ދަރަނި އަދާނުކުރެވިގެން ކަންބޮޑުވާނަމަ ފުރަތަމަ ކަމަކަށް ތިމާ ﷲ ތައާލާއަށް އަދާކުރަންޖެހޭ ދަރަނި އަދާކުރާށެވެ! އެހެން ދަރަނިތަކުން ސަލާމަތްވެވޭނެ މަގު ދައްކަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދަރަނި އަދާނުކުރެވިގެން ކަންބޮޑުވާނަމަ ފުރަތަމަ ކަމަކަށް ތިމާ ﷲ ތައާލާއަށް އަދާކުރަންޖެހޭ ދަރަނި އަދާކުރާށެވެ! އެހެން ދަރަނިތަކުން ސަލާމަތްވެވޭނެ މަގު ދައްކަވާނެތެވެ! އިން ޝާ ﷲ

ދުނިޔޭގެ ދިރިއުޅުމަށް ބެލިނަމަވެސް ގިނަ ބައަކީ ކޮންމެވެސް ގޮތަކުން ދަރަނިވެރިވެފައިވާ ބައެކެވެ. އަބަދުހެން އުޅެންޖެހެނީ ދަރަނި އަދާނުކުރެވިގެންނެވެ. ދައްކަންޖެހޭ އިންސްޓޯލްމަންޓް ނުދެއްކިގެންނެވެ. އެހެންކަމުން މިކަމަށް ތަންކޮޅެއް ބޮޑަށް ވިސްނައިލަމާ ހިނގާށެވެ!   

އާދަމްގެފާނުން ފެށިގެން ދުނިޔެ ނިމި ޤިޔާމަތްވަންދެން ދުނިޔޭގައި އުޅުނު ކޮންމެ މީހަކަށް ﷲ ތަޢާލާ ވަރަށް ބޮޑެތި ނިޢްމަތްތަކެއް ދެއްވަވަތެވެ. އިންސާނާއަށް ދުނިޔޭގައި އުޅެވެނީ އެނިޢްމަތްތައް ދެއްވަވާތީއެވެ. ނަމަވެސް އެނިޢްމަތްތައް ދެއްވަވަނީ ދަރަނިވެރިވާ ގޮތަށެވެ. އެނިޢްމަތަށް އަގުއަދާކުރަންޖެހޭ ގޮތަށެވެ.  

އަގު ނުވަތަ ދަރަނި އަދާކުރަން ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާއަށް އީމާންވެ ކީރިތި ޤުރްއާނަށް ޢަމަލުކުރުމެވެ. ރަސޫލް ދެކެ ލޯބިވުމާއި ސުންނަތަށް ޢަމަލުކުރުމެވެ.  

މިދަރަނި އަދާނުކޮށްފިނަމަ ތިބާ ﷲ ތަޢާލާގެ ޙަޟްރަތަށް ދަރާ ދަރަނި އަދާކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ އެދަރަނި އަދާނުކުރާ މީހުންނަށް އޮތީ ނަރަކައެވެ. ނަރަކައިގެ ހޫނު އަލިފާނުން އަނދައަނދައިތިބުމެވެ.  

ﷲ ތަޢާލާ ކަނޑައަޅުއްވަވާ މުއްދަތަކަށްފަހުގައިވެސް ނަރަކައިގެ ގަދަފަދަ ޢަޛާބުން ސަލާމަތްކަންލިބޭނީ، ސަލާމަތްވެވޭނީ ކޮންމެހެން އަދާކުރަންޖެހޭ އަސާސީ ދަރަނި، އަދާކޮށްފައިވާ ނަމައެވެ. އެއީ ﷲ ތަޢާލާއަށް ޝަރީކުކުރުމެވެ.  

ރަނގަޅަށް ހަނދާންކުރާށެވެ! ތިބާއަކީ ފައިސާގެ ގޮތުން ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވާ މީހަކު ނަމަވެސް މިކަންކަން ތިބާނުކުރާނަމަ، ﷲ ތަޢާލާއަށް ދަރާފައިވާ ދަރަނި އަދާނުކުރާނަމަ އެކަލާނގެ ޙަޟްރަތުގައި ތިބާ ވާނީ ބޮޑު ދަރަނިވެރިއެއް ކަމުގައެވެ. އެހެން ނުވާނީ ކީއްވެގެންހެއްޔެވެ؟ ތިބާގެ ކިބައިގައިވާ ތަނަވަސްކަމަކީވެސް ﷲ ތަޢާލާ ތިބާ އާއި ޙަވާލުކުރައްވަވާފައިވާ އަމާނާތެކެވެ. އެހެންކަމުން ތިބާއަށް ލިބިފައިވާ ތަނަވަސްކަމަކީވެސް ﷲ ތަޢާލާއަށް ދަރާފައިވާ ދަރަންޏެވެ. ތިބާއަށް ޙައްޤުވެގެންވަނީ އެއިން ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށްފަހުގައެވެ.  

އެއްވެސް މީހަކަށް ދަރައި އޮތުމަކީ ބިރުހުރިކަމެކެވެ. ހަމައެފަދައިން ﷲ ތަޢާލާއަށް ދަރަނިވެރިވުމަކީ މާބޮޑު ކަމެކެވެ. ﷲ ތަޢާލާއަށް ތިމާ ދަރާފައިވާ ދަރަނި އަދާކުރާނަމަ އޭނާ މީހަކަށް ދަރައި އޮތް ދަރަނިން ސަލާމަތްވެވިދާނެ މަގު ﷲ ތަޢާލާއަށް ދުޢާކުރުމުން ދައްކަވަތެވެ. އެދުޢާވެސް ކުރެވޭނީ ﷲ ތަޢާލާއަށް ދަރަމުންދާ ދަރަނި އަދާކުރަމުން ނޫންހެއްޔެވެ؟ ވީމާ ހުރިހާ ގޮތަކުން ބެލިނަމަވެސް އެންމެ މުހިންމުކަން ބޮޑުވެގެންވަނީ ﷲ ތަޢާލާއަށް ދަރާ ދަރަނިތައް އަދާކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން