ތިމާއަކީ ދުނިޔޭގަ ހުރި އެންމެ ރީތި އަންހެނާ ނުވަތަ އެންމެ ރީތި ފިރިހެނާއަށްވާން ބޭނުން ކޮންމެ މީހަކަށްވެސް އެރީތިކަން ލިބިގަނެވެން އެބައޮތް! ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ތިމާއަކީ ދުނިޔޭގަ ހުރި އެންމެ ރީތި އަންހެނާ ނުވަތަ އެންމެ ރީތި ފިރިހެނާއަށްވާން ބޭނުން ކޮންމެ މީހަކަށްވެސް އެރީތިކަން ލިބިގަނެވެން އެބައޮތް! ޢަމަލުކުރަން އޮތް ގޮތް-

ރީތި ހުތުރުގައި އެކިމީހުން މިން އަޅައި ކިރާނީ އެކި ގޮތަށެވެ. ރީތި ހުތުރަކީ ކިރޭ ގޮތަކުން ބަރުދަންތަފާތުވާ އެއްޗެކެވެ. 

މިޘާލަކަށް އަނބިމީހާގެ ރިތިކަމަކީ އޭނާގެ ހެޔޮކަން ކަމުގައި ބަލާ މީހަކަށް އަނބިމީހާގެ ބޭރުފުށުގެ ސިފަ އެހައި މުހިންމެއް ނުވާނެއެވެ. މޭކަޕްތަކެއް ނުކުރިނަމަވެސް ސާފުތާހިރުވެގެން ހުންނަނަމަ ފުދޭނެއެވެ. ލޯބިވާނެއެވެ. ވާލޯބި އިތުރުވެސްވާނެއެވެ.

އެއިގެ އިތުރުން ދެމީހުން ދުވަހަކުވެސް ވަކިވާކަށް ބޭނުމެއްވެސް ނުވާނެއެވެ. ދުނިޔޭގައި ވަކިވާން ބޭނުންނުވާތަނުގައި މަރުވުމަށްފަހުގައިވެސް ވަކިވާކަށް ބޭނުމެއް ނުވާނެއެވެ. މާނައަކީ ސުވަރުގޭގައި ދެމީހުން އެކުގައި ތިބެންވެސް ބޭނުންވާނެއެވެ. 

މިދަރަޖައަށް ކަންކަން ގެންދަން ބޭނުންނަމަ ދެމަފިރިން ހަމައެކަނި އެކަކު އަނެކަކަށް ހެޔޮވުމަކުން ނުފުދޭނެއެވެ. ހެޔޮވުމާއިއެކު އެކަކު އަނެކަކަށް ތެދުވެރިވާންވެސް ޖެހޭނެއެވެ. 

އެހެންވެ ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ.: 

"އެންމެ ރީތި އަންހެނަކީ ފިރިމީހާގެ ޣައިރު ޙާޒިރުގައި، ފިރިމީހާ ނެތް ޙާލަތުގައި ފިރިމީހާއަށް ތެދުވެރި އަނބިމީހާއެވެ! އެފަދަ އަންހެނުން އެމީހުންނަށް ހިލޭ ފިރިހެނުންނަށް ނުވެސް ބަލާނެއެވެ. އަދި ފިރިމީހާގެ ކުރިއެރުމާ ކާމިޔާބީއަށް އެދި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ!" 

މިކިޔައިދިން ވާހަކަތައް މިހިސާބުން ފިރިހެނުންނަށް ބަދަލުކޮށްލަމާ ހިނގާށެވެ. ދުނިޔޭގެ އެންމެ ރީތި ފިރިހެނާކަމުގައިވުމަށް އެދޭ ފިރިހެނުންނަށްވެސް ޢަމަލުކުރުން އޮތީ ހަމަ މިފަދައިންނެވެ. ވީމާ މިދެއްކި ވާހަކަކޮޅު ފިރިހެނުންނަށް އަނބުރައިލާށެވެ. 

އެއިރުން ޢިލްމުވެރިޔާގެ ބަސްފުޅު އެނބުރިގެންދާނީ މިފަދައިންނެވެ.: 

"އެންމެ ރީތި ފިރިހެނަކީ އަނބިމީހާގެ ޣައިރު ޙާޒިރުގައި، އަނބިމީހާ ނެތް ޙާލަތުގައި އަނބިމީހާއަށް ތެދުވެރި ފިރިމީހާއެވެ! އެފަދަ ފިރިހެނުން އެމީހުންނަށް ހިލޭ އަންހެނުންނަށް ނުވެސް ބަލާނެއެވެ. އަދި އަނބިމީހާގެ ކުރިއެރުމާ ކާމިޔާބީއަށް އެދި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ!" 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން