ނަމާދު އެންމެ ފުރިހަމަ ގޮތުގައި ކުރަން މަސައްކަތްކުރަމާ ހިނގާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 22ސ
ނަމާދު އެންމެ ފުރިހަމަ ގޮތުގައި ކުރަން މަސައްކަތްކުރަމާ ހިނގާށެވެ!

ނަމާދު ނަމާދަކަށްވާނީ ނަމާދުކުރަން ރަސޫލް ޞިއްލަﷲ ޢަލައިހި ވަސައްލަމަ ދަސްފުޅުކޮށް ދެއްވެވި ގޮތަށް ކުރުމުންނެވެ. އެހެންކަމާއިއެކުވެސް ކަންނެތްވެ އަތް އުފުލަންޖެހޭ މަޤާމުތަކުގައި އަތްއުފުލައިވެސް ނުލައި އެބަ ނަމާދުކުރެއެވެ. އަނެއްބައަކު އަތް އުފުލައިލަނީ ހަމައެކަނި ހަމައެކަނި ނަމަކަށެވެ.  

މިވާހަކަ ތަކުރާރުކޮށް ހަނދާންކޮށްދޭންޖެހެނީ މިސްކިތްތަކުން މިކަންކަން ފެންނަލެއް ގިނަކަމުންނެވެ. ކުރާ ނަމާދުގެ ފައިދާ ލިބިގަނެވޭނީ ވީހާފުރިހަމއަކަށް ނަމާދުކުރަން މަސައްކަތްކުރުމުންނެވެ.  

ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

ނަމާދުގައި ހަތަރު ތަނެއްގައި ދެއަތް އުފުލުމަކީ ސުއްނަތްވެގެންވާ ކަމެކެވެ. 

އެއީ:

1- ހަށަންބަން ތަކުބީރާއެކު

2- ރުކޫޢަށް ދާއިރު

3- ރުކޫޢުން ތެދުވާ ހިނދު

4- ފުރަތަމަ އައްތަޙިއްޔާތުން ތެދުވާހިނދު 

މިހަތަރު ތަނުގައި ދެއަތް އުފުލުމާބެހޭގޮތުން ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢުމަރު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. 

(عن النبي صلى الله علية وسلم أنه كان : إذا دخل في الصلاة ، كبر ورفع يديه ، وإذا ركع رفع يديه ، وإذا قال : سمع الله لمن حمده رفع يديه ، وإذا قام من الركعتين رفع يديه - رواه البخاري 2/222 وأبو داود1/197 .)  

ހަމަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަމާދަށް ފަށްޓަވާ ހިނދު ތަކުބީރު ވިދާޅުވެ ދެއަތް އުފުއްލަވައެވެ. އަދި ރުކޫޢަށް ވަޑައިގަންނަވާހިނދު ދެއަތް އުފުއްލަވައެވެ. އަދި (سمع الله لمن حمده) ވިދާޅުވާހިނދު ދެއަތް އުފުއްލަވައެވެ. އަދި ދެރަކުޢަތަށްފަހު ތެދުވެ ވަޑައިގަންނަވާ ހިނދު (އެބަހީ؛ ފުރަތަމަ އައްތަޙިއްޔާތުން ތެދުވެވަޑައިގަންނަވާ ހިނދު) ދެއަތް އުފުއްލަވައެވެ. 

އަލްއިމާމުއްނަވަވީ ރަޙިމަހުﷲ، މުސްލިމުގެ ޝަރަޙައިގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، ނަމާދުގައި ދެއަތް އުފުލަންޖެހެނީ ދެކޮނޑާއި ހަމައަށް ނުވަތަ ކަންފަތާ ހަމައަށެވެ. 

ނަމާދުގައި ދެއަތް އުފުލުމާއިމެދު އައިސްފައިވާ ޞައްޙަ ޙަދީޘްތައް އަލްއިމާމް އަބޫޙަނީފާ ރަޙިމަހުﷲ އާއި ހަމައަށް ފޯރާފައިވާ ކަމެއް އެނގޭކަށް ނެތެވެ. އެހެންނަމަވެސް އެކަލޭގެފާނަށް ތަބާވި ބޭކަލުންނަށް އެ ޙަދީޘްތައް ފޯރާފައިވެއެވެ. އެބޭކަލުން އެޙަދީޘްތަކަށް ޢަމަލު ނުކުރެއްވީ އެބޭކަލުންނާއި ހަމައަށް ނަމާދުގައި އަތްއުފުލުން މަނާކުރާ ޙަދީޘްތަކެއް އައިސްފައި ހުރުމުންނެވެ. 

އެހެން ނަމަވެސް މި ބާބުގައި ނަމާދުގައި ދެއަތް އުފުލުން މަނާ ކުރާ ޙަދީޘްތަކާއި އަޘަރުތަކަކީ އެއީ ސަނަދުގެ ގޮތުން ބަލިކަށި ރިވާޔަތްތަކެއް ކަމުގައި ޙަދީޘް ޢިލްމުވެރިން ވިދާޅުވެއެވެ. 

އޭގެތެރެއިން އެއް ޙަދީޘަކީ އިމާމް އަބޫދާއޫދު ރަޙިމަހުﷲ، ﷲ ރުއްސުންލެއްވި އަލްބަރާއު ބުނު ޢާޒިބުގެ އަރިހުން ރިވާ ކުރައްވާފައިވާ މި ޙަދީޘެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަމާދު ފަށްޓަވާހިނދުގައި ދެއަތް ގާތްގަނޑަކަށް ކަންފަތާ ހިސާބަށް އުފުއްލަވައެވެ. އަދި އެއިގެ ފަހުން އެކަން ނުކުރައްވައެވެ. 

މިއީ ބަލިކަށި ރިވާޔަތެއް ކަމަށް ސުފްޔާން ބުނު ޢުޔައިނާ (ރަޙިމަހުﷲ)، އާއި އަލްއިމާމް ޝާފިޢީ (ރަޙިމަހުﷲ) އާއި އިމާމް ބުޚާރީގެ ޝައިޚް – އަލް ޙުމައިދީ (ރަޙިމަހުﷲ) އާއި އަޙްމަދު ބުނު ޙަންބަލް (ރަޙިމަހުﷲ) އާއި ޔަޙްޔާ ބުނު މަޢީން (ރަޙިމަހުﷲ) އާއި އައްދާރަމީ (ރަޙިމަހުﷲ) އާއި އިމާމް ބުޚާރީ (ރަޙިމަހުﷲ) އާއި އެހެން ޙަދީޘް އިލްމުވެރިން ބަޔާން ކުރައްވާފައިވެއެވެ. 

އަނެއް ޙަދީޘަކީ އިމާމް އަބޫދާއޫދު ރަޙިމަހުﷲ، ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު މަސްޢޫދުގެ އަރިހުން ރިވާކުރައްވާފައިވާ ރިވާޔަތެކެވެ. އިބްނު މަސްޢޫދު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަމާދުކުރެއްވިގޮތަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ނަމާދުކޮށްދެއްވަން ހެއްޔެވެ؟ ދެންފަހެ އެކަލޭގެފާނު ނަމާދު ކުރެއްވިއެވެ. އަދި އެއް ފަހަރު މެނުވީ ދެއަތް ނުއުފުއްލަވައެވެ. (نصب الراية للزيلعي (1/393-407)) 

މި ރިވާޔަތަކީ ބަލިކަށި ރިވާޔަތެއްކަމުގައި ޢަބްދުﷲ ބުނު މުބާރަކް (ރަޙިމަހުﷲ) އާއި އަޙްމަދު ބުނު ޙަންބަލް (ރަޙިމަހުﷲ) އާއި އިމާމް ބުޚާރީ އާއި އަލްބައިހަޤީ (ރަޙިމަހުﷲ) އާއި އައްދާރުޤުޠްނީ (ރަޙިމަހުﷲ) އާއި އެހެނިހެން ޙަދީޘް ޢިލްމުވެރިން ބަޔާން ކުރައްވާފައިވެއެވެ. 

އަދި އިމާމް ބުޚާރީ ރަޙިމަހުﷲ ވަނީ ނަމާދުގައި ދެއަތް އުފުލުމާއިމެދު (جزء في رفع اليدين) މި ނަމުގައި ވަކި ފޮތެއް ލިޔުއްވާފައެވެ. އެފޮތުގައި ނަމާދުގައި ދެއަތް އުފުލުމަކީ އޮތްކަމެއްކަން ސާބިތު ކުރައްވާފައިވެއެވެ. އަދި އެއާއި ޚިލާފުވާ ފަރާތްތަކާއިމެދު ވަރުގަދައަށް އިންކާރު ކުރައްވާފައިވެއެވެ. އެފޮތުގައި ވެއެވެ. [ އަލްޙަސަން - ރަޙިމަހުﷲ - ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަޞްޙާބުބޭކަލުން ނަމާދުގައި ރުކޫއަށް ވަޑައިގަންނަވާހިނދުގައްޔާއި ރުކޫޢުން ތެދުވެވަޑައިގަންނަވާހިނދު ދެއަތް އުފުއްލަވާކަމުގައި ވިއެވެ.] އަދި އިމާމް ބުޚާރީ ރަޙިމަހުﷲ ވިދާޅުވިއެވެ: އަލްޙަސަން ރަޙިމަހުﷲ އެއްވެސް ޞަޙާބީއަކު އިސްތިސްނާއެއް ނުކުރައްވއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަޞްޙާބުންގެ ތެރެއިން އެއްވެސް ބޭކަލަކު ނަމާދުގައި ދެއަތް ނުއުފުއްލަވާކަމަށް ސާބިތު ވެގެން ނުވެއެވެ. (المجموع للنووي (3/399-406))

އެހެންކަމުން އަޅުގަނޑުމެންނަށް ވާޖިބުވެގެންވަނީ ޞައްޙަ ސުއްނަތް ބަޔާން ވުމުން އެއަށް ތަބާވުމެވެ. އިމާމް ޝާފިޢީ ރަޙިމަހުﷲ ވިދާޅުވިއެވެ. [ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ސުއްނަތެއް ސާބިތުވެ އެނގިއްޖެނަމަ، މީހެއްގެ ބަހަށްޓަކައި އެ ސުއްނަތް ދޫކޮށްލުން އެއްވެސް މީހަކަށް ހުއްދަވެގެން ނުވާކަމަށް ޢިލްމުވެރިން އިޖުމާޢުވެ (އެއްބަސްވެ) ވަޑައިގަންނަވައެވެ. (مدارج السالكين (2/335)) 

އެހެންކަމުން މަތީގައި ބަޔާންވެގެންވާ ހަތަރު ތަނުގައި ނަމާދުގައި ދެއަތް ދެކޮނޑާއި ހަމައަށް ނުވަތަ ދެކަންފަތާއި ހަމައަށް އުފުލުމަކީ ސުއްނަތެކެވެ.

والله أعلم

 

މިއަދު އޮންލައިން