އިސްލާމް ދީނުގައި ބަޔާންވެގެންވާ ކޮންމެ ޙުކުމްފުޅަކީވެސް ﷲ ތަޢާލާ ބާވައިލެއްވެވި އެކަލާނގެ ނިންމެވުމެކެވެ. ވީމާ މީސްތަކުންނަށް އޮތީ ބަލައިގަނެ ކިޔަމަންތެރިވުމެވެ. ޢަމަލުކުރުމެވެ.
އެހެންކަމާއިއެކުވެސް އަދި ނުއެނގިތިބެނަމަވެސް ޙުކުމްފުޅުތަކަށް ބައެއް މީހުން ކަންބޮޑުވެއެވެ. ފާޑުވެސް ކިޔައެވެ. މިޒަމާނަށް ނުފެތޭ ކަމަށްވެސް ބުނެއެވެ. އެފަދަ ބަސްތައް އެބުނެވެނީ ކަމުގެ މަޢުލޫމާތު ލިބެންވާ ވަރަށް ލިބިފައި ނެތުމުންނެވެ.
އޮފީހެއްގައި މަސައްކަތްކުރާނަމަ އެތަން ހިންގާ ޤަވާޢިދުތަކަށް ޢަމަލުކުރަންޖެހެއެވެ. ތިމާ އެކަމަށް ރުހުނަސް އަދި ނުރުހުނަސް ޖެހޭނީ ޢަމަލުކުރާށެވެ! މިދުނިޔެއަކީ ﷲ ތަޢާލާގެ މިލްކްފުޅުފައިވާ ތަނެކެވެ. އަހުރެމެން އެންމެންނަކީވެސް ﷲ ތަޢަލާގެ އަޅުންނެވެ. ވީމާ އޮތީ ﷲ ތަޢާލާގެ އެންމެހައި އެންގެވުންތަކަށް ޢަމަލުކުރުމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މުސްލިކަމަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތަކީ، މާތް ﷲގެ ޝަރުޢުގައިވާ ޙުކުމްފުޅުތަކާ މެދު އޭނާގެ ހިތްތަނަވަސްވެ، ހިތްރުހިފައިވުމެވެ. އަދި ކިއެއް، އެއީ އޭނާއަށް، އޭނާގެ އީމާންކަން ވެސް ލާޒިމުކުރާ ކަމެކެވެ.
މާތް ﷲ ގެ ޝަރުޢުގައިވާ ޙުކުމްފުޅުތަކަށް ހިތްނުތަނަވަސްވެ، ހިތްނުރުހޭ ކަމަށް ވަންޏާ، އެ މީހެއްގެ އީމާންތެރިކަން މުރާޖަޢާކުރާން ޖެހޭ ފަދަ ޙާލަތަކަށް އެފަދަ މީހަކު ދިޔައީކަން ކަށަވަރެވެ.
އެހެންވެއްޖެއްޔާ، އޭނާއަށް އޮތް ފަރުވާއަކީ، ޢިލްމުން އެ ކަމަށް ފަރުވާ ހޯދުމެވެ. މާތް ﷲ ގެ ޙުކުމްފުޅުތަކުގެ މަތިވެރިކަމުގެ ޢިލްމު އޭނާއަށް ލިބިފައި ނެތުމުން، އެ ޙުކުމްފުޅުތަކުގެ ފުރިހަމަކަމާއި އޭގައި އެކުލެވިފައިވާ އިލާހީ ޙިކްމަތްވަންތަކަން އޭނާއަށް ތަޞައްވަރުވެފައި ނުވަނީ ކަމަށް ވެދާނެއެވެ. ނުވަތަ ފަހުމުކުރުމުގައި މައްސަލަތަކެއް ހުރީ ކަމަށް ވެދާނެއެވެ. ނުވަތަ ކުރީން ފަހުމުވެފައި ވަނީ، ނުބައި ތަޞައްވުރެއްގެ މައްޗަށް ކަމަށް ވުން ވެސް އެކަށީގެންވެއެވެ.
މި ދެންނެވި ހުރިހާ ކަމެއްގެ ފަރުވާއަކީ، ޝަރުޢީގޮތުން، އެ ކަން އެނގޭ ރަނގަޅު ޢިލްމުވެރިޔަކާ އެ މައުޟޫޢުގައި މަޝްވަރާކޮށް، ޢިލްމު ލިބިގަތުމެވެ. ހަމަކަށަވަރުން، ޢިލްމަކީ ޖަހުލާއި، ޣާފިލުކަމާއި، ނުބައި ހީތަކަށްވާ ފަރުވާއެކެވެ.
- ޝައިޚް ޝަފީޢު ޢަބްދުﷲ