ރަނގަޅަށް އަޑުއަހާށެވެ! ތިބާއަށް ގޯސްކޮށް ކަންތައް ކުރަނީ މަންމަ، ބައްޕަ، ބޭބެ، ކޮއްކޮ، ކިތަންމެ ގާތް އެކުވެރިއެއް އަދި ކޮންމެ މީހަކު ކަމުގައިވީނަމަވެސް ކުރިމަތީގައި ޒުވާބުނުކުރާށެވެ! ދެރަވާ ފަދަ ކަމެއް ކޮށްފިނަމަ އެއްގޮތަކީ އަޅައިނުލުމެވެ. ސަބަބަކީ ރައްދުގައި ނަމަވެސް ދެރަވިކަން ހާމަކުރުމުން އުފާކުރާނެތީއެވެ. އެހެނެއް ނޫނެވެ. ދިރިއުޅުމަށް ގެއްލުން ލިބޭނެ، ނުވަތަ މާލީ ގޮތުން ގެއްލުން ލިބޭނެ ކަންކަން ކުރާނަމަ އެފަދަ ކަންކަން ނުކުރަން ބުނާށެވެ.
ދަރިންގެ ހިތުގައި ޖެހޭނެ ގޮތަށް މައިންބަފައިންނަށް އެންމެ ގިނައިން ކުރެވޭ ކަމަކީ ދަރިންގެ މެދުގައި ތަފާތުކުރުމެވެ. ވަކިދަރިއަކަށް އިސްކަން ދިނުމެވެ. އެއީ މައިންބަފައިންނަށް ކުރެވޭ ވަރަށް ގޯސް ކަމެކެވެ. ބޮޑު ފާފައެކެވެ.
ހިތުގަ ޖައްސުވަން ކަމެއް ކުރުމުން ހިތުގަ ޖެހުނުކަން ރަނގަޅީ ސިއްރުކުރުމެވެ. އެއީ ކުރިން މިބުނި ސަބަބަށްޓަކައެވެ. އެކަމުން އެމީހުންގެ މަޤްޞަދު ޙާޞިލުކުރެވޭކަން އެނގުމުން އެމީހުންނަށް ހިތްހަމަޖެހުން ލިބޭނެތީއެވެ.
ހިތުގައި ޖައްސުވާނަމަ ދުޢާކުރާށެވެ! ޘާބިތުކަން ދެއްވެވުން އެދިގެންނާއި އެމީހުންނަށް ހެޔޮ ވިސްނުން ދެއްވެވުން އެދިގެންނެވެ. ހަމައެއާއިއެކު އެމީހުންގެ މައްޗަށް ހިތުގައި ޙަސަދަވެރިކަން ނުބާއްވައި ހިތްސާފުކުރާށެވެ! އަދި ކޮންމެ ޙާލެއްގައިވެސް ރަޙިމުގެ ގުޅުން ނުކަނޑާށެވެ!
އެއިރުން ﷲ ތަޢާލާ ތިބާއަށް ލައްވަވާ ރަހްމަތް މާބޮޑުވާނެއެވެ. އެކަމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ.
މިވާހަކަ ދައްކަން މިޖެހެނީ މިކަމަކީ ވަރަށް ގިނައިން ކުރިމަތިވާ ކަމަކަށްވާތީއެވެ. މިފަދަ ކަންކަން ކުރިމަތިވުމުން ރައްދުދިނުމަށް ބާރުއަޅައި ޝައިޠޯނާ ވަރަށް ގިނަ މަސައްކަތްކުރާނެއެވެ. އެއީ ކަންކަން އިތުރަށް ގޯސްކުރުވައި ފިތުނަވެރިކަމާއި ޙަސަދަވެރިކަން އުފެއްދުވުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން