ފުރަތަމަމަކަމަކީ ކޮންމެ ކަމެއްގައިވެސް ދުނިޔެއާއި އާޚިރަތަށް ވިސްނައިގެން ޢަމަލުކުރުމެވެ. އެކަމަށް ވިސްނަން ކުރަން އޮތް ކަމަކީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަންކަން ކުރުމެވެ. ޒަވާޖީ ޙަޔާތް ފަށަން އޮތީވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުންނެވެ. ކައިވެނީގައި ބަރަކާތް ލައްވަވާނީ އެއިރުންނެވެ.
އިންސާނުންގެ ދިރިއުޅުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ސަބަބުން އިސްކަންދޭންޖެހޭ ކަންކަން މިދަނީ އޮޅެމުންނެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ބޯލެނބުން މިދަނީ ނެތެމުންނެވެ. ހަމަ ޔަޤީނުންވެސް އެއީ ހެޔޮ ބަދަލަކަށް ނުވާނެއެވެ. ހެޔޮ ބަދަލަކަށްވާނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުން އިތުރުކުރެވިގެންނެވެ. ޒަވާޖީ ޙަޔާތުގެވެސް އެހެންކަންކަމުގެ ވެސް ކާމިޔާބީ ގުޅިފައިވަނީ ﷲ ތަޢާލާގެ ރަޙްމަތާއި ކަމަށްވާތީއެވެ.
މިހާރަކަށް އައިސް ލޯބިވެރިންގެ ކަންކަން ކުރިއަށްދާއިރު ދެލޯބިވެރިން ބައްދަލުވެއްޖެނަމަ ވަގުތުތައް ފާއިތުވެގެންދާގޮތްވެސް އެނގޭ ކަމަކަށް ނުވެއެވެ. ނަމާދު ވަގުތައް ފާއިތުވަމުންދާކަން އެނގޭކަމަކަށް ނުވެއެވެ. ޖެހޭ ޖަޒުބާތެއްގެ ސަބަބުން މަސްތުވާން ބޭނުންކުރާ އެއްޗަކާއި ނުލައިވެސް މަސްތެއްގައި ތިބެވޭތީއެވެ.
މިވަގުތު މިދައްކަނީ އެގޮތަށް ބައްދަލުކުރުމުން ޝައިޠޯނާ ކުރުވާ އެންމެ ނުބައި ކަންތަކުގެ ވާހަކައެކަންޏެވެ. އެކަމަކީ ނަމާދު ވަގުތުތަކަށް ފަރުވާކުޑަކުރެވި ނަމާދު ނުކުރެވުމެވެ. އެއީ ބައްދަލުކުރުމުގެ ތެރެއިން ކުރެވޭ އާދައިގެ ކުދިކުދި އެހެން ފާފަތަކަށްވުރެ މާނުބައިކަން ބޮޑުކަމެކެވެ.
ކިތަންމެ ޒުވާން ނަމަވެސް ދެ ލޯބިވެރިން ކަމުގައިވާނީ ބާލިޣްވުމުންނެވެ. ބާލިޣްވުމުގެކުރިން ލޯބިވެރިކަން ބޭނުމެއް ނުވާނެއެވެ. ބާލިޣްވުމާއި ހަމައިން އެދަނީ ނަމާދަށް ދަރަމުންނެވެ. ވީމާ ނަމާދުއަޅައިގެން ނުވާނެއެވެ. ނަމާދާއި ދުރުހެލިވެއްޖެ ނަމަ އެމީހަކު ދާނީ ފާފަތަކާއި ކައިރިއަށެވެ. ނަމާދު އެޅުމަކީ ފާފަކުރަން ބިރުކެނޑިގެންދާ އެންމެ ބޮޑު އެއް ސަބަބެވެ.
ލޮބުވެތި ޒުވާނުންނޭވެ! ނަމާދަށް ދެމީހުން ވަކިވާން މަސައްކަތްކުރިނަމަވެސް އަދި ވަގުތު އެބައޮތްކަމަށް ޝައިޠޯނާ ބުނާނެއެވެ. އެންމެފަހުން ވަގުތު ކައިރިވުމުން ގޮސް ދެނަމާދު އެއްކޮށްލެވިދާނެ ކަމަށްވެސް ބުނާނެއެވެ. އެއީ ޝައިޠޯނާ ޖަހާ އެންމެ ބޮޑު އެއް ދަންތުރައެވެ. ބޭނުމަކީ ކައިވެނީގެ ކުރިންވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުމުން މަޙްރޫމްކުރުވުމެވެ. ލަޢްނަތް ލިބިގެންވާ ބައަކު ކަމުގައި ހެދުމެވެ.
ތިއަ ޒުވާނުން ތިއަ އުންމީދުކުރަނީ އުފާވެރި ޒަވާޖީ ޙަޔާތަކަށެވެ. އުފާވެރިކަން ލިބުން އޮތީ ހަމައެކަނި ﷲ ތަޢާލާ ދެއްވެވުމުންނެވެ. ވީމާ ޝައިޠޯނާގެ މަޅީގައި ޖެހި ﷲ ތަޢާލާގެ ލަޢްނަތްލިބިގެން ހިނގައިދާނެ ބައަކަށް ނުވާށެވެ! ނަމާދު ވަގުތު ޖެހުމުން ނަމާދުކުރުމަށް އިސްކަންދީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ! ތިއަ ކުދީންގެ މުސްތަޤްބަލް އުޖާލާވެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމަށް އެދޭށެވެ! އެމަގުން މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން