މުއުމިނަކު ނަމަ ނަރަކައިގެ އަޑު އިވުނަސް ބިރުން ތުރުތުރު އަޅާނެއެވެ. އެހެނީ އެއްވެސް މީހަކީ އެމީހެއްގެ ލޮލަށް ނަރަކަ ފެންނަންވެސް ބޭނުންވާނެ މީހެއް ނޫނެވެ. ނަމަވެސް ޤިޔާމަތް ދުވަހު އެންމެންނަށްވެސް ނަރަކަ ދައްކަވާނެތެވެ. މީސްތަކުން އެއިރު ތިބޭނީ ބިރުން ވިރިވިރިއެވެ.
ނަރަކައަށް ވަންނަން ޖެހޭ މީހުންނަށް ދެއްވަވާނެ ގަދަފަދަ ޢަޛާބު އިޙްޞާޞް ކުރެވޭނީ އެ ޢަޛާބުލިބެންފެށުމުންނެވެ. އަޑުއަހައިލެވޭ ދަރުސަކުން ނުވަތަ ކިޔައިލެވޭ ލިޔުމަކުން އެކަންކަން އިޞްޞާޞްވެސް ނުކުރެވޭނެއެވެ. ﷲ ތަޢާލާ އެބައަކަށް "ގަދަފަދަ ޢަޛާބު" ދެއްވަވާނެކަމަށް ވަޙީކުރެއްވެވުމުން އެކަމުގައި މިންއަޅައި މިނެކިރުމަކީ ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟
އެހެންވެ މިރޭވެސް މަސައްކަތް މިކުރަނީ ނަރަކައިގެ ޢަޛާބުގެ ގަދަފަދަކަމުގެ ވާހަކައިން ކޮންމެވެސް މިންވަރެއް ބަޔާންކުރެވޭތޯއެވެ؟ ހިތަށް ބިރުވެރިކަން ވަދޭތޯ ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ
ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " އަދި ހަމަކަށަވަރުން، ނަރަކައަކީ އެ އެންމެންނަށް ﷲ ވަޢުދުކުރައްވާފައިވާ ތަނެއްކަން ކަށަވަރެވެ. އެނަރަކައަށް 7 ދޮރުވެއެވެ. އެއިން ކޮންމެ ދޮރަކަށް ކަނޑައެޅިގެންވާ ބައެއްވެއެވެ. " سورة الحجر : ،43، 44
ތިރީގައިއެވަނީ ނަރަކައިގެ 7 ދޮރުކޮޅު، ވަކި ތަރުތީބަކާއިނުލައެވެ.
ޖަހީމް : އެދޮރުންވަންނާނީ، މާތްﷲ އާއި އެކަލާނގެ ރަސޫލާގެ ބަސްފުޅަކީ ޙައްޤު ތެދުކަން ޤަބޫލުކުރާހާލު އެކަލާނގެ އަމުރުފުޅުތަކަށް ބޯނުލަނބާ މީހުންނެވެ. މިދޮރުކޮޅަށް ޖަހީމް ކިޔުނީ، އެދޮރުންވަންނަ އަންހެނުންނާއި ފިރިހެނުންގެ މޫނުތައް، އިންތިހާއަށް ހޫނު، އަނދައަނދާ ހުންނަ އަލިފާނުން ފިހޭނެތީއެވެ. އަދި އެބައިމީހުންގެ ހަންގަނޑު ވިރިގެންދާނެތެވެ.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވިމީހުން ނިކަންހުރެ ނަރަކަޔަށް ވައްދަވާހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެ ހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ އެއުރެންގެ ޢަޒާބުގެ ރަހަ ލިބިގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲއީ ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ. " ( سورة الّساء : 56 )
ލަޡާއު : މިދޮރުކޮޅަށް ލަޡާއު ކިޔުނީ، އެތަނުގައިވާ އަލިފާން، އެތަނުގެ އަހުލުވެރިންގެ ހަށިގަނޑުގެ ގުނަވަންތައް ވަކިވަކިން ކާނެތީއެވެ. އެތެރެހަށީގެ ގުނަވަންތަކާއި ބޭރުހަށީގެ ގުނަވަންތަށްވެސްމެއެވެ. އަދި މިތަނަށް އެއްލާލެވޭނީ ތައުޙީދަށް އިންކާރުކޮށް ކީރިތި ރަސޫލާ صلى للّه عليه وسلّم ގެނެސްދެއްވެވި ބަސްފުޅުތަށް ދޮގުކުރާމީހުންނެވެ.
