ތަނަވަސްކަން އިތުރުވުމަށް އެދޭމީހާ އަނބިމީހާގެ ޢާއިލާއަކީވެސް ހަމަ ތިމާގެ އަމިއްލަ ޢާއިލާ ކަމަށް ދެކެގެން ހޭދަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތަނަވަސްކަން އިތުރުވުމަށް އެދޭމީހާ އަނބިމީހާގެ ޢާއިލާއަކީވެސް ހަމަ ތިމާގެ އަމިއްލަ ޢާއިލާ ކަމަށް ދެކެގެން ހޭދަކުރާށެވެ!

އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ގުޅިގެން މުސްލިމުންގެ އިތުރުން މުޝްރިކުންވެސް އެއްބަސްވާ ކަމެއް އެބައޮތެވެ. އެއީ އަތްޕުޅުގައި އޮތް އެއްޗަކަށް މީހަކު އެދިއްޖެނަމަ އެއެއްޗަކަށް ކިތަންމެ ބޮޑަށް ބޭނުންފުޅުވެވަޑައިގެން ހުންނަވައިވެސް އެދުނު މީހާއަށް އެއެއްޗެއް ދެއްވަވާ ކަމެވެ. އޭނާއަކީ މުޝަރިކެއް ނަމަވެސްމެއެވެ. 

މިކަމުން އެނގެނީ ކޮންކަމެއް ހެއްޔެވެ؟ އަހުރެންގެ ވިސްނުމުގައި އެގޮތަށް އެކަން ކުރައްވަވަނީ ﷲ ތަޢާލާގެ ޚަޒާނާ ހުސްނުވާނެކަމާއި ﷲ ތަޢާލާގެ މަގުގައި ހޭދަކުރި ވަރަކަށް އެކަމަށް ޙައްޤު ބަދަލު މާފުރިހަމއަށް ދެއްވަވާނެކަން ޔަޤީންފުޅުވެވަޑައިގަންނަވާތީއެއް ނޫނެވެ. އެއްވެސް ޙާލެއްގައި މިބުނަނީ މުދައު އިތުރަށް ދެއްވެވުމުގެ ވާހަކައެއް ނޫނެވެ. ޘަވާބާއި ދަރުމައިގެ ވާހަކައެވެ. އިރާދަކުރައްވަވާ އަޅުންނަށް ޘަވާބުގެ އިތުރުން ދުނިޔޭގައިވެސް ތަނަވަސްކަން އިތުރުކުރައްވަވައި ދެއްވަވަތެވެ. 

މީސްތަކުންނޭވެ! މިއަދު އހުރެމެންގެ ޙާލު މިހުރީ ކިހިނަކުން ހެއްޔެވެ؟ މީހަކަށް އެއްޗެއް ދިނުމަކީ އެންމެ ބޮޑު ބުރަކަމަށް ހަދައިފިއެވެ. އަދި ކީއްހެއްޔެވެ؟ އަތުގައި ހުރި މިންވަރުން އަނބިދަރިންނަށާއި ޢާއިލާއަށް ހޭދަކުރުންވެސް މިވަނީ ބޮޑު ބުރައަކަށް ހަދައިފައެވެ.

މީސްތަކުންނޭވެ! ދީލަތިކަން އިތުރުކުރާށެވެ! ފުރަތަމަ ކަމަކަށް އަނބިދަރިންނަށާއި ތިމާ ބަލަހައްޓަންޖެހޭ މީހުންނަށް ހޭދަކުރާށެވެ! ޢާއިލާއަށް ޚަރަދުކުރާށެވެ! އަނބިމީހާގެ ޢާއިލާއަކީވެސް ހަމަ ތިމާގެ ޢާއިލާ ކަމަށް ބަލައިގެން އެހީތެރިވާށެވެ! 

ހޭދަކުރަންވީ އެހީތެރިކަން ލިބޭ އެއްވެސް މީހެއްގެ ކިބައިން އެއްވެސް ބަދަލަކަށް އެދިގެނެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދިގެންނެވެ. އެއިރުން އިމެއް ނެތި އެމީހަކަށް އިތުރުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން

މިއަދު އޮންލައިން