ގައިގަ ތަޅަމުން ބޭސްކުރިޔަސް ތަދުފިލާނެތަ؟ ރޮއްވަމުން ހެޔޮކޮށްހިތިޔަސް ލޯބިދެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ގައިގަ ތަޅަމުން ބޭސްކުރިޔަސް ތަދުފިލާނެތަ؟ ރޮއްވަމުން ހެޔޮކޮށްހިތިޔަސް ލޯބިދެވޭނެތަ؟

ވާހަކަ ފަށަމުންވެސް ކޮސްލަން ބޭނުންވަނީ މި 2 ސުވާލެވެ. އަނެކާގެ ގައިގައިވިޔަސް އަދި ތިމާގެ އަމިއްލަ ގައިގައި އަމިއްލައަށް ނަމަވެސް ތަޅައި އަނިޔާކުރަމުން ބޭސްކުރިޔަސް ތަދުފިލާނެ ހެއްޔެވެ؟ އަނެކާގެ ހިތުގައި ޖައްސުވައި ރޮއްވަމުން އޭނާއަށް ކިތަންމެ ވަރަކަށް ހެޔޮކޮށްހިތިޔަސް ތިބާ ބޭނުންވެގެން ތިއައުޅޭ ލޯބި އޭނާގެ ކިބައިން ލިބޭނެ ހައްޔެވެ؟ 

މަސައްކަތްމިކުރަނީ މި ދެ ސުވާލުގެ ޖަވާބު ދެވޭތޯއެވެ. އިން ޝާ ﷲ 

މަސައްކަތުން އެނބުރި ގެއަށް ދިއައީ އަނބިމީހާއަށް ބޭނުންވާނެ ތަކެއްޗާއި ދަރިންނަށް ބޭނުންވާނެ ތަކެތިވެސް ގަނެގެންނެވެ. އެއްޗެތި ލިބުމުން އެންމެން ތިބީ ވަރަށް އުފަލުންނެވެ. އެހެންތިއްބައި ހަދިޔާތައް ގެނައި މީހާގެ ދުލުން ކުއްލިއަކަށް އިވެން މިފަށަނީ ނުބައި ބަސްތަކެވެ. އަނެއްބައި ފަހަރު އެރޭ ނިދަންއެނދަށް އަރާފައި، ލޯބީގެ ވާހަކަތައް އަޑުއެހުމުގެ އިންތިޒާރުގައި އޮއްވެ އަޑުއަހަންޖެހެނީ ނުބައިބަސްތަކެވެ. 

ލޮބުވެތިއަޚޫންނާއި އުޚުތުންނޭވެ! މިގޮތަށް ކަންކަން ބަހައްޓައިގެން އުފާވެރިދިރިއުޅުމެއް ނުލިބޭނެ އެވެ. އަދި އާޚިރަތެއްވެސް ނުލިބޭނެއެވެ! 

ރަނގަޅަށް ވިސްނައި އަޑުއަހާށެވެ! ކިތަންމެ ބޮޑު ހިތްހަމަ ނުޖެހުމެއް އޮތް ނަމަވެސް ދަރިންގެ ކުރިމަތީގައި އެކަކުވެސް ނުބައިބަސްތައް ބުނެގެން ނުވާނެއެވެ! އެކުދިންނަށް އެއިރުން އެއީ ކުރަން ނުވާނެ ނުބައިކަމެއްކަން ޤަބޫލެއް ނުކުރެވޭނެއެވެ. ވީމާ އެއީ ދަރިންނަށް ދެވޭ ވަރަށް ނުބައި ތަރުބިއްޔަތެކެވެ. 

އެހެނީ އެކުދިންގެ ކުރިމަތީގައި ނުބައިބަސްތައް ބުނަމުން ގެންދާނަމަ އެކުދިންނަށް ޤަބޫލުކުރެވޭނީ ނުބައި ބަސްތައް ބުނުމަކީ ކުރަން އެންމެ ރަނގަޅުކަމެއް ކަމުގައެވެ. އެކަމުގައި އެއްވެސް ނުބައިކަމެއްވާކަމަށް ޤަބޫލެއްވެސް ނުކުރެވޭނެއެވެ. އެކަމުގެ ހެއްކަކީ މައިންބަފައިން އެކަކު އަނެކަކަށް ނުބައި ބަސްތައް ބުނާ ގޭގޭގެ ކުދިން ރުޅިއައުމުން ގޭތެރޭގައިވެސް ސްކޫލުގައިވެސް އެހެންތަންތަނުގައިވެސް ނުބައި ބަސްތައް ބުނާކަމެވެ. ކޮންމެފަދަ ނުބައިބަހެއް ބުނަންވެސް ޖހިލުން ނުވާކަމެވެ! 

މީގެ އިތުރުން ރުޅިއަންނައިރަށް ނުބައިބަސްތައް ބުނާނަމަ އެމީހަކުކޮށްދޭ ހެޔޮ ކަންކަމުގެ އަގުވަޒަންކުރަންވެސް އުދަގޫވާނެއެވެ. ބަލައެއް ނުގަނެވޭނެއެވެ. އެމީހަކު ދެކެ ފޫހިވާނެއެވެ. ނަފްރަތުކުރެވޭނެއެވެ! 

އަދި ކީއްހެއްޔެވެ؟ އެއްވެސް މީހަކަށް ނުބައިބަސް ބުނުމަކީ އެބަސްތައް އެނބުރި ތިމާއާއި ދިމާއަށް އަންނާނެ ކަމެކެވެ. އެކަމުގެ ގެއްލުން ދުނިޔޭގައިވެސް ކުރާނެ ކަމެކެވެ. އެންމެ ގިނަބައަކަށް ދުނިޔޭގައި މުޞީބާތްތައް ކުރިމަތިވާ އެންމެ ބޮޑު އެއްސަބަބަކީ އެމީހާގެ ދުލުގެ ނުބައިކަމެވެ. އެހެން މީހުންނަށް ބުނެވޭ ނުބައި ބަސްތަކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން