ޢާއިޝަތު ރަފާޙް ޢަލީ
ޝަރުޢީ ޢިލްމް ޙާޞިލްކުރުމަކީ ހަމައެކަނި ޝައިޚުންނަސްވާން ބޭނުންވާ މީހުން ކުރަންޖެހޭނެ ކަމެއް ކަމަށް ޤަބޫލުކުރެވޭ ބައަކު އުޅެއެވެ. އެމީހުން ދެކޭ ގޮތުގައި ކޮންމެ މީހަކަށް ޝަރުޢީ ޢިލްމް އެނގޭކަށް ނުޖެހޭނެއެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކޮންމެ މުސްލިމަކަށްވެސް ޝަރުޢީ ޢިލްމް އެނގުމަކީ އެންމެ މުހިންމު އެއްކަންތަކެވެ.
ޝަރުޢީ ޢިލްމު ހޯދުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާފައިވާ ކަމެކެވެ. އަދި ދީނީ ޢިލްމު އުނގެނުމުގެ ސަބަބުން ﷲ މަޢްރިފާކޮށް ދެނެގަނެ، ހެވާއި ނުބައި ވަކިކުރަން އިންސާނާއަށް އެނގިގެންދެއެވެ.
މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ޒުމަރް ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ މާނައީ:”ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟"
ތިރީގައި މި ބަޔާން ކޮށްލަނީ ޝަރުޢީ ޢިލްމު އުނގެނުމުގެ ބައެއް ފައިދާތަކެވެ.
· ޝަރުޢީ ޢިލްމު އުނގެނުމަކީ ވަރަށް މަތިވެރި ޢަމަލެއް
· ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިން.
· ޢިލްމު އުނގެނުމަކީ ސުވަރުގެ ވަނުމަށް ލިބޭނެ ސަބަބުތަކުގެ ތެރެއިން ސަބަބެއްކަން
· ޝަރުޢީ ޢިލްމު އުނގެނުމުން ދިޔުމުން ﷲ ސުބްހާނަހޫ ވަތަޢާލާގެ އިރާދަފުޅާއެކު އެއަޅަކަށް ހެޔޮގޮތްތައް މެދުވެރިވެގެން ދާނެކަން
· ފައިދާހުރި ޢިލްމެއް ދޫކޮށްފައި ގޮސްފިނަމަ މަރުވުމަށްފަހުވެސް އެކަމުން ޘަވާބު ލިބިލިބި ހުންނާނެކަން