ތިރީގައި އެވަނީ މިދުވަސްވަރު، ރަމަޟާން މަސް ގާތްވަމުން އަންނައިރު ކޮންމެހެންވެސް ހަނދާންކުރަންޖެހޭނެ ކަމެއްގެ ވާހަކައެކެވެ. ވީހާ ގިނަ ޘަވާބާއިއެކު ﷲ ތަޢާލާގެ ޙަޟްރަތާއި ބައްދަލުކުރަން ބޭނުންވާ މީހާ ހިފަންޖެހޭނެ އަގުހުރި ފުރުޞަތެއްގެ ވާހަކައެވެ.
މިދުވަސްވަރު ގިނަބައަކު ފަރުނީޗަރާއި ގެންގުޅޭ އެހެނިހެން ސާމާނު ބަދަލުކުރާނެއެވެ. ރާއްޖޭގައި ދެވަނަ ދަރަޖައިގެ ތަކެތި ވިއްކާ ފިހާރަތައް ނެތުމުން ގިނަ ބައަކު ފެންވަރު ތަކެތި އެކައިވެސްލައެވެ.
އެހެންކަމުން ހެޔޮ ނަޞޭޙަތެއްގެ ގޮތުން މިގެނެސްދެނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އިސްރާފު ނުކުރައްވާށެވެ! ޞަދަޤާތްކުރައްވާއިރުވެސް އެކަމުން ތިމާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަށް ޞަދަޤާތްކުރައްވާށެވެ!
ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ!
އެއްވެސް ބޭނުމަކު އެދިގެން މީހަކު ތިބާގެ ގާތަށް އަތުވެއްޖެ ނަމަ އެމީހަކަށް އެހީތެރި ނުވެ ދޫކޮށް ނުލާށެވެ! އެހެނީ އެއީ ތިބާ ސުވަރުގެ ވަނުމަށް ﷲ ތަޢާލާ ދެއްވަވާ ރަނުގެ ފުރުޞަތެކެވެ. ވެވެން އޮތް އެންމެ ރަނގަޅަކަށް އެހީތެރިވާށެވެ.
މިސާލު ނަގަންވީ އަހަރެމެންގެ ޚަލީފާ ޢުޘްމާނުގެފާނުގެ އަރިއަހުންނެވެ. އެކަލޭގެފާނު ކަންތައް ކުރެއްވެވި ގޮތުންނެވެ. ﷲ ތަޢާލާގެ މަގުގައި ބޭނުމެއް ޖެހޭ ކޮންމެ ފަހަރަކު އެހީތެރިވެދެއްވަމުން ގެންދެވިއެވެ. އަބަދުވެސް މަޖިލިސް ތަކުގައި އިންނަވަނީ އެހީތެރިކަން ފޯރުކޮށް ދެއްވެވޭނެ ފުރުޞަތަކަށް ބައްލަވަބައްލަވައެވެ. އެހީތެރިކަން ފޯރުކޮށްދެއްވެވުމަށް އަވަސްވެވަޑައިގަންނަވައެވެ. ކޮންމެ ކަމަކަށް ނަމަވެސް ގެންދެވީ އެހީތެރިކަން ފޯރުކޮށް ދެއްވަވަމުންނެވެ. ދީލަތިކަމާއިއެކު ހޭދަކުރައްވަވަމުންނެވެ.
ހަނގުރާމައަކަށް ބޭނުންވެގެން ހަތިޔާރު ދެއްވެވި ނަމަވެސް ދެއްވެވީ އަތްޕުޅުގައި ހުރި އެންމެ ފެންވަރު ރަނގަޅުނ ތަކެއްޗެވެ. ޖަމަލު ދެއްވާއިރު ވެސް ދެއްވަވަނީ އެންމެ ޞިއްޙަތު ރަނގަޅު ޖަމަލެވެ. މަސްޖިދުއް ނަބަވީ ބޮޑު ކުރައްވަވަން ރަސޫލް (ޞޢވ) ބިން ބައްލަވައިގަންނަވަން ބޭނުންފުޅުވެވަޑައިގަތުމުން އެކަންވެސް ނުހަނު ދީލަތިކަމާއިއެކު ކޮށް ދެއްވެވިއެވެ. މިއަދުވެސް އެ މިސްކިތްކޮޅުގައި ޢުޘްމާންގެފާނު ބައްލަވައިގަނެ ދެއްވެވި ބިމުގެ ސަރަހައްދު ހިމެނެއެވެ. ދުނިޔެ އޮތްހައި ދުވަހަކު، އެ މިސްކިތްކޮޅުގައި ނަމާދުކުރާހައި ދުވަހަކު ޢުޘްމާންގެފާނަށް ލިބިވަޑައިގަންނަވަމުންދާނެ މަތިވެރި ނިޢްމަތާއިމެދު ނިކަން ވިސްނައި ފިކުރުކޮށްލަބަލާށެވެ!
އެއީ އެޒަމާނެވެ. މިޒަމާނުގައި ކަންކަން މިހިނގާ ގޮތާއިމެދު ވިސްނައިލަމާހެއްޔެވެ؟ ވިސްނުންތެރިކަމާއިއެކު މިވާހަކައިން ޢިބްރަތެއް ޙާޞިލުކުރާށެވެ!
"އަވަށްޓެރިއަކު އެއް ދުވަހަކު އައިސް ބުންޏެވެ. ބޭނުންކޮށްފައި ހުރި ނަމަވެސް ކިރިޔާވެސް ކައްކައިލެވޭވަރުގެ އުދުނެއް އެބަހުރި ހެއްޔެވެ؟ ކިތަންމެ ކުޑަ އުނދުނެއް ނަމަވެސް އެންމެ ރަނގަޅެވެ. ގޭގައި ހުރި އުނދުން ހަލާކު ވެއްޖެއެވެ. މިވަގުތު އުނދުނެއް ގަނެވޭކަށްވެސް ނެތެވެ. އަތްމަތި ވަރަށް ދަތި ދުވަސްކޮޅެކެވެ."
އެއިރު އަހަރެންގެ ގޭގައި ބޭނުންކުރަނީ 3 ތަނުން ކެކޭ އުނދުނެކެވެ. އެ އުނދުން ބައުވުމާއި ކުޑަކަމުން ބަދަލުކުރަންވެގެން 4 ތަނުން ކެކޭ އުނދުނެއް ހުރީ ގަނެފައެވެ. ނަމަވެސް ބަދަލުކޮށްނުލެވިވަނީއެވެ. އަހަރެން ނިންމީ އަވަށްޓެރިޔާއަށް ބޭނުން ނުކޮށް ހުރި 4 ތަނުން ކެކޭ އުނދުން ދޭށެވެ. އެއީ މީހަކަށް އެއްޗެއް ދޭއިރު އަތުގައި ހުރި ރަނގަޅު އެތި ދިނުމަށް ދީނީ ޢިލްމުވެރިން އިރުޝާދު ދެއްވާތީއެވެ. އަދި ﷲ ތައާލާ ލޯބިފުޅުވެވޮޑިގަންނަވަނީ އަތުގައި ހުރި ރަނގަޅު އެތި ދިނުމަށް ކަމަށް ޢިލްމުވެރިން ވިދާޅުވާތީއެވެ. އެހެންވެ އަހަރެން އަވަށްޓެރިޔާއަށް ދިނީ ބޭނުންނުކޮށް ހުރި އުނދުނެވެ. ހިތުގައި އޮތީ ލާރިކޮޅެއް އެއްކޮށްލައިގެން އަނެއްކާވެސް ބޮޑު އުނދުނެއް ގަންނާށެވެ.
އެހިސާބުން އަހަރެން އެކަމަކަށް ނުވެސް ވިސްނަމެވެ. އެހެން ހުއްޓައި ޖެހިގެން އައި މަހުގެ ހޮނިހިރު ދުވަހަކު ގޭގެ ބެލް ޖެހުމުން ދޮރު ހުޅުވިއިރު ތިބީ އަހަރެން އެ އުނދުން ގަތް ފިހާރައިގެ މުވައްޒިފުންނެވެ. ބޮޑު ފޮށިގަނޑެއްވެސް ހިފައިގެންނެވެ.
ގޭތެރެއަށް ވަންނަން ބުނުމުން ވަދެފައި ދެއްކީ އުނދުން ގަތް ދުވަހު އަހަރެން ފުރި ކޫޕަނެކެވެ. އެއިރު އުނދުނުގެ ޕްރަމޯޝަނެއް ކުރިއަށްދާތީ އެ ޕްރަމޯޝަނުގައި ބައިވެރިވުމުގެ ގޮތުން ފުރި ކޫޕަނެވެ. އެމީހުން ފުރަތަމަ ސުވާލު ކުރީ އުނދުން ކިހިނެއްތޯ އާއި މިހާރު ބޭނުން ކުރަމުތޯއެވެ. އަހަރެންގެ ޖަވާބު އެމީހުންގެ ވިޔަފާރިއަށް މުހިންމު ކަމަށް ބަލައި އެކަކު ހުރީ ފޯނުން ވީޑިއޯވެސް ކޮށްގެންނެވެ. އަހަރެން އުނދުން ބޭނުން ނުކުރާ ކަމަށާއި ހެދިގޮތް ކިޔައިދިނީމެވެ. އަވަށްޓެރިޔާއަށް ހަދިޔާއަކަށް ދިނީ ކަމަށާއި އުނދުނުގެ ތަޖުރިބާ ނުއެނގޭ ކަމަށް ވެސް ބުނީމެވެ.
އޭނާ ބުނީ ޕްރަމޯޝަން ނިންމައި ގުރުވަތުލައިގެން އަހަރެންގެ ނަމްބަރު ހޮވުނީ 6 ވަނައަށް ކަމަށާއި ހަދިޔާއަކަށް ލިބެނީ ހަތަރުތަނުން ކެކޭ އަދި މަސްވެސް ފިހެވޭ ގޮތަށް ހުރި އެންމެ ފަހުގެ އުނދުނެއް ކަމަށެވެ. އެހެން ބުނެފައި އުނދުން އަހަރެންނާއި ހަވާލުވެސް ކުރިއެވެ."
މީހަކަށް އެއްޗެއް ދޭނަމަ ބޭނުން ހިފޭނެ ރަނގަޅު ތަކެތި ދޭށެވެ! މިކިޔައިދިން ވާހަކައިގައި ކަން ހިނގައިދިއަ ގޮތަށް ކޮންމެ މީހަކަށް ކޮންމެ ފަހަރަކު މިދުނިޔޭގައި ފައިދާ ނުކޮށްފާނެއެވެ! ނަމަވެސް އެކަމުގެ ފައިދާ އާޚިރަތުގައި އެމީހަކަށް އިންތިހާއަށް ކުރާނެ އެވެ. ވީމާ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމުގައި ފަސް ނުޖެހޭށެވެ! އެއީ އަތުން ގެއްލިގެންދާނެ އެއްޗެއް ނޫނެވެ.އެތައް ގުނައެއް އިތުރުވެގެން އާޚިރަތުގައި އަނބުރައި ތިބާއަށް ލިބޭނެއެވެ!
އަދިވެސް ބުނަމެވެ. އައު އެތި ދެވްން ނެތްނަމަ ބައުއެތި ނަމަވެސް ދޭށެވެ. ބޭނުން ހިފޭނެ އެއްވެސް އެއްޗެއް އެއްލައިލުމަކީ އަދި ވަކިން ބޮޑުފާފައެވެ. އިސްރާފުކުރާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން