އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީއަށް ވަދެވޭގޮތް ހެދުމުން، ޕާޓީއަކަށް ވަދެވޭނީ އެމީހަކު އަމިއްލައަށް ފުރާ ފޯމަކުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ދައުލަތުގެ މީޑީއާއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، މިހާރު ޢަމަލުކުރަމުންދާ ގޮތަށް ކަރުދާސް ފޯމު ފުރައިގެން ޕާޓީތަކަށް މީހުން ވެއްދުމުގެ ބަދަލުގައި، އީ-ފާސް މެދުވެރިކޮށް ޕާޓީތަކަށް ވަދެވޭނެ ގޮތް ހަމަޖެއްސުމުން، ކޮންމެ މީހަކަށްވެސް ޕާޓީއަކަށް ވަދެވޭނީ އެމީހަކު އަމިއްލައަމިއްލައަށް ވެރިފައިޑް އެކައުންޓަކުން ފުރާ ފޯމަކުންނެވެ.
"މީހަކު ސިޔާސީ ޕާޓީއަކަށް ވަންނަންވެގެން ފޯމެއް ފުރީމަ، އެހާހިސާބުން ޕާޓީއަށް ދާނީ ނޯޓިފިކޭޝަނެއް. ދެން ޕާޓީތަކުގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތެއްގެ މަތިން އެ މީހަކު ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުނުވާނަމަ ޕާޓީން އެޕްރޫވްކޮށްލީމަ އެކަން ނިމޭނެ." ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
މި ނިޒާމު ތަޢާރަފުކުރުމުން، މީހާއަށް ނޭނގި ޕާޓީތަކަށް ވެއްދުމުގެ ފުރުޞަތު ނުލިބޭނެ ކަމަށާއި، އެކަކު އެތައް ޕާޓީއެއްގައި އޮންނަ އޮތުންވެސް ނިމުމަކަށް އަންނާނެކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިތުރަށް ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރު އީ-ފާސް ނިޒާމުގެތެރެއަށް ވެއްދުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ އެ ނިޒާމު ޓެސްޓުކުރުމުގެ މަރުހަލާއެވެ.
"އީ-ފާސްގެ ތެރެއިން އީސީގެ ޕާޓީތަކުގެ ދަފްތަރުގައި ހިމެނެނުމަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް ވަރަށް ގިނަ މަސައްކަތްތައް މިހާރު ވަނީ ނިމިގައި. މިހާރު ކުރިއަށްދަނީ ޑިޒައިންކުރި ޕޯޓަލް ޓެސްޓްކުރުމުގެ މަސައްކަތް. ވަރަށް ގިނަ ރައްޔިތުން ބޭނުންކުރާނެތީ އޭގައި ހުރި އުނދަގޫތައް ފިލުވުމުގެ މަސައްކަތް ކުރިއަށްދަނީ." ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
މި އައު ނިޒާމު ތަޢާރަފުކުރެވޭ ތާރީޚެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މި ބަދަލާއެކު ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ޝަކުވާތައް މަދުވާނެ ކަމަށް އުއްމީދު ކުރެވެއެވެ.