ބޭނުން ކޮންމެ ވަޤުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް މުޅިން ހިލޭ ﷲ ތަޢާލާއަށް ކުރެވޭ "ކޯލް" ނުކުރާ މީހުންނަށް ޖެހޭނެ ޙާލު އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
ބޭނުން ކޮންމެ ވަޤުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް މުޅިން ހިލޭ ﷲ ތަޢާލާއަށް ކުރެވޭ "ކޯލް" ނުކުރާ މީހުންނަށް ޖެހޭނެ ޙާލު އެނގޭތަ؟

ދައްކަން މިއުޅެނީ އިސްލާމް ދީނުގައިވާ އެންމެ އަގުހުރި، ތިމާއަށް އެންމެ ފައިދާކުރާނެ ފުރުޞަތުތަކުގެ ތެރެއިން ގިނަ ބައަކު އެންމެ ބޭނުން ނުކުރާ ފުރުޞަތުގެ ވާހަކައެވެ. އެކަމުން އެމީހަކަށް ލިބޭނެ ގެއްލުމަކީ ފޫބެއްދެން އޮތް ކަމެއް ނޫން ކަމުގެ ވާހަކައެވެ. ވީމާ ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ! 

މީސްތަކުންނޭވެ! މިޒަމާނުގައި އެއްވެސް މީހަކާއި ގުޅާލައި ވާހަކަދައްކައިލުމަކީ އެއްވެސް އުނދަގޫކަމެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރިމީހަކަށްނަމަވެސް ވަޤުތުން ގުޅައިލަންވީ ފޯނާއި އެހެނިހެން ޑިވައިސްތަކުން ނުހަނު ފަސޭހައިން އެކަން އެބަކުރެވެއެވެ. ވައިފައި ލިބޭނަމަ ކޯލަށް ކަރަދުކުރާކަށްވެސް ނުޖެހެއެވެ. 

ދެން އޮތީ ﷲ ތަޢާލާއަށް "ކޯލް"ކުރުމެވެ. ޓެކްނޮލޮޖީގެ ގޮތުން މިހައި ބޮޑަށް ކުރިއަރައި ފޯނާއި ވަސީލަތްތައް މިހައި މިންވަރަށް ޢާންމުވަންދެން ކުރިން މިބުނި މަގުން ފޯނު ނުކުރެވި ތިބެންޖެހުނު ނަމަވެސް ދުނިޔޭގައި އާދަމްގެފާނު ލެއްވެވީންސުރެ ﷲ ތަޢާލާއަށް "ކޯލް"ކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. ފޯނެއް ނުވަތަ އެނޫން އެއްޗެއްވެސް ބޭނުމެއް ނުވެއެވެ. އެންޓެނާ ޖަހައި ރޭންޖްހޯދާކަށް ނުޖެހެއެވެ. ޖައްވީ ސެޓެލައިޓެއްވެސް ބޭނުމެއް ނުވެއެވެ. ވައިފައިއެއްވެސް ބޭނުމެއް ނުވާނެއެވެ. 

ހަމައެކަނި ކޮށްލަންޖެހޭ ކަމަކީ ދުޢާކޮށްލުމެވެ. އެކަމަށްވެސް އޮތް ފަސޭހަވަރަކީ ހިތަށް އަރުވައިލިނަމަވެސް އެއޮތީ ދުޢާކުރެވިފައެވެ. 

އެކަމަކު މި "ފްރީކޯލް" ކުރެވޭނީ ދުނިޔޭގައި ހުރެއެވެ. މަރުވުމަށްފަހު އެފުރުޞަތު ލިބޭނީ އަތުންއެއްވެސް ޚަރަދެއް ނުކޮށް މުޅިން ހިލޭ ލިބެން އޮތް އެ އަގުބޮޑު ފުރުޞަތުގެ ބޭނުން ދުނިޔޭގައި ހުރެ ހިފި މީހަކަށެވެ. އެފުރުޞަތުގެ ބޭނުން ނުހިފިނަމަ ދެނަ ކަންކަންވެގެންދާ ގޮތާއިމެދު ވިސްނައިލަމާ ހިނގާށެވެ! 

ﷲ ތައާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވާފައިވަނީ މީސްތަކުންނޭވެ! ކަންކަމަށް އެދި ތިމަން ﷲ އަށް ގިނަގިނަގިނައިން ދަންނަވާށެވެ! ޢިޖާބަކުރައްވަވާހުށީމެވެ! ނަމަވެސް ނަރަކައިގައި މިހާލަތު އަންނަނީ މުޅީން ބަދަލުވެގެންނެވެ. ނިކަން ވިސްނައިބަލާށެވެ! 