ސަޤަރު : سورة المدّ ثّر ގެ 26 ވަނަ އާޔަތުން 30 ވަނަ އާޔަތަށް މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކައަށް ވައްދަވާހުށީމެވެ. އެނަރަކަޔަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ އެނަރަކަ، ނާންދާ އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ. ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ. އެނަރަކަ ބެލެހެއްޓެވުމަށް 29 މަލާއިކަތުންވެއެވެ. "
އަލް ޙުމަޒަ : އެނަން ދެވުނު ސަބަބަކީ އެމީހެއްގެ ކަށިތައް ފުނޑުފުނޑުކޮށްލާ، އެމީހެއްގެ ހިތާއި އެތެރެހަށީގެ ގުނަވަންތައް އަންދާލާނެތީއެވެ. " ހަމަހިލާ އެހެންނަކުން ނުވާނެތެވެ. ފުނޑުފުނޑުކޮށްލަނިވި ނަރަކައަށް އޭނާ އެއްލައިލައްވާނެކަން ކަށަވަރެވެ. އަދި ފުނޑުފުނޑުކޮށްލަނިވި ނަރަކައަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ ؟ އެއީ ﷲގެ އަނދަ އަނދާ ހުންނަ ނަރަކަޔެވެ. އެއީ ހިތްތަކަށް އޭގެ ހޫނާއި، ވޭން ފޯރަނިވި ނަރަކަޔެވެ. " سورة الهمزة :4-7
ޖަހަންނަމަ : އެއީ ނަރަކައިގެ ވަރަށް އަޑީގައިވާ ދަރަޖައެކެވެ. އަދި ﷲ އަށް ޝަރީކަކޮށް ބުދަށް އަޅުކަންކޮށް އުޅުން މީހުން އެތަނަށް އެއްލާލައްވާނެތެވެ.
ސަޢީރު : އެތަނަށް ސަޢީރު ކިޔުނީ އިރުއިރުކޮޅާ އެތަނުގެ އަހުލުވެރިން، ދިރުއްވަ ދިރުއްވާ ހުންނާނެތީއެވެ.
އަލް ހާވިޔަ : މިދަރަޖައަށް އަލް ހާވިޔަ ކިޔުނީ، އެދޮރުކޮޅުން ނަރަކައަށް އެއްލާލެވޭ މީހާ ދުވަހަކުވެސް އެތަނުން ނުނިކުންނާނެތީއެވެ. ނަރަކައިގެ މިދަރަޖައިގެ އަހުލުވެރިންނަށްހުރި ޢަޛާބުގެ ނުބައިކަން ނިކަންވިސްނާލައްވާށެވެ! އަލިފާނުން ހެދިފައިވާ ފަރުބަދައެއް އެތަނުގައިވާނެތެވެ. އަދި އެކަލާނގެއަށް ކާފިރުވިމީހުން، މޫނުވަތަށް އެފަރުބަދަ މަތީގައި ބޭއްވޭނެތެވެ. އެމީހުންގެ އަތްވާނީ ކަރުގައި އެއްސިފައެވެ، އަދި އެމީހުންގެ ކަރު ހުންނާނީ ފައިގައި އެއްސިފައެވެ. އަދި މިދަރަޖަ ބެލެހެއްޓުމަށް ޒަބާނިޔަ ކިޔުނު މަލާއިކަތްބޭކަލުންއުޅުއްވާނެތެވެ.
"ނިކަންހުރެ ތިމަންރަސްކަލާނގެ ޒަބާނިޔަ މަލާއިކަތުންނަށް ގޮވައިލައްވާހުށީމެވެ. " سورة العلق : 18
އެއްވެސްވަރެއްގައި ތިބާއަށް ނަރަކައިގެ ޢަޒާބަށް ކެތްކުރެވޭނެކަމަށް ހީނުކުރާށެވެ. ނަރަކައިގެ ޢަޒާބަށް ބިރުވެތިވެ އެއިން ސަލާމަތްވުމަށް މަސައްކަތްކުރާށެވެ. ގިނަގިނައިން ތަޢުބާވެ، ޙެޔޮ ޢަމަލުތައް އިތުރުކުރާށެވެ.
ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ. އިންސާނާގެ ސަލާމަތްކަން ގުޅިފައިވަނީ ނަރަކައިން ސަލާމަތްވެވުމާއިއެވެ. އެކަމަށްއެދި ކުރަންހުރި ދުޢާތައް ވަރަށް ގިނައެވެ.
"އަދި އެއުރެންނީ ދަންނަވާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ ޢަޛާބު، އަޅަމެންގެ ކިބައިން ދުރުކުރައްވާފާންދޭވެ! ހަމަކަށަވަރުން، އެތާނގެ ޢަޛާބަކީ ވަކިނުވެ ދެމިހުންނަކަމެކެވެ. " سورة الفرقان : 65
- އިސްލާމީ ތިލަފަތުގެ ދަރުސަކުން