އަހަރީ ފީއާއި ޖޫރިމަނާ ނުދައްކާ 58 ފަރާތަކުން މަހުން މަހަށް ބަހާލައިގެން އެ ފައިސާ ދެއްކުމަށް އެދިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
އަހަރީ ފީއާއި ޖޫރިމަނާ ނުދައްކާ 58 ފަރާތަކުން މަހުން މަހަށް ބަހާލައިގެން އެ ފައިސާ ދެއްކުމަށް އެދިއްޖެ

އެއްގަމާއި ކަނޑު އުޅަނދުތަކުގެ އަހަރީ ފީއާއި ޖޫރިމަނާ ނުދައްކާ 58 ފަރާތަކުން މަހުން މަހަށް ބަހާލައިގެން އެ ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް އެދިފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

މި ފުރުސަތު ސަރުކާރުން ހުޅުވާލެއްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. މިއީ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހައިލައިގެން ދެއްކުމުގެ ގަވާއިދުގެ ދަށުން ހަމަޖައްސާފައިވާ އިންތިޒާމެކެވެ.

ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މިހާތަނަށް ހުށަހަޅާފައިވާ 58 ފަރާތުގެ ތެރެއިން 20 ފަރާތަކަށް ވަނީ ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދެއްވާފައެވެ.

މި ފުރުސަތުގައި ބައިވެރިވެވޭނީ ނުދައްކާ ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށްވުރެ އިތުރުވެފައިވާ، އަދި ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކަށެވެ. އަދި މީގެ ކުރިން މިފަދަ ފުރުސަތެއް ލިބިފައިނުވާ، އުޅަނދުގެ ވެރިފަރާތްތަކަށް އެކަންޏެވެ.

ގަވާއިދުގައިވާ ގޮތުން، ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދެވޭނީ ކޮމިޓްމަންޓް ފީއެއް ދެއްކުމުންނެވެ. މި ފީ 14 ދުވަހުގެ ތެރޭގައި ނުދައްކައިފިނަމަ، އެ ފުރުސަތު ގެއްލޭނެއެވެ. ނަމަވެސް އެ މުއްދަތުގައި ފީ ދައްކައިފިނަމަ، އެފަރާތަކާއި ވުޒާރާއާ ދެމެދު އެއްބަސްވުމެއް އެކުލަވާލެވޭނެއެވެ.

މިއަދު އޮންލައިން