ނަމާދަށް ފަރުވާތެރިވެގެން ހުރެ ނަމާދުކުރަން ފަށައި މާނަ ހިތަށް ގެންނަމުން އަލްޙަމްދުކިޔަން ފަށާތަނުންވެސް ޝައިޠޯނާ ސިކުނޑިއަށް ސަވާރުވެ ފިކުރު ބަދަލުކޮށްލުވައި އެހެން ކަންކަމުގެ މައްޗަށް ޚިޔާލު ބަދަލުކޮށްލުވާ މައްސަލައަކީވެސް ގިނަ ބައަކަށް ކުރިމަތިވާ މައްސަލައެކެވެ.
ނަމާދުކުރަން މަސައްކަތްކުރަންވީ އެހެން ހުރިހާ ފިކުރުތަކެއް ދޫކޮށްލައި ނަމާދުކުރަން ސަމާލުކަންދީގެންނެވެ. ނަމާދަށް ފެށުމާއިއެކު ނަމާދުގައި ވަސްވާސްދިނުމަށް ޚާއްޞަވެގެންވާ ޝައިޠޯނާ خَنْزَبٌ އައިސް ވަސްވާސްދޭން ފަށާނެއެވެ.
ލޭނާރުތަކުގައި ލޭ ދައުރުކުރާފަދައިން ހަށިގަނޑުގައި އުޅޭ ޝައިޠޯނާ އަހަރެމެންގެ ލޭގައި ދައުރުކުރެއެވެ. ވަސްވާސްތައް ދެއެވެ. ނަމާދުގައި ހުންނައިރު އެހެން ފިކުރުތައް ކުރުވައެވެ. އެހެންކަމުން ފުރަތަމަ ރަކްޢަތާއި ދެވަނަ ރަކްޢަތް އޮޅި ފުރަތަމަ ރަކްޢަތް ކުރެވުމުން ދެވަނަ ރަކްޢަތްކުރެވުނީކަމަށް ހީކުރެވި އައްތަޙިއްޔާތުކިޔޭގޮތް އެބަ މެދުވެރިވެއެވެ.
އެޙާލަތުގައި ޢަމަލުކުރަންޖެހޭނެ ގޮތް ޑރ. އިޔާޟް ވަނީ ވިދާޅުވެދެއްވައިފައެވެ.
"އައްތަޙިއްޔާތު ކިޔުން އޮތީ ދެވަނަ ރަކްޢަތުގައެވެ. ނަމާދުގަ ފުރަތަމަރަކްޢަތް ކުރުމަށްފަހު ދެވަނަ ރަކްޢަތް ކުރެވުނީކަމަށް ހީކުރެވި ފުރަތަމަ އައްތަޙިއްޔާތުކިޔައި ދެވަނަ ރަކްޢަތަށް ތެދުވެވިއްޖެނަމަ ދެވަނަ ރަކަޢަތުގަ އައްތަޙިއްވާތުކިޔައި ނަމާދު ފުރިހަމަކުރުމަށްފަހު ކުށުސަޖިދަކުރާނީއެވެ!"
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް