ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން 'މަޖާސިލް ރަމަޟާން'ގެ ނަމުގައި ދަރުސްތަކެއް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން 'މަޖާސިލް ރަމަޟާން'ގެ ނަމުގައި ދަރުސްތަކެއް ބާއްވަނީ

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުގައި "މަޖާސިލް ރަމަޟާން" ގެ ނަމުގައި ސިލްސިލާ ދަރުސްތަކެއް ބާއްވަން ފަށައިފިއެވެ. 

މިކަމާގުޅިގެން އިސްލާމީ ވުޒާރާއިން ބުނެފައިވަނީ މި ދަރުސްތަކަކީ ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި އެނގެން ޖެހޭ މުހިއްމު މަޢުލޫމާތުތައް ހިމެނޭހެން މަޝްހޫރު ޢިލްމުވެރިޔާ އިބްނު އުތައިމީން ރަޙިމަޙުﷲ ލިޔުއްވާފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުސްތަކެއް ކަމަށެވެ.

މި ދަރުސްތަކުގައި އަލިއަޅުވާލަން ހަމަޖެހިފައިވާ ބައެއް މަޢުޟޫއުތަކުގެ ތެރޭގައި ރަމަޟާން މަހުގެ މާތްކަމާއި، ރަމަޟާން މަހުގެ ރޯދައިގެ ޙުކުމާއި، ރޯދައިގެ މާތްކަމާއި، ރަމަޟާން މަހުގެ ރޭއަޅުކަމުގެ ޙުކުމްތައް ހިމެނެއެވެ.

މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ތިން ހަފްތާގެ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭތަކުގައި މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުން 16 ރަށެއްގައެވެ. މި ސިލްސިލާގެ ދަރުސްތައް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމީ ވުޒާރާއާއި ކައުންސިލްތަކާއި ގުޅިގެންނެވެ.

މި ދަރުސްތަކުގެ ތާވަލު އިސްލާމީ ވުޒާރާގެ މީސް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ޙިއްސާ ކުރާގޮތަށް  ހަމަޖެހިފައިވާކަމަށް އެވުޒާރާއިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން