ކައިވެނި ރޫޅައިލާއިރު އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރާނަމަ ވާނީ އަނިޔާވެރިއަކަށް! ނޭނގޭކަމަށް ބުނެގެން ނުފުދޭނެ!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ކައިވެނި ރޫޅައިލާއިރު އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރާނަމަ ވާނީ އަނިޔާވެރިއަކަށް! ނޭނގޭކަމަށް ބުނެގެން ނުފުދޭނެ!: ޝައިޚް ޢާޞިމް އަލްޙަކީމް

ޝަކުވާތައް ގިނަވެ ފުރިއްޖެއެވެ. ފަރުޟްތައް އަދާނުކުރާކަމުގެ ޝަކުވާއެވެ. އަނބިން ފިރިންނަށް، ފިރިން އަނބިންނަށް ބޭވަފާތެރިވުމާއި މަކަރުހަދާކަމުގެ ޝަކުވާއެވެ. ބޮޑެތި ފާފަތައް ކުރާ ކަމުގެ ޝަކުވާއެވެ. ދަރިން ޙަރާމް ކަންކަން ކުރާ ކަމުގެ ޝަކުވާއެވެ.  

ބުނަންހެއްޔެވެ؟ މިހުރިހާ މައްސަލަތަކެއްގެ ވެސް އަޞްލަކީ އީމާންކަން ނެތުމެވެ. ނުވަތަ ކުޑަވުމެވެ. ވީމާ ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އީމާންކަން ވަރުގަދަކުރުމަށެވެ. ތިމާމެންގެ އީމާންކަން ވަރުގަދަކުރުމާއިއެކު ދަރިންގެ ހިތްތަކުގައި އީމާންކަން އަށަގެންނެވުމަށެވެ.  

ސަބަބެއް ދިމާވެގެން ކައިވެނި ރޫޅިދާނެއެވެ. ނަމަވެސް ހަރުދަނާ އީމާންކަމުގައި ހުރި މީހަކު އޭނާގެ ބައިވެރިޔާ ނިކަމެތިކޮށެއް ނުލާނެއެވެ. އަނިޔާވެރިއެއް ނުވާނެއެވެ. ހިތުގައި ޖައްސުވައި ނުރޮއްވާނެއެވެ. އެއްވެސް މީހަކަށް ދެރައެއް ދިނުމާއި އަނިޔާވެރިވުމަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއްކަން ޤަބޫލުކުރާނެތީއެވެ.  

ތަކުރާރުކޮށްލާނަމެވެ. މުސްލިމަކަށް އެނގުން ލާޒިމް އެއްވެސް ކަމެއް ނުއެނގޭ ކަމަށް ބުނެގެން ނުފުދޭނެއެވެ. ނުއެނގޭނަމަ އޮތީ ދަސްކުރުމެވެ. ކައިވެނިކުރަންވީމާ އެކަންކުރާނެ ގޮތް ދަސްކުރި ފަދައިން ކައިވެނި ރޫޅައިލަން ވެއްޖެނަމަ ޢަމަލުކުރާނެ ގޮތްވެސް ދަސްކުރާށެވެ! އަނެކާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ. އަނިޔާވެރިނުވާކަމަށްވާނީ އެއިރުންނެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން