެވެ. ސަބަބަކީ މިޙަދީޘް ރިވާކުރައްވާފައިވަނީ ޙިޖާޒިއްޔޫންގެ ފަރާތުން އިސްމާޢީލް ބުން ޢައްޔާޝްއެވެ. އެހެނީ އެބައިމީހުންގެ ފަރާތުން ރިވާކުރެއްވުމުގައި (އިސްމާޢީލް ބުން ޢައްޔާޝަކީ) ޟަޢީފު ބޭފުޅެކެވެ. ނަމަވެސް (ޙައިޟުވެރިޔާ ނުވަތަ ނިފާސްވެރިޔާ) ޤުރުއާން ކިޔަވަންވާނީ މުޞްޙަފުގައި އަތްނުލާ ހިތުންނެވެ. ޖުނުބުވެރިޔާއަށް ހިތުންވިޔަސް ނުވަތަ މުޞްޙަފުންވިޔަސް ޤުރުއާން ކިޔެވުން ހުއްދަވެގެންނުވެއެވެ. އެއީ އޭނާ ހިނައިގަތުމަށް ދާންދެނެވެ. މިދެބައިމީހުންގެ ފަރަޤަކީ ޖުނުބުވެރިޔާގެ ވަގުތު ވަރަށް ކުރުވުމެވެ. (ޖުނުބުވެރިޔާއަށް) ޖިމާއުވެ ނިމުމަށްފަހު ވަގުތުން ހިނައިގަނެވޭނެއެވެ. އޭނާގެ ވަޤުތު ދިގެއް ނޫނެވެ. އޭނާ ހިނައިގަންނާނެއިރެއްވަނީ އޭނާގެ އަތްމަތީގައެވެ. އޭނާ ބޭނުންވީމާ ފެންވެރޭނެއެވެ. އޭނާއަށް ފެންނުލިބިއްޖެކަމުގައިވާނަމަ ނުވަތަ ފެންބޭނުންކުރުމަށް ނުކުޅެދިއްޖެނަމަ ތަޔައްމުމް ކުރުމަށްފަހު ނަމާދުކޮށް (ޤުރުއާން) ކިޔެވޭނެއެވެ. ނަމަވެސް ޙައިޟުވެރިޔާއާއި ނިފާސްވެރިޔާގެ (ހިނައިގަތުމުގެ) ވަގުތުވަނީ އެބައިމީހުންގެ އަތްމައްޗަކުނޫނެވެ. އެކަންވަނީ ﷲ عز وجلގެ އަތްފުޅުގައެވެ. .. އަދި ޙައިޟު ދުވަސްތަކަކަށް ދެމިގެންދެއެވެ. ނިފާސްވެސް ހަމައެފަދައެވެ. އެބައިމީހުންނަށް ޤުރުއާން ކިޔެވުން ހުއްދަވެގެންވަނީ (ޤުރުއާން) ހަނދާންނެތިދާނެތީއެވެ. އަދި ޤުރުއާން ކިޔެވުމާއި ﷲ ތަޢާލާގެ ފޮތުގައިވާ ޝަރުޢީ ޙުކުމްތައް ދަސްކުރުމުގެ ބަރަކާތުން މަހްރޫމްވެދާނެތީއެވެ. މިކަމުގައި މިގޮތަށް އޮތްއިރު (ޤުރުއާނުގެ) އާޔަތްތަކާއި ޙަދީޘްތަކާއި މިފަދަ ތަކެތި އެކުލެވިގެންވާ ދުޢާފޮތްތައް ކިޔުން މާއައުލާވެގެންވެއެވެ. މިކަމުގެ ރަނގަޅު ގޮތަކީ އަދި ޢިލްމުވެރިންގެ އެންމެ ޞައްޙަ ބަސްފުޅަކީމިއެވެ. ﷲ ތަޢާލާ އެބޭކަލުންނަށް ރަޙްމަތްލައްވާށިއެވެ. – އައްޝައިޚް އިބްނު ބާޒް1

އަންނަނިވި ސުވާލުވެސް ވާރިދުވެފައިވެއެވެ:

ސ. އަޅުގަނޑު ޤުރުއާނުގެ ބައެއް ތަފްސީރުތައް ޠާހިރުކަންމަތީ ނުހުންނައިރު ކިޔަމެވެ. މިޘާލަކަށް މައްސަރުކަމުގެ ދުވަސްވަރުގައެވެ. މިކަމުގައި މައްސަލައެއްވޭހެއްޔެވެ؟ އަޅުގަނޑަށް މިކުރެވެނީ ފާފައެއް ހެއްޔެވެ؟

ޖ. ޢިލްމުވެރިންގެ އެންމެ ޞައްޙަ ބަސްފުޅުތަކުގައިވާގޮތުން، ޙައިޟުވެރިން ނުވަތަ ނިފާސްވެރިން ތަފްސީރު ފޮތްތައް ނުވަތަ މުޞްޙަފުގައި އަތްނުލާ ޤުރުއާން ކިޔެވުމަކުން މައްސަލައެއް ނެތެވެ. އެހެންނަމަވެސް ޖުނުބުވެރިޔާ ހިނައިގަތުމަށްދާންދެން ޤުރުއާން ކިޔަވައިގެންނުވާނެއެވެ. ނަމަވެސް އޭނާއަށް ތަފްސީރު ފޮތްތަކާއި ޙަދީޘް ފޮތްތަކާއި އެނޫން އެހެނިހެން ފޮތްތައްވެސް ކިޔޭނެއެވެ. އެއީ އެފޮތްތަކުގައިވާ (ޤުރުއާނުގެ) އާޔަތްތައް ފިޔަވައެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلمގެ ކިބައިން ޘާބިތުވެގެންވާގޮތުގައި، އެއްވެސް ހިނދެއްގައި އެކަލޭގެފާނު ޤުރުއާން ކިޔަވާވިދާޅުވުން ނުހުއްޓުވައެވެ. ޖުނުބުވެރިކަން ފިޔަވައެވެ. ޖައްޔިދު ސަނަދަކުން އިމާމް އަޙްމަދު ރިވާކުރައްވާފައިވާ ޙަދީޘެއްގައި އެކަލޭގެފާނު صلى الله عليه وسلم ވިދާޅުވެފައިވެއެވެ. ((أَمَا الْجُنُبُ فَلاَ وَلاَ آيَة)) މާނައީ: “ޖުނުބުވެރިޔާ ދަންނައެވެ. އޭނާއަށް އެންމެ އާޔަތެއްވެސް (ކިޔެވުން)ނުވެއެވެ.” – އައްޝައިޚް އިބްނު ބާޒް

______________________________________

[1]ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބިން ބާޒްއަކީ 1993އިން ފެށިގެން 1999އަށް ސުޢޫދީ ޢަރަބިއްޔާގެ މުފްތީއެވެ. (މުފްތީއަކީ: ޤައުމުގައި ފަތުވާދެއްވުމާއި ހަވާލުވެގެން ހުންނަ އެންމެ އިސް ފަރާތެވެ.)

މިއީ islamqa.info ގައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.

ލިޔުމުގެ އަޞްލު ބައްލަވާ:

https://islamqa.info/en/answers/5048/ruling-on-woman-making-duaa-during-her-period

 

މިއަދު އޮންލައިން