ހެޔޮ ގޮތުގައި ދިރިއުޅެމުން އަންނަ ދެމަފިރިންގެ ދެމެދަށް ވަދެ ހުރަސް އަޅައި ދުރުކުރުވަން ކަންކަން ކުޜާ މީހުންނާއި އެފަދަ ކަންކަން ކުރާ މީހުންނަށް އެހީތެރިވެދޭ މީހުންނަށް އެކުރެވެނީ ވަރަށް ބޮޑުފާފައެކެވެ. ވީމާ އަޑުއަހާށެވެ!
އަނެކާގެ ޙައްޤުގެ ވާހަކަ ދައްކާއިރަށް ގިނަ ބައަކަށް ވިސްނިފައި އޮންނަނީ އެދަކަނީ ކޮންމެވެސް މީހެއްގެ އަންތބަކު ނުވަތަ ފިރިއަކު ޖަހައިގަތުމުގެ ވާހަކަކަމަށެވެ. ނުވަތަ މީހެއްގެ މުދައުތަކަކަށް ނުޙައްޤުން ވެރިވެގަތުން ކަމަށެވެ.
އާނއެކެވެ! ޙަޔާތުގެ ބައިވެރިޔާއަށް ނިކަމެތިކަމާއި އަނިޔާލިބޭގޮތަށް ކުރެވޭ ކޮންމެ ކަމަކީވެސް ދެވޭ އަނިޔާއެކެވެ. ކޮންމެ ކަމެއްވެސް ކުރަންޖެހޭނީ އަނެކާއަށް އަނިޔާއަކަށް ނުވާނެ ގޮތަށެވެ. ޞުލްހައިގައެވެ. ރިވެތި ގޮތުގައެވެ. މަކަރުވެރިކަމާއިއެކުގައެއް ނޫނެވެ.
އަހުރެން ބުނާނީ މިފަދަ ކަމެއްކޮށް މީހަކަށް އަނިޔާއެއް ދީފިނަމަ އެކަމުގައި ބައިވެރިވި އެންމެންވެސް ވާނީ މީހެއްގެ ޙައްޤަކަށް އަރައިގަތުމުގައި ބައިވެރިވި މީހުން ކަމުގައެވެ. އެކަމުން ސަލާމަތެއް ނުވެވޭނެއެވެ.
އެއްވެސް ޙާލެއްގައި މިދައްކަނީ ދެއަންތބަށް ކައިވެނިކުރުން މަނާކުރުމުގެ ވާހަކައެއް ނޫނެވެ. މިދައްކަނީ އަނބިމީހާއަށް އޮޅުވާލައި ދޮގާއި މަކަރުހަދައިގެން އަނބިންތައް ގިނަކޮށް އެންމެ ފަހު ވަޤުތު އަނބިމީހާއަށް އެކަން އެނގުމުން ދުނިޔެއިން މޮޔަވާން ޖައްސުވާ ގޮތަށް ކަންކަންކޮށްގެން ނުވާނެ ވާހަކައެވެ.
އެކަކުން ނުފުދޭ މީހާ ޝަރުޠު ހަމަވާނަމަ 4،3،2 ވަނަ އަނބިންނާއިވެސް ކައިވެނިކުރާށެވެ! ރަނގަޅަށް އަޑުއަހާށެވެ! އަންތބަކަށް އަދާކޮށްދޭންޖެހޭ ހުރިހާ ޝަރުޠުތަކެއް ފުރިހަމަކޮށްދެވޭނެ ނަމައެވެ.
އެންމެ ހިތާމަހުރި އެއްކަމަކީ ނުހަނު ލޯބިން އެކުގައި ދިރިއުޅޭ ދެމަފިރިންގެ ދިރިއުޅުން ގެއްލޭނެ ގޮތަށް ކަންކަން ކުރަން ބޭނުންވާ މީހުންނަށް އެހީތެރިވެވޭ ކަމެވެ. ހެޔޮގޮތުގަ ދިރިއުޅޭ ދެމަފިރިއަކު ދުރުކުރުވަން އެހީތެރިވުމަކީވެސް ފާފަވެރިވާނެ ކަމެކެވެ. އެކަމުން އަނެކާގެ ޙަޤުތަކެއް ގެއްލިގެންދާތީއެވެ. އިންސާނުންނަށް ލިބިގެންވާ އެންމެ ބޮޑު އެއް ޙައްޤަކީ ބައިވެރިޔާއާއިއެކު ލޯބިން ދިރިއުޅުމުގެ ޙައްޤެވެ. ވީމާ އެއަރައިގަނެވެނީ އަނެކާގެ އެންމެ ބޮޑު އެއް ޙައްޤަށެވެ.
މީހެއްގެ ހައްޤަކަށް އަރައިގެންފިނަމަ ޤިޔާމަތްދުވަހުގައި އަނިޔާ ލިބުނު މީހާއަށް ބަދަލުދޭންޖެހޭނެއެވެ. ބަދަލަކަށް ދޭންޖެހޭނީ އެމީހަކު ކޮށްފައިވާ ހެޔޮ ޢަމަލުތަކެވެ. ބަދަލުދެމުން ގޮސް އެމީހަކު ކޮށްފައިވާ ހެޔޮ ޢަމަލުތައް ހުސްވެއްޖެނަމަ ބަދަލު ލިބެންޖެހޭ މީހާ ކޮށްފައިވާ ފާފަތަކުން މިންވަރެއް ބޮލުގައި އަޅަން ޖެހޭނެއެވެ.
މިއީ ޞަޙީޙް ޙަދީޘްފުޅުން އެނގެން ހުރި ކަންކަމެވެ. ވީމާ ތިމާ ކުރި ހެޔޮ ޢަމަލުތައް ގެއްލިގެން ނުދާނެ ގޮތަށް ކަންކަން ކުރަން ސަމާލުކަން އިތުރުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން