ދިވެހިންގެ އުފާވެރިކަން މިންކުރުމުގެ ޤައުމީ މަޝްރޫޢު މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. ސަލްޓަން ޕާކުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު ޚިދުމަތްތަކާބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ފަރުދީ ފެންވަރުގައާއި ރަށްރަށުގެ އަދި ޤައުމީ ފެންވަރުގައި އުފާވެރިކަން ވަޒަންކުރެވޭނެ މިންގަނޑުތަކެއް އެކުލަވާލެވޭނެއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، "ދެމެހެއްޓެނިވި ތަރައްޤީ މިންކުރުމުގައި އަޅުގަނޑުމެން ގެންގުޅެން ޖެހޭ މިންގަނޑުތައް އެބަ ތަފާތުވޭ. ބައެއް ރަށްތަކުގައި މަސްތުވާތަކެއްޗާއި އެހާ ބޮޑު ސަމާލުކަމެއް ނުދޭއިރު، އެކަމުގެ ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރާ ރަށްތައް އެބަހުރި. އަޅުގަނޑުމެން ކަންކަން މިންކުރުމުގައި މި ހުރިހާ ތަފާތުތަކަށް ރިއާޔަތް ކުރަން ޖެހޭ" ކަމަށެވެ.
މި ރަސްމިއްޔާތުގެ ތެރެއިން "އުފާވެރި ރާއްޖެ" ލޯގޯވެސް ވަނީ ތަޢާރަފުކޮށްފައެވެ. އަދި މުޖްތަމަޢުގެ އެކި ފަންތީގެ ފަރާތްތަކުން، އެއީ އިސްރަށްވެހިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަންހެނުންނާއި، ކިޔަވާކުދިންނާއި އަދި ޒުވާނުން އުފާވެރިކަން މާނަކުރާ ގޮތްތައްވެސް ވަނީ ހުށަހަޅާދީފައެވެ.
މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އުފާވެރިކަމުގެ މިންވަރު ދެނެގަތުމަށާއި، އެކަން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.