މިކަންކަމަށް ވިސްނުމަށްފަހު ތިމާގެ އީމާންކަން ފަސާދަވެފައި ނުވާކަމަށް ބުނަންކެރޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
މިކަންކަމަށް ވިސްނުމަށްފަހު ތިމާގެ އީމާންކަން ފަސާދަވެފައި ނުވާކަމަށް ބުނަންކެރޭނެތަ؟

ގިނަ ބައަކު ކޮރަޕްޝަންގެ ވާހަކަ ދައްކައެވެ. މުޅި ޤައުމު ކޮރަޕްޓްވެއްޖެ ކަމަށް ބުނެއެވެ. އެެހެން ބުނާ މީހާ ކޮންމެ އިންތިޚާބެއްގައި ރިޝްވަތު ހިފައެވެ. ނަމާދެއް ނުކުރެއެވެ. އޭނާގެ އީމާންކަން އެވަނީ ކޮރަޕްޓްވެފައި ނޫންކަމަށް ހެދޭނީ ކިހިނަކުން ހެއްޔެވެ؟ އެއަސްވުރެ ނުބައި ކޮރަޕްޝަނެއް ވޭހެއްޔެވެ؟ 

މިޙާލަތުން ސަލާމަތްވާން އެދޭމީހާ ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

"ކަންކަން ޙާޞިލުކުރަން ބޭނުންވުމުން ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތްތަކުން ވާގިއެދުމާއި އެހެން ފަރާތްތަކަށް އަޅުވެތިވުމާއި ﷲ ތަޢާލާއަށްވުރެ ބޮޑަށް އެހެން ފަރާތްތައް ދެކެ ބިރުގަތުމާއި ލޯބިވުން މިވަނީ އިތުރުވެފައެވެ. 

"ދެއްވަވަނީ ﷲ ކަން، ގެންދަވަނީ ﷲ ކަން، ބާރުތައް ލިބިވޮޑިގެންވަނީ ﷲ އަށްކަން ކާކުތޯ ޤަބޫލުކުރަނީ؟" މިފަދަ ކަންކަން ކުރުން ދޫކޮށް އީމާންކަން ވަރުގަދަ ކުރުމުގައި އެކަކު އަނެކަކާއި ވާދަކުރާ ބައަކަށް ވާށެވެ!": ޝައިޚުގެ އިލްތިމާސް 

"އީމާންކަމަކީ ޢަމަލާ ބަހުން ދައްކަން ޖެހޭ އެއްޗެއް ކަމާއި ކީރިތި ޤުރްއާން ބަލައިގަތުމަކީ އެފޮތުގައިވާ އާޔަތްތަކަށް ޢަމަލުކުރުން"ކަން އޮޅޭ ހިސާބަށް މަދުބައެއްގެ ނަމަވެސް އީމާންކަން ފަހަތަށް ޖެހިގެންދާތީ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ! 

މިޙާލަތަށް ދިއުމުން މިގެނެސްދެނީ މީގެ 4 އަހަރުވަރުކުރިން ހަމަ މިފުރަމާލޭގެ މިސްކިތެއްގައި ޢިލްމުވެރިއަކު ދެއްވާފައިވާ ދަރުސެއްގެ ޚަބަރެކެވެ! ބޭނުމަކީ މިކަމަށް ޢިލްމުވެރިން ގެންދަވަނީ ވަރަށް ކުރިންސުރެ ކަންބޮޑުވުން ފައުޅުކުރައްވަމުންކަން ބަޔާންކުރުމެވެ. "އީމާންކަން ބަލާ ކޮމިޝަނެއް" އުފައްދަން ޖެހިފައިވާކަމަށް ބުނެ އެކަމަށް ގޮވާލަމުން ގެންދާ މީހުން އެބުނާ ބަހުގައިވެސް ޙަޤީޤަތްތަކެއް އެބައޮތްކަން ޤަބޫލުކޮށް ފިޔަވަޅު އެޅުން އަވަސްކުރަންޖެހިފައިވާކަން ހާމަކުރުމެވެ. 

ދަރުސުން: 

އެންމެންވެސް ކަންބޮޑުވެގެން އުޅެނީ ފައިސާގެ ކޮރަޕްޝަނުގެ މައްސަލަތަކުގައެވެ. އެއީ ނުބައި އަމަލެކެވެ. ނަމަވެސް ކޮރަޕްޝަނަށްބަލާއިރު އެއީ ވަރަށް ކުޑަކުޑަ ކޮރަޕްޝަނެކެވެ. ރިޝަވަތު ހިފި ނަމަވެސް ކޮރަޕްޝަން ފައިސާ ބޭނުންކޮށް އުޅުނު ނަމަވެސް އެމީހަކު ތައުބާވެ ފާފަ ފުއްސެވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމުން އެމީހަކީ ޝިރުކަށް އަރައިގެންފައި ނުވާ މީހެއްނަމަ އެކަލާނގެ ރުއްސަވާ އަޅެއްގެ ފާފަ ފުއްސަވައި ސުވަރުގެ ވައްދަވައި ދެއްވެވުމަކީ އޮތް ކަމެކެވެ. 

އީމާންކަމުގެ ކޮރަޕްޝަނަށްވުރެ ބޮޑު ކޮރަޕްޝަނެއް، އަނިޔާވެރިކަމެއް ދުނިޔޭގައި ނެތެވެ. ނަމަވެސް ކުފުރުގެ ކޮރަޕްޝަނާއި ޝިރުކުގެ ކޮރަޕްޝަނަށްވުރެ ބޮޑު ކޮރަޕްޝަނެއް ދުނިޔޭގައި ނެތްކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެއީ ނުފުއްސަވާނެ ކަމެއް ކަމާއި އެއިގެ ތެރެއަށް ވަދެއްޖެ މީހާ ސަލާމަތް ވުމެއް ނެތްކަން އެނގެނީ ކާކަށް ހެއްޔެވެ؟ ކާކުތޯ މިކަންކަމަށް ވިސްނަނީ؟ އެވާހަކަ ދައްކާ އަޑެއް ނުއިވެއެވެ. ޖަވާބުދާރީ ކުރުވާ ތަނެއްވެސް ނުފެނެއެވެ. 

އަޞްލުގައި ޖަވާބުދާރީ ކުރުވަން ޖެހެނީ އީމާންކަމުގެ ކޮރަޕްޝަނުގައެވެ. އެއީ ސަލާމަތް ނުވާނެ ކޮރަޕްޝަނެކެވެ. ބާކީ ހުރި ކޮންމެ ކޮރަޕްޝަނަކީ ﷲ ތަޢާލާގެ އޯތާތެރިވަންތަކަމުން ޢަފޫކޮށް ދެއްވަވައިފާނެ ކޮރަޕްޝަނެވެ. އެހެންކަމާއިއެކުވެސް ގިނަ ބައެއްގެ ހިތުގެ ތެރެއަށް މި ކޮރަޕްޝަން ވަނީ ވަދެފައެވެ. އެކަމުގެ ހެއްކަކީ ފަރުޟު 5 ނަމާދާއި ތަހައްޖުދު ނަމާދު ކުރި ނަމަވެސް ލޯބިވާންޖެހޭ މީހުންނާއި ރުޅިއަންނަންޖެހޭ މީހުން ވަކިކުރަން ނުއެނގޭ ކަމެވެ. އެކުވެރިވާންޖެހޭ މީހުންނާއި ރުޅިވެރިވާނަ ޖެހޭ މީހުންވެސް ނުއެނގޭ ކަމެވެ. އެއީ ހިތަށް އީމާންކަމުގެ ކޮރަޕްޝަން ވަދެފައި އޮތުމުންނެވެ. 

ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ "ޝިރުކުރުކުރާ ޙާލުގައި މެނުވީ ގިނަ މީހުން އީމާންވާކަމުގައި ނުވާ" ކަމަށެވެ. އެފަދަ މީހުން ތިބެނީ އީމާންވެގެންނެވެ. ނަމަވެސް އީމާންވެގެން ތިބެނީ ޝިރުކުރާ ހާލުގައެވެ. ޝިރުކާއި އީމާންކަމާއި މަސްހުނިކޮށްގެން ތިބޭނަމަ އީމާންކަމުން ކުރާނެ ފައިދާއެއް ނެތެވެ. 

މި ދަރުސް ދެއްވީ ޝައިޚް ޖަޢުފަރު ފާއިޒުއެވެ. މިފަދަ ބޮޑެތި ޙަޤީޤަތްތައް ހާމަކުރައްވާތީ އިސްލާމިކް މިނިސްޓްރީން ޝައިޚަށް ފިޔަވަޅުއެޅިއެވެ. ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީވެސް ފިޔަޅުގައި ދޫފުޅު ބަންދުކޮށްފައި ހުންނަވަނިކޮށެވެ. ސުވާލަކީ މިއީ ޙަޤީޤަތްކަމަށް ބަލައިގެން ނޫނީ އެއްވެސް ކަމެއް އިޞްލާޙްކުރެވިދާނެތޯއެވެ؟ އީމާންކަންމަތީގައި ޘާބިތުވެ ތިބެވެން އެބައޮތްތޯއެވެ؟ 

ޝައިޚްގެ މިދަރުސަކީވެސް ގިނަގިނައިން ހަނދާން އައުކުރަންޖެހޭ ދަރުސަކަސްވާތީ މިއީ ހަނދާން އައުކޮށްލަ ދިނުމެކެވެ. ވިސްނައިފިނަމަ އެމީހަކަށް ފައިދާކުރާނެއެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން