ދައްކަން މިއުޅެނީ ނިކަމެތި ފަޤީރުންގެ ވާހަކައެއް ނޫނެވެ. ފުދުންތެރިކަން ހުރި މީހުންގެ ވާހަކައެވެ. އެފަދަ ބައެއް މީހުން ދަރިންގެ ބޭނުންތައް ފުއްދައިދެއެވެ. ކިޔަވަން ޚަރަދުވެސްކުރެއެވެ. ނަމަވެސް އެހިސާބުން ހުރިހާ ކަމެއް ނިމުނީ ކަމަށް ބަލައެވެ.
ނަތީޖާއަކަށްވަނީ ކުދިންގެ ކަންކަން ނުބެލުމެވެ. ސްކޫލުގައި ކުރާ މަސައްކަތް ނުބެލުމެވެ. ގޭގައި ފިލާވަޅު ދަސްކުރާނެ މާޙައުލެއް ފަހިކޮށްނުދިނުމެވެ. އަބަދު ޓީވީ ބެލުމާއި މަޖާކުރުން ކުރިއަށް ގެންދިއުމެވެ. އަދި އެނޫންވެސް ހުރަސްތައް ދަރިންނަށް ކުރިމަތިކުރުވުމެވެ.
ލޮބުވެތި ބެލެނިވެރިންނޭވެ! ޒިންމާދާރުވާށެވެ! ދަރިން ލިބުމުން ތިމާމެންގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އެދަރިންނަށް ތަޢްލީމްދީ ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުން ކަމުގައި ހަދާށެވެ.
ގޭގައި ގިނަ ބައަކު އުޅޭނަމަވެސް ހުރިހާ ބެލެނިވެރިން މިކަންކަމަށް މަޝްވަރާކުރާށެވެ! ގޭގެ ހުރިހާ ކުދިން ފިލާވަޅު ދަސްކުރަން ޚާއްޞަ ގަޑިތަކެއް ކަނޑައަޅާށެވެ! އެންމެން އެކަމަށް އެއްބާރުލުން ދޭށެވެ!
ގިނަ ބައަކު އެކުގައި ދިރިއުޅޭނަމަ އެންމެންގެ އެއްބާރުލުން ލިބިގެން ނޫނީ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. ކިޔަވައެއްވެސް ނުދެވޭނެއެވެ. ކުދިންނަށް އެންމެ މަތިން ވަނަ ނުލިބުމުން ކުދިން ކުށްވެރިކުރުމުގެ ކުރިން ތިމާމެންގެ ކުށްތައް އިޞްލާޙްކުރާށެވެ!
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! މިފަދަ މައްސަލަތަކަށް ކުދިން ކަންބޮޑުވާ މިންވަރާއި ބެލެނިވެރިންގެ މަސްއޫލިއްޔަތު އެނގިލައްވާނެއެވެ. އިން ޝާ ﷲ
"އަޅުގަނޑަކީ މައިންބަފައިންގެ ބެލުމުގެދަށުގައި ހުރެގެން ކިޔަމުންދާ ކުއްޖަކީމެވެ. ގްރޭޑް 12 ގައެވެ. އަޅުގަނޑަށް ކާންދެއެވެ. ޔުނިފޯމްދެއެވެ. ފޮތްފަންސޫރު ހޯދައިދެއެވެ.
އެކަމަކު މިޘާލަކަށް ދެމީހުންކުރެ މީހަކު ދުވަހަކުވެސް އަޅުގަނޑުގެ ފޮތެއް ބަލައެއް ނުލައެވެ. ހަދާ އެސައިންމަންޓްތަކެއް ނުބަލައެވެ. ރިޕޯޓްފޯމުން ނޫނީ ލިބޭ މާކުހެއް ނުބަލައެވެ.
ފިލާވަޅު ދަސްކުރަން އިންނައިރު ކުދިން އައިސް އުނދަގޫކުރިނަމަވެސް އެކަމެއްވެސް ނުހުއްޓުވައެވެ. ކިޔަވަން އިންދައިވެސް ގޭގެ ކަންކަން ކުރަން ބުނެއެވެ.
މިއިން ކަމަކާ ބަހެއް ބުނެފިނަމަ ކުށްވެރިވާނީ އަޅުގަނޑެވެ. ސުވާލަކީ އަޅުގަނޑަށް ބޭނުންވާ ކަންކަން ކޮށްދިންނަމަވެސް މިދެންނެވި ކަންކަން މަންމަމެން ނުބަލާނަމަ އަޅުގަނޑަކީ މާތް ﷲ އަންގަވާފައިވާ ގޮތަށް ބަލަހައްޓާ ދަރިއަކަށްވާނެތޯއެވެ؟"
ޒުވާން ކިޔުންތެރިޔާގެ ސުވާލުން ފާހަގަކުރެވޭ މައްސަލައަކީ މައިންބަފައިން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްބައިން ފޭލްވެފައިވާ ކަމެވެ. ނުވަތަ އެމީހުންނަށް ނުވިސްނެނީކަމެވެ. އެހެނީ ދަރިން ކުރާ މަސައްކަތް ނުބަލައި، ހޮދާ މާކްސްއަށް ތަޢްރީފް ނުކުރާނަމަ އެއީ ދަރިންގެ ހިތްވަރު އެލިގެންދާ ކަމެކެވެ. މައިންބަފައިންނާއިމެދު މާޔޫސްވެވޭ ކަމެކެވެ. އެކަމަށް މައިންބަފައިން ނުވިސްނައިފި ނަމަ ވަރަށް ސީރިއަސް މައްސަލަތައްވެސް ހިނގާފައި އެބަހުއްޓެވެ.
