ހަންގަނޑާއި ހިރުގަނޑުގެ ސިއްހަތަށް ވިޓަމިން ސީ ބޭނުންވޭ! ވިޓަމިންސީން ލިބޭ ފައިދާއާ ލިބިގަންނަން ކާން ރަނގަޅު ބައެއް ބާވަތްތައް!

ކިޔުމަށް ހޭދަވާނީ 1މ 18ސ
ހަންގަނޑާއި ހިރުގަނޑުގެ ސިއްހަތަށް ވިޓަމިން ސީ ބޭނުންވޭ! ވިޓަމިންސީން ލިބޭ ފައިދާއާ ލިބިގަންނަން ކާން ރަނގަޅު ބައެއް ބާވަތްތައް!

ޢަލީ އިޙްޞާން ފިރާޤް

 

ވިޓަމިން ސީ (އެސްކޯބިކް އެސިޑް) އަކީ  ހަށިގަނޑުގައި ކޮލާޖެން އުފެއްދުމަށް ބޭނުންވާ މުހިންމު މާއްދާއެކެވެ. ކޮލާޖެންއަކީ ހަށިގަނޑުގައި އެންމެ ގިނައިން ހުންނަ ޕްރޮޓީންއެވެ. ލޭހޮޅިތަކާއި ކާޓިލޭޖް އާއި މަސްތަކާއި ކަށިތައް އަދި ހަންގަނޑުގައި ގިނަ އަދަދަކަށް ކޮލާޖެން ހުރެއެވެ. 

ވިޓަމިން ސީ އަކީ ފްރީ ރެޑިކަލްތަކުން ސެލްތައް ރައްކާތެރިކުރުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓެކެވެ. ހިތުގެ ބަލިތަކާއި ކެންސަރާއި އެހެނިހެން ބަލިތައް ޖެހުމުގައި ފްރީ ރެޑިކަލްތަކުގެ ދައުރު އޮވެއެވެ.   

މީގެ އިތުރުން ވިޓަމިން ސީ އަކީ ހަށިގަނޑަށް ދަގަނޑުގެ ބައި ނެގުމަށާއި ރައްކާކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. 

ހަށިގަނޑުގައި ވިޓަމިން ސީ މަދުވެއްޖެނަމަ ހިރުގަނޑުން ލޭއައުމާއި ހަންގަނޑާއި ކަށިތައް ނިކަމެތިވުމާއި ފާރުތައް ފަސޭހެވުމަށް ގިނަ ދުވަސް ނަގައެވެ. ވިޓަމިން ސީ މަދުވުމުގެ ސަބަބުން ޖެހޭ ބައްޔަށް ކިޔަނީ ސްކާވީއެވެ. 

ދުވާލެއްގެ މައްޗަށް ފިރިހެނުންނަށް 90 މިލިގްރާމް އަދި އަންހެނުންނަށް 75 މިލިގްރާމް ވިޓަމިން ސީ ބޭނުންވެއެވެ. 

އަހަރެމެންގެ ހަށިގަނޑަށް ވިޓަމިން ސީ ލިބެނީ ކާނާގެ ތެރެއިންނެވެ. އެގޮތުން ހުތް މޭވާގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވެއެވެ. ރާއްޖެއިން ލިބެން ހުންނަ މޭވާތައްކަމުގައިވާ އޮރެންޖާއި ލުނބޮއާއި ފޭރު، އަނބު, އަލަނާސި، ކަރާ, ފަޅޯ، ސްޓްރޯބެރީ ގައި ގިނަ އަދަދަކަށް ވިޓަމިންސީ ހުރެއެވެ. ތަރުކާރީގެ ތެރޭގައި ހިމެނޭ  ކެބެޖު، އަލުވި, ބްރޮކޮލީ، ކޯލީފްލާވާ ގައިވެސް ގިނަ އަދަދަކަށް ވިޓަމިންސީ ހުރެއެވެ.

މިއަދު އޮންލައިން