ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ފާއިތުވިމަހު ކުރިއެރުން ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ފާއިތުވިމަހު ކުރިއެރުން ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި

ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު ދެ ސިނާޢަތްކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ފާހަގަކުރެވޭ ކުރިއެރުމެއް މިއަހަރުގެ ޖަނަވަރީ މަސް ނިމުނު އިރު ލިބިފައިވާކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 207،798 އަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 8 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 192،385 ފަތުރުވެރިންނެވެ.

ފާއިތުވި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެ ޤައުމުން 36،169 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން ކަމަށްވާއިރު، އެއީ 22،124 ފަތުރުވެރިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިޓަލީވިލާތުން ކަމަށްވާއިރު، އެއީ 20،686 ފަތުރުވެރިންނެވެ.

މީގެއިތުރުން، ޖަނަވަރީ މަހުގެ ތެރޭގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ މަހުގެ އެންމެ ފަހު ދުވަސްކަމަށްވާ 31 ވަނަ ދުވަހު ކަމަށްވާއިރު، އެދުވަހު 9،495 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު ފެށުނީއްސުރެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަނީ ހަލުވި ދުވެލީގައި ކުރިއަރަމުންނެވެ. އަދި މިއީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް އުފާވެރި ޚަބަރެއް ކަމުގައި ފާހަގަކުރެވެއެވެ.

 

 

 

މިއަދު އޮންލައިން