އުފާވެރިކަން ލިބުންވަނީ އަރާމު ނިދި ދޫކޮށްލައި ކައްވަޅުން ތެދުވަންޖެހުނީތީ ޝަކުވާ ކުރަމުން ކައްވަޅުން ތެދުވަން ލިބޭ މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އުފާވެރިކަން ލިބުންވަނީ އަރާމު ނިދި ދޫކޮށްލައި ކައްވަޅުން ތެދުވަންޖެހުނީތީ ޝަކުވާ ކުރަމުން ކައްވަޅުން ތެދުވަން ލިބޭ މީހުންނަށް!

އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލުވެވެނީ މަރާއިމެދުގައެވެ. އެހެންވެ ކައްވަޅަށްދާން ޖެހެނީ އެކަމަށް ތައްޔާރު ނުވެވި ހުއްޓައެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ އަޅެއްގެ ގޮތުގައި ނޫނީ ފުރާނަ ނުހިއްޕެވުން އެދިގެން ދުޢާކުރަންޖެހެނީ އެސަބަބަށްޓަކައެވެ. 

ވިސްނައިލާށެވެ! ދުނިޔޭގައި ކިތަންމެ ބޮޑު ތަކްލީފެއް އުފުލަންޖެހުނަސް ކައްވަޅުގައި އުފުލަންޖެހޭނެ ތަކްލީފްތަކާއި އަޅައިބަލައިފިނަމަ ދުނިޔޭގައި އުފުލަންޖެހުނު ތަކްލީފަކީ ޛައްރެއްގެ މިންވަރުކަމުގައިވެސް ނުވާނެއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގައި ކިތަންމެ ބޮޑު ހިތްދަތިކަމެއްގައި ނުވަތަ ކިތަންމެ ބޮޑު މުޞީބާތެއްގެ ތެރޭގައި އުޅެންޖެހުނު ނަމަވެސް ނިދައިލެވޭނެއެވެ. އަރާމުކޮށްލެވޭނެއެވެ. ކައްވަޅުގައި ނިދައިލެވޭނީ ﷲ ތަޢާލާ އިރާދަކުރެއްވެވި އަޅަކަށެވެ. މާނައަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ އެކަލާނގެ އަންގަވާފައިވާ ގޮތަށް އުޅުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުނު މީހަކަށެވެ. 

ކައްވަޅުގައި ނިދައިލެވޭނީ މަލާއިކަތުން އުފާވެރިކަމުގެ ޚަބަރު ދެއްވަވައި ތިބާ "ޤިޔާމަތާއި ހަމައަށް ނިދައިލާށޭ" ވިދާޅުވި މީހަކަށް އެކަންޏެވެ، ނޫންނަމަ ލޮލުފިޔަވެސް ޖަހައި ނުލެވޭނެއެވެ. ހިނދުކޮޅަކަށްވެސް ނުނިދޭނެއެވެ. ކައްވަޅުގައި ޢަޛާބުލިބުން ޙައްޤު މީހަކަށްވެއްޖެނަމަ ޤިޔާމަތާއި ހަމައަށްވެސް އޮންނަންޖެހޭނީ ޢަޛާބުލިބިލިބިއެވެ. 

ކައްވަޅުގައި ނިދައިލެވުނު މީހުން، ޤިޔާމަތްވުމުން، ތާޅަފިލީގެ އަޑަށް ކައްވަޅުން ތެދުވާނީ އެމީހުންނަށް ނިދީން ހޭލަންޖެހުނުކަމަށްޓަކައި ޝަކުވާކުރަމުންނެވެ. އެހެނީ އެމީހުން ނިދާފައިތިބި ނަމަވެސް ތިބޭނީ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތުގައިކަމަށްވާތީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހަރެމެންގެ ތެރެއިން ގިނަ ބައަކު މިއަދު އުޅެމުން މިގެންދަނީ މިކަންކަމަށް ވިސްނައިލުމެއް ނެތިއެވެ. ކައްވަޅުގެ ޢަޛާބަށްވެސް އަދި ނަރަކައިގެ ޢަޛާބަށްވެސް ބިރެއް ނެތިއެވެ. ވިސްނާށެވެ! ﷲ ގެ ޢަޛާބުން ސަލާމަތްވާން ގަދައަޅައި މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން