2024 ވަނަ އަހަރު ދިރާގަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 945 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކައެވެ.
މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ. 2023 ވަނަ އަހަރު ދިރާގަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 896 މިލިޔަން ރުފިޔާއެވެ.
ދިރާގުގެ މައިގަނޑު ދެ ވިޔަފާރި ދާއިރާކަމުގައިވާ މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތްތަކުން ވެސް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދާފައެވެ. މޯބައިލް ޚިދުމަތްތަކުން 2024 ވަނަ އަހަރު 1.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ 2023 ވަނަ އަހަރު ލިބުނު 1.4 ބިލިޔަން ރުފިޔާއަށްވުރެ އިތުރު އަދަދެކެވެ.
ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތްތަކުން ވެސް ވަނީ އާމްދަނީ އިތުރުވެފައެވެ. 2024 ވަނަ އަހަރު މި ދާއިރާއިން 1.23 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، 2023 ވަނަ އަހަރު ލިބިފައިވަނީ 1.18 ބިލިޔަން ރުފިޔާއެވެ.
ޖުމުލަ ގޮތެއްގައި 2024 ވަނަ އަހަރު ދިރާގަށް އާމްދަނީގެ ގޮތުގައި 2.8 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 2.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 7.7 އިންސައްތައިގެ ކުރިއެރުމެކެވެ.
2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދިރާގަށް 710 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު 691 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 2.7 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން 2024 ވަނަ އަހަރު ދިރާގަށް 1.10 ބިލިޔަން ރުފިޔާގެ ފައިދާ ލިބިފައިވާކަން ފާހަގަކުރެވެއެވެ