ނަރަކައިގެ އަހުލުވެރިން ނަރަކައިގެ ބަނޑޭރި މާލިކްގެފާނަށް ގޮވާނެއެވެ. އެގޮވާލުމަށް މާލިކްގެފާނު ޖަވާބު ދެއްވަވާނީ 40 އަހަރުފަހުންނެވެ. މާލިކްގެފާނު ދެއްވަވާނެ ޖަވާބަކީ: "ތިއަބައިމީހުން ތިއަތަނުގައި ޢަޛާބުގައި ދެމިތިބޭށެވެ!". 

ދެން އެމީހުން ނަރަކައިން ނެރުއްވަވައި ދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވާނެއެވެ. އެއިގެ ޖަވާބު ﷲ ތަޢާލާ ދެއްވަވާނީ 40 އަހަރު ފަހުންނެވެ. ދެއްވަވާނެ ޖަވާބަކީ: "ތިއަބައިމީހުން ނިކަމެތިކަމާއިއެކީ ހިމޭންވެ ތިބޭށެވެ! ތިމަން ﷲ އަށް ބަސް ނުދަންނަވާށެވެ!"

صحيح الترغيب والترهيب (3691) 

"ތިމަން ﷲ އަށް ބަސް ނުދަންނަވާށެވެ!" މި ބަސްފުޅުން އެމީހުންނަކީ ﷲ ތަޢާގެ ރަޙްމަތްފުޅުން ބޭރުކޮށްލެއްވިފައިވާ ބައެއްކަން އެބަ އެނގެއެވެ. އެފަދަ މީހުންގެ ތެރޭގައި ނުހިމެނުމަށް މަސައްކަތް ކުރަންވީ މިއަދު އެވެ. އެކަމަށް އަމުރުފުޅު ކުރައްވަވައި މިއަދު މިވަނީ ފުރުޞަތު ދެއްވަވައިފައެވެ. އެ ފުރުޞަތުގެ ބޭނުން ނުހިފައި ހިތަށް އެރިހައި ގޮތަކަށް އުޅެ ނަރަކައަށް ދާންޖެހުމުން ކިތަންމެ ވަރަކަށް ރޮއި އާދޭސް ކުރި ނަމަވެސް އެކަމުން އެއްވެސް އެއްވެސް ނަތީޖާއެއް ނުފެންނާނެކަން މިބަސްފުޅުތަކުން އެނގިގެންދެއެވެ. 

ބަންގީގެ އަޑު އިވުމުން އެއީ ތިމާ އާއި ބެހޭ ކަމެއް ކަމަށް ނުހަދައި މިއަދު ތިބެވިދާނެއެވެ! ނޫނީ އެއީ ކޮންމެވެސް ދުވަހަކުން ތިމާ ވެސް ކުރާނެ ކަމެއް ކަމަށް އުންމީދުކޮށްގެން ހުރެވިދާނެއެވެ. ބިރުވެރިކަން ހުރީ އުންމީދުކޮށްގެން ހުންނަ ދުވަހާއި ބައްދަލު ނުވެ މަރުވެދާނެކަމަށެވެ. 

ނަމާދު ވަގުތު ޖެހުމުން ނުވަތަ ވަގުތު ކައިރިވުމުން އެކަން ހަނދާންކޮށްދޭނެ މީހަކު މިއަދަކު ބޭނުމެއް ނުވެއެވެ. އަތުގައި އޮންނަ ސްމާޓް ފޯނު ކައިރީގައި ބުނެލުމުން އެކަން ހަމަ ހިލޭ ސާބަހަށް ކޮށްދެއެވެ. ވީއިރު ﷲ ތަޢަލާގެ ޙަޟްރަތުގައި ދެއްކެން އޮންނާނީ ކޮން ބަހަނާއެއް ހެއްޔެވެ؟ "ތިމަން ﷲއަށް ބަސް ނުދަންނަވަން" އަމުރުފުޅު ކުރައްވަވާ މީހުންގެ ތެރެއިން ނުވުމަށް ގަދައަޅައި މަސައްކަތްކުރާ ބައަކަށްވާށެވެ. 

ނަރަކައިގެ އަލިފާނުގެ ހޫނުގަދަ ކަމަށާއި ނަރަކައިގައި ލިބޭނެ ގަދަފަދަ ޢަޒާބަށް ބިރުވެތިވާންވީ މިއަދުއެވެ. އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެ ކަމަށް ބުނާ ބުނުމަށް ހޭލުންތެރިވާ ބައަކަށްވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން