ކުދިން (ތުއްތު /ކުޑަކުދިން) ނާއި މުޢާމަލާމަލާތުގައި ހެދޭ އެންމެ ބޮޑު ގޯސް ހެދެނީ ސުންނަތުގައި އެކަން އޮތްގޮތް ދަސްނުކުރާތީއެވެ. ނުވަތަ އެނގުނަސް ސަމާލުކަން ނުޑޭތީއެވެ.
ރަނގަޅަށް އަޑުއަޙާށެވެ! ކުޑަކުދިންނާއިވެސް ބޮޑެތިކުދިންނާއިވެސް އަދި ޒުވާނުންނާއި މުސްކުޅިންނާއިވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޢާމަލާތުކުރެއްވެވީ ޢުމުރާއި ގުޅޭގޮތަށެވެ. ކަންކަން ވިދާޅުވެދެއްވެވީވެސް އަދި ކުރާ ސުވާލުތަކަށް ޖަވާބުދެއްވެވީވެސް ހަމަ އެގޮތަށެވެ.
ގަނޑުވަރުކޮޅުގައި ޢުމުރުން 10 ވަރަކަށް އަހަރުގެ ކުޑަކުދިން ގެންގުޅުއްވެވިއެވެ. ދުވަހަކުވެސް އެއިން ޞަހާބީއަކަށް އަމުރުފުޅެއް ނުކުރައްވަވައެވެ. ނަޞީޙަތް ދެއްވެވީ އޯގާތެރިކަމާއިއެކުގައެވެ. ކުރެވޭ ކުށެއް ފާހަގަކުރައްވަވައި ރުހިޥަޑައި ނުގަތުމުގެ ބަސްފުޅެއްވެސް ޙަދީޘްފުޅުކުރައްވަވާފައެއް ނުވެއެވެ.
އެހެންކަމާއިއެކުވެސް ގޭގެއިން މިފެންނަނީ ޢުމުރުން 3 އަހަރުވަރުގެ ތުއްތުކުދިންގެ އަތުން ފެންތަށި ބަންޑުންވީމާ ރުޅިއައިސް ހަރުކަށިބަސް ބުނެވޭތަނެވެ. "މިކުއްޖާ އުޅެނީ އަބަދު އަހުރެންގެ ބޯގޮއްވަން" ކަމަށްބުނާއިރު ބޯގޮއްވުމަކީ ކޮބައިކަމެއް، އެއީ ކިހިނަކުން ކުރާ ކަމެއްކަންވެސް އެކުދިންނަކަށް ނުއެނގެއެވެ. އަދި އެފަދަ ބަސްތައް ބުނަނީ ކުދިންނަށް އެކަން ނުއެނގޭނެކަން އެނގިތިބެގެންކަމަށްވުމުން އެފަދަ ބަސްތައް ބުނާ ބެލެނިވެރިން އެކުރަނީ ކޮންފަދަ ނުބައި ޢަމަލެއް ހެއްޔެވެ؟ އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟
މިފަދަ ކިތަންމެ ގިނަ މިޘާލުތަކެއްވެސް ދެއްކިދާނެއެވެ. މިހިރީ ބެލެނިވެރިންނަށް ކުރެވޭ ބޮޑެތި ފާފަތަކެވެ. ވީމާ ކުދިންނާއިމެދު ޢަމަލުކުރުމުގައި ސުންނަތުގައި އޮތް ގޮތް ދަސްކުރާށެވެ! އެގޮތަށް ޢަމަލުކުރަން ސަމާލުކަންދޭށެވެ! އެކަމުގެ ފައިދާ ދަރިންގެ ކިބައިންވެސް ލިބޭނެއެވެ. އަދި އާޚިރަތުގައިވެސް ލިބޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސް