ތިމާ ހިތްހަމަނުޖެހޭ ކިތަންމެ ކުޑަކުޑަ ކަމެއް މީހެއްގެ ކިބައިން ފެނުނަސް އެމީހެއްގެ މައްޗަށް ހިތްސާފުނުކުރެވޭ މީހުން ވަރަށް ގިނައެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. މީހެއްގެ ކިބައިން ކިތަންމެ ބޮޑު ކަމެއް ކުރިމަތިވިނަމަވެސް އެމީހަކަށް ޙަސަދަވެރިނުވުމަކީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރެވެން އޮތް ކަމެކެވެ.
ހިތުގައި މީހަކަށް ޙަސަދަވެރިކަން ބާއްވައިގެން އުޅުމަކީ އެމީހަކު ކުރާ ހެޔޮ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެއްކަން އެނގެން އެބައޮތެވެ. އެފަދަ ގޮތެއް މެދުވެރިވުމަށްވުރެ ބޮޑު ދެރައަކީވެސް ކޮބައި ހެއްޔެވެ؟
ކޮންމެ މީހަކުވެސް ވިސްނައިލާށެވެ! ދެމަފިރިންގެ މެދުގައި ޖެހޭ ކުދިކުދި މައްސަލަތައްވެސް ހޫނުވެ ބޮޑެތި މައްސަލަތަކަށް ބަދަލުވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެކަކު އަނެކަކަށް ހިތްސާފުނުކުރެވޭ ކަމެވެ. ޖެހޭ ކަންކަން ބޮޑު ހިލަގަނޑެއްހެއް ހިތުގައި ބާއްވައިގެން އުޅެވޭތީއެވެ. ހިތުގައި އަލިފާން ރޯކޮށްގެން އުޅޭތީއެވެ.
މިކަން މިގޮތަށް މެދުވެރިވަނީ ހިތް ޠޯހިރު ނުކުރެވޭތީއެވެ. ހިތް ޠޯހިރުކުރެވޭނަމަ މިފަދަ މައްސަލަތަކުން ސަލާމަތްވެ ހުރެވޭނެއެވެ. ކެތްތެރިވެވޭނެއެވެ. އެހެން މީހުންނަށް މާފުކުރަން ފަސޭހަވާނެއެވެ.
އެކަމަށް ކުރަން އޮތް އެއް ޢަމަލަކީ ޛިކުރުކުރުން ގިނަކުރުމެވެ. އެންމެ ކުޑަމިނުން 2 އިރުގެ ޛިކުރުތައް ކިޔަން ސަމާލުކަން ދިނުމެވެ. އެއީ ކުރަން އެހައި ބުރަކަމެއްވެސް ނޫނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދެމަފިރިންވެސް ޛިކުރުކުރުން ގިނަކުރާށެވެ! 2 އިރުގެ ޛިކުރުތައް ކިޔަމުން ގެންދާށެވެ! އަދި ޢުމުރާއި ގުޅޭ ގޮތުން ދަރިން ލައްވައިވެސް ޛިކުރުތައް ކިޔުއްވާށެވެ! ކުޑައިރު މަދުންނެވެ. މަދުން ނަމަވެސް ކޮންމެ ދުވަހަކުވެސް އެކަން ކުރުވާށެވެ! މުޅި ޢާއިލާއަށްވެސް އުފާވެރިކަން ދެއްވަވާނެތެވެ! އިން ޝާ ﷲ
- މަޢުލޫމާތު: ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން