ސުންނަތް ކޮންމެ ނަމާދަކީވެސް އެމީހަކު ބޭނުންވަރަކަށް ދިގުކުރެވިދާނެ ނަމާދެކެވެ. ނަމަވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޟުޙާ ނަމާދުކުރެއްވެވީ ތަހައްޖުދު ނަމާދު ފަދައިން އެހައި ދިގުކޮށެއް ނޫނެވެ.
އެކަމުގެ ސަބަބުތައްވެސް ވަރަށް ޟުފެވެ. ޟުޙާނަމާދަކީ ވަޤުތު ދެމިގެންވާ ނަމާދެއް ނަމަވެސް އެ ވަޤުތުތައް މިއޮތީ މެންދުރުނަމާދު ވަޤުތު ޖެހުމާއި ހަމައަށެވެ. އެއީ މީސްތަކުން ރިޒުޤް ހޯދަން ނުވަތަ އެނޫންވެސް މަސައްކަތްތައް ކުރާނެ ވަޤުތެވެ.
8 ރަކްއަތް ނުކުރެވޭނަމަ މަދުކުރާށެވެ! 4 ރަކްއަތްކުރިޔަސް ހަމަ ރަނގަޅެވެ. އަދި 2 ރަކްޢަތް ކުރިނަމަވެސް ފުދޭނެއެވެ.
ޟުޙާނަމާދަކީ ތަޤްވާވެރިންގެ ނަމާދެވެ. ހެޔޮލަފާ ޞާލިޙް އަޅުންނަށް ކުރެވޭނެ ނަމާދެކެވެ. ވީމާ އެންމެ ހެޔޮލަފާ ޞާލިޙް، "އައްވާބުން"ގެ ތެރޭގައި ހިމެނުމަށްވެސް ކުރަން އޮތް ނަމާދެކެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަޞިއްޔަތްފުޅެކެވެ. ހަމަ އެއާއެކު ޟުޙާ ނަމާދުގެ 2 ރަކްއަތް ކުރުމުން އަހުރެމެންގެ ހަށިގަނޑުގައިވާ ގުނަވަންތަކުން ކޮންމެ ދުވަހަކު ﷲ ތަޢަލާއަށް އަދާކުރަންޖެހޭ ޞަދަޤާތް އަދާކުރެވުނީއެވެ. އެއީވެސް ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން