ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވާއިރަށް ބައިވެރިޔާއާއެކު ރޭނުކުރުމަކީ ކުރެވޭ ބޮޑު ފާފައެއް! އެކަން ހިމެނޭނީ އަނިޔާވެރިކަމުގެ ތެރެއިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވާއިރަށް ބައިވެރިޔާއާއެކު ރޭނުކުރުމަކީ ކުރެވޭ ބޮޑު ފާފައެއް! އެކަން ހިމެނޭނީ އަނިޔާވެރިކަމުގެ ތެރެއިން!

ދިރިއުޅޭއިރު ކޮންމެ ދުވަހަކު ކުރިމަތިވާނީ އެއްބާވަތުގެ ކަންކަމެއް ނޫނެވެ. އުފާވެރި ދުވަސްތައް ބައްދަލުކުރާ ފަދައިން ހިތްހަމަނުޖެހޭ ކަންކަން މެދުވެރިވާ ދުވަސްތައްވެސް ބައްދަލުކުރާނެއެވެ. ހިތްހަމަނުޖެހޭ ކަންކަމާއިވެސް ކުރިމަތިލާންޖެހޭނެއެވެ.  

ބައެއް މީހުން އެމީހުންގެ ބައިވެރިޔާގެ ކިބައިން ހިތްހަމަނުޖެހޭ ކަމެއް ފެންނައިރަށް ފުރަތަމަ އަޅާފިޔަވަޅެއްގެ ގޮތުންވެސް އެއްދާންކުރުން ހުއްޓައިލައެވެ. އެއީ ކުރެވޭ ވަރަށް ގޯސް ކަމެކެވެ. އެއްދާންކުރުން ހުއްޓާލައި ތަންމަތިވަކިކުރަންވާނީ ކުރިމަތިވާ ކަމަކާއި ގުޅިގެން ނަޞޭޙަތްދިނުމުން ނަޞޭޙަތް ޤަބޫލުނުކުރާނަމަ އިޞްލާޙްކުރަން ކުރާ ކަމެއްގެ ގޮތުންނެވެ. އެނޫން ގޮތަކަށް ތަންމަތިވަކިކޮށް އެއްދާން ނުކޮށް ތިބެގެން ނުވާނެއެވެ.  

އޮޅުވައިނުލާށެވެ! މިދައްކަނީ ބަލިޙާލެއް ނުވަތަ އެނޫންވެސް މުހިންމު ސަބަބެއް ކުރިމަތިވެގެން އެއްދާން ނުކޮށް މަޑުކޮސްލުމުގެ ވާހަކައެއް ނޫނެވެ. ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިވުމުން އެއްދާން ނުކުރުމުގެ ވާހަކައެވެ.  

ﷲ ތަޢާލާ އިންސާނުން އުފައްދަވާފައިވަނީ އެއްދާންކުރަން ބޭނުންވުން ލައްވަވައިފައެވެ. ވީމާ އަނެކާ (ބައިވެރިޔާ) ބޭނުންވުމުން އޭނާއަށް ޢިޖާބަދޭންވާނެއެވެ. ކުރިން ބުނި ފަދައިން މަޤްބޫލު ޢުޛުރެއް ނެތި ދެކޮޅުހަދައިގެންނުވާނެއެވެ. ދެކޮޅު ހަދައިފިނަމަ އެކަންވާނީ ކުރެވޭ ފާފައަކަށެވެ. އަނެކާއަށް ދެވޭ އަނިޔާއަކަށްވާތީއެވެ.  

ޞިއްޙީ ހޯދުންތަކުން މިއަދު އެނގޭ ގޮތުގައި އެއްދާންކުރަން ބޭނުންވެ އެކަން ނުކުރެވުމަކީ ޞިއްޙީ ގޮތުން ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމެކެވެ. ވީމާ އެކަން ނުކުރެވުން ވާނީ ހުރިހާ ގޮތަކުންވެސް ލިބޭ އަނިޔާއަކަށެވެ.  

މިބާވަތުގެ ނަޞޭޙަތް ދޭންޖެހެނީ މިބާވަތުގެ ކަންކަން ކުރިމަތިވެ ކައިވެނި ރޫޅުންފަދަ މައްސަލަތައް ގިނަވަމުން އަންނާތީއެވެ. ހުރިހާ ގޮތަކުން ބެލިނަމަވެސް ކައިވެނި ރޫޅުން ގިނަވުމަކީ މުޖުތަމަޢުއަށް އެންމެ ގިނަ މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު އެއް ސަބަބު ކަމަށްވާތީ މިބާވަތުގެ ވާހަކަ ދައްކަން ޖެހެނީއެވެ. ވީމާ ސެމަފިރިންވެސް މިކަންކަމަށް ސަމާލުކަންދީ ރިވެތި ގޮތުގައި އުޅެން މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން