ރާއްޖޭގެ ޒަމާނީ ޑިމޮކްރަސީގެ ހަގީގީ ފޮނިމީރުކަން ގެނެސްދެއްވީ ރައީސް ޑރ. މުޢިއްޒު: ޝުޖާޢު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރާއްޖޭގެ ޒަމާނީ ޑިމޮކްރަސީގެ ހަގީގީ ފޮނިމީރުކަން ގެނެސްދެއްވީ ރައީސް ޑރ. މުޢިއްޒު: ޝުޖާޢު

ރާއްޖޭގެ ޒަމާނީ ޑިމޮކްރަސީގެ ހަގީގީ ފޮނިމީރުކަން ގެނެސްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ. 

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ޝުޖާޢު ފާހަގަކުރެއްވި ގޮތުގައި ކުރިން އިދިކޮޅުގައި ތިއްބެވިއިރު، ޕީޕީއެމް އަދި ޕީއެންސީއަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭރުގެ އެމްޑީޕީ ސަރުކާރުން ދެއްވާފައި ނުވެއެވެ. އޭރު އެއްވުންތަކަށް ހުރަސްއެޅުމާއި، ޝިއާރު ފާޅުކުރުމަށް ހުންނަ ބެނާތަކާއި އެހެނިހެން ތަކެތި ފުލުހުން މެދުވެރިކޮށް އަތުލައިގަތް ކަމަށް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކުގެ "ޖަންގަލީ އުސޫލުތަކަށް" ނިމުމެއް ގެނެސްދެއްވި ކަމަށް ޝުޖާޢު ވިދާޅުވެ، ކޮންމެ ރައްޔިތަކަށްވެސް ޚިޔާލު ފާޅުކުރެވޭނެކަން ރައީސް މުޢިއްޒު ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށް ފާހަގަކުރެއްވިއެވެ. މިކަން އެންމެ ފަހުން އެމްޑީޕީން ބޭއްވި އެއްވުމުންވެސް ސާބިތުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

ޝުޖާޢު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ދެއްވާނީ ޤާނޫނުއަސާސީގައި އޮތް އެންމެ ފުރިހަމަ ގޮތުގައެވެ. ނަމަވެސް ޤައުމުގައި ހަމަނުޖެހުމާއި ބިރުވެރިކަން އުފެއްދުމުގެ ފުރުސަތު މި ސަރުކާރުން ނުދޭނެ ކަމަށް ވިދާޅުވިއެވެ.

"އެބޭފުޅުންނަށް ޤާނޫނުއަސާސީން ލިއްބައިދޭ ތަރައިގެ ތެރޭގައި ޚިޔާލުފާޅުކުރުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް މި ސަރުކާރުން ތާއީދު ކުރާނެ. އަދި އެ ބޭފުޅުން ދައްކާ ވާހަކަ އަޅުގަނޑުމެން އަޑުވެސް އަހާނަން. އަޑުއަހާފައި ބަދަލެއް ގެންނަންޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެންޏާމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހުންނާނެ އެ ހިތްވަރު އެ ބަދަލު ގެނައުމުގެ،" ޝުޖާޢު ވިދާޅުވިއެވެ.

މިއަދު އޮންލައިން