މަސްއޫލިއްޔަތު އަދާކުރުމާއި ބެހޭގޮތުން ޑރ. އަނާރާ ނަޢީމް ވިދާޅުވެފައިވެއެވެ.
بسم الله الرّحْمَانِ الرَّحِيْم
ލޮބުވެތި އަޚުންނާއި އުޚުތުން! السَّلامْ عَلَيْكُم وَرَحْمَة الله وَبَرَكَاتُه
ކޮންމެ މީހަކީވެސް މަސްއޫލިއްޔަތު ތަކެއް އަދާކުރަމުންދާމީހެކެވެ. އެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރަން ބެނުންވާނެ މީހެކެވެ. އަދި އިސްލާމްދީނުގައިވެސް ތަރުޙީބުދެނީ އެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަޔަށް އަދާކުރުމަށެވެ.
އެގޮތުން ކީރިތި ރަސޫލާ صَلَّى الله عَلَيْه وَسَلَّم ގެ حَدِيْثْ ބަސްފުޅެއްގައިވޭ إنَّ الله يُحِبُّ إِذَا عَمِلَ أَحَدُكُمْ عَمَلاً أَنْ يُطْغِنة މާނައަކީ ކޮންމެމީހަކު ކޮންމެ ކަމެއް ކުރިޔަސް އެންމެ ފުރިހަމަޔަށް އެކަމެއް ކުރުން ﷲ سُبْحَانَهُ وَتَعَالى ލޯބިވެ ވޮޑިގަންނަވައެވެ.
އެހެންވީމާ އަޅުގަނޑުމެން ކޮންމެ ކަމެއް ކުރާއިރުވެސް އެންމެ ފުރިހަމަޔަށް އެންމެ ރަގަޅަށް އެކަމެއް ކުރެވޭތޯ ބަލަން ޖެހޭ. އޭރުން އެކަމުގެ ފައިދާ ލިބިގެންދާނީ ހަމަ އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް. އަދި އަޅުގަނޑުމެންގެ މުޖުތަމަޢަށް އަޅުގަނޑުމެންގެ ޤައުމަށް. އެހެން ވީމާވަރަށް މުހިންމު ރާވާލައިގެން ކޮންމެ ކަމެއްގައިވެސް ވަޤުތު ދީގެން އެކަމެއް ކުރުން. އަދި ޚާއްޞަކޮށް އެކި މީހުންގެ މަސްއޫލިއްޔަތު ތަކާއި، ޒިންމާތައް ތަފާތުވާއިރު އޮފީހެއްގައި އުޅޭނަމަ އެމީހަކު އަދާކުރާ ވަޒީފާ ތައްވެސް އެންމެ ފުރިހަމަޔަށް އަދާ ކުރެވޭތޯ ބަލަން ޖެހޭ ތެދުވެރިކަމާއި އަމާނާތްތެރި ކަމާ އެކު.
ހަމަ އެގޮތަށް ކުދިން ބެލުން އެއީ މަސްއޫލިއްޔަތެއް ކަމުގައިވާ ބައެއްނަމަ އެމީހުން އެބަޖެހޭ އެމީހުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ހުރިހާ ވަޤުތެއްގަވެސް ސަމާލުކަން ދޭން. ދެން މިސާލަކަށް ކިޔަވާ ކުއްޖެއް ނަމަ އެކުއްޖަކު އެބަޖެހޭ އެކުއްޖެއްގެ ކިޔެވުމުގެ ކަންތައްތައް އެންމެ ފުރިހަމައަށް އެންމެ ރަގަޅަށް ގެންދެވޭތޯ ބަލަން. އެގޮތަށް ރަނގަޅަށް ފަރުވާތެރި ކަމާއި އެކު މަސައްކަތް ކުރާނަމަ އެމީހަކަށް ދުނިޔޭގަވެސް ކާމިޔާބު އަދި އާޚިރަތުގަވެސް އެމީހަކަށް ކާމިޔާބު ލިބިގެން ދާނެކަމަށް ޢިލްމުވެރިން ބަޔާން ކުރައްވާ!
އަޅުގަނޑުގެ ދުޢާ އަކީ އަޅުގަނޑުމެން އެންމެންނަކީވެސް ކުރާކަމެއް އެންމެ ފުރިހަމަޔަށް އެންމެ ރަނގަޅަށް ކުރުމަށް ސަމާލުކަންދޭ ބަޔެއްގެ ގޮތުގައި ﷲ ލެއްވުން
والسّلام عليكم وَرَحَمَة الله وَبَرَكَاتُه
- ޑރ. އަނާރާ ނަޢީމް