މިދިޔަ އަހަރު ވަޒީފާއާއި ގުޅޭ މުޙިއްމު ދެ ޤާނޫނެއް ވުޖޫދުވެފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި، ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ ޝަފީޢު މިހެން ވިދާޅުވެފައި ވަނީ އެމްއެމް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ކުރެވުނު ސުވާލުތަކަށް ޖަވާބުދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ)ގެ މަސައްކަތްތަކާއި ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވައި ސްޓޭޓް މިނސްޓަރ ވިދާޅުވީ، މިދިޔަ އަހަރު އިންޑަސްޓްރިއަލް ރިލޭޝަންސް އަދި ވަޒީފާ ޢަދަކުރާ ފަރާތްތަކުގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމާއި ބެހޭ ޤާނޫނުތަށް ވުޖޫދުވެފައިވާ ކަމަށެވެ. އެގޮތުން، އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނުގެ ދަށުން، ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށާއި، މިފަދަ ބޮޑެތި މައްސަލަތަށް ޤާނޫނީ ނިޒާމެއްގެ މަތިން ޙައްލުކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވެފައިވަނީ، މުވައްޒަފުންގެ ސިއްޙީ ސަލާމަތްތެރިކަމާއި ބެހޭ ޤާނޫނުގެ ދަށުން، އެލްއާރްއޭ އިން މަސައްކަތްތަކުގެ މައިދާނުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކި މިންގަނޑުތަކެއް ކަނޑައަޅައި ސުޕަވައިޒްކުރަމުންދާކަމަށެވެ.
ހަބަރު: ސަރުކާރު