މަންމައާ ކިތަންމެ ދުރުގަހުރިނަމަވެސް މަންމަގެ ޙާލުބަލައި އެހީތެރިނުވާނަމަ ޤިޔާމަތް ދުވަހު އެކަމުގެ ޢުޤޫބާތް އެމީހަކާ ބައްދަލުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 59ސ
މަންމައާ ކިތަންމެ ދުރުގަހުރިނަމަވެސް މަންމަގެ ޙާލުބަލައި އެހީތެރިނުވާނަމަ ޤިޔާމަތް ދުވަހު އެކަމުގެ ޢުޤޫބާތް އެމީހަކާ ބައްދަލުކުރާނެ!

މަންމަ ބެލުމަކީ ހަމައެކަނި މަންމަ ބަލަހައްޓާ ނުވަތަ މަންމައާއިއެކު ދިރިއުޅޭ ދަރިއެއްގެ ވާޖިބެއްތޯ؟  

ސުވާލުގެ ޖަވާބުގައި ބުނެލަން އޮތީ ގާތުގައި ހުއްޓަސް ނެތަސް އަދި ކިތަންމެ ދުރުގައި އުޅުނަސް މައިންބަފައިން ބެލުމުގެ ޒިންމާއިން ސަލާމަތް ނުވެވޭނެ ކަމަށެވެ. އެއީ ކޮންމެ ދަރިއެއްގެ މައްޗަށްވެސް ﷲ ތަޢާލާ ވާޖިބުކުރައްވަވާފައިވާ ކަމަކަށްވާތީއެވެ.  

ތިރީގައިވާ ލިޔުމުން އެކަމުގެ ޙުކުމާއި ދުރުގައި ތިބޭ ދަރިން ޢަމަލުކުރަން އޮތްގޮތްވެސް އެނގިލައްވާނެއެވެ. އިން ޝާ ﷲ  

މައިންބަފައިންނަށް ހެޔޮކޮށްހިތައި އޯގާތެރިވުމުގެ ވާހަކަ ވަރަށް ގިނައިން ދައްކަމެވެ. އެކަންކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީއެވެ. ބައިންބަފައިންނަށް ހެޔޮކޮށް ނުހިތުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ފާފައަކަށްވާތީއެވެ.  

އެހެނަސް މިއަދު މިފެންނަނީ މައިންގެ ގާތުގައި ތިބޭއިރު މައިންނަށް ހެޔޮކޮށްހިތައި އެހީތެރިވެދޭ ދަރިންވެސް މައިންގެ ލޯމަތިން ދުރަށް ދެވުމުން، އަމިއްލަ ވަކި ދިރިއުޅުމެއް އުޅެވެން ފެށުމުން މައިންގެމަތިން ހަނދުމަނެތިކޮށްލާތަނެވެ. ޙާލު ބަލާލަންވެސް ހަނދާން ނުހުންނަކަމެވެ. އެހެންކަމުން މިފަދަ ވާހަކަތައް ގިނަގިނައިން ދައްކަން ޖެހެނީއެވެ.  

ކީރިތި ޤުރްއާނުގައި ﷲ ތަޢާލާއަށް އީމާންވުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށްހިތަން އަމުރުކުރައްވަވާފައި ނިންމަވައިލެއްވެވީއެއް ނޫނެވެ. މަރްޔަމް ސޫރަތް ބަލާށެވެ. މަރްޔަމްގެފާނަށް ބައްޕައަކާއި ނުލައި (ފިރިކަލެއް ނެތި) ދަރިކަލަކު ލިބިވަޑައިގަތުމުން އެކަމަނާގެ އިސްތަށިފުޅުގައި އެޅުވި ނުބައި އިލްޒާމުން ސަލާމަތް ކުރެއްވެވުމަށް ތުއްޕުޅު ދަރިކަލުންނަށް ﷲ ތަޢާލާ ދެއްވެވި ކުޅަދާނަކަމުގެ ތެރެއިން ވިދާޅުވި އެއްބަސްފުޅަށް ނިކަން ވިސްނައިލަބަލާށެވެ! 

"އަދި މިއަޅާގެ މަންމާއަށް ހެޔޮކޮށް ހިތާމީހަކު ކަމުގައިވުމަށްވެހެވެ...." (މަރްޔަމް: 32)  

މިފަދައިންވަނީ ﷲ ތަޢާލާ ޢީސާގެފާނަށް ވަޞިއްޔަތްފުޅުކުރެއްވެވިކަންކަން ބަޔާންކުރައްވަވަމުންނެވެ. މިއާޔަތުގައިވާ މިވަޙީބަސްފުޅުން އެނގިގެންދަނީ މަންމައަށް ހެޔޮކޮށް ހިތުމަކީ ﷲ ތަޢާލާގެ އަމުރުފުޅެއް ކަމެވެ.  

"ފަހެ، އެކަމަނާގެ ޤައުމުގެމީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާ ވަޑައިގަތެވެ. އެއުރެން ބުނޫއެވެ. އޭ މަރްޔަމްގެފާނެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ވަރަށްބޮޑު ނުބައިކަމަކާއިގެންނެވެ." (27) 

"އޭ ހާރޫން ގެ އުޚުތާއެވެ! ކަމަނާގެ ބައްޕާއަކީ، ނުބައިމީހެއްކަމުގައި ނުވެތެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ." (28)  

"ފަހެ، އެކަމަނާ އެ ދަރިކަލުންނަށް އިޝާރާތް ކޮށްލެއްވިއެވެ. އެއުރެން ބުނެފޫއެވެ. ޅަފަތުގެ ދާނުގައިވާ ޅަކުއްޖަކާ ތިމަންމެން ވާހަކަދައްކާނީ ކިހިނަކުންހެއްޔެވެ؟" (29)  

"އެ ދަރިކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނަކީ، ﷲ ގެ އަޅަކީމެވެ. އެކަލާނގެ މިއަޅާއަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ." (30)  

"އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، ބަރަކާތް ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، ޒަކާތް ދިނުމަށް، އެކަލާނގެ މިއަޅާޔަށް ވަޞިއްޔަތްކުރެއްވިއެވެ." (31)  

"އަދި މިއަޅާގެ މަންމާއަށް ހެޔޮކޮށް ހިތާމީހަކު ކަމުގައިވުމަށްވެހެވެ. އަދި މިއަޅާއަކީ އަބާއްޖަވެރި، ޖައްބާރަކު ކަމުގައި ނުލައްވަތެވެ." (32) 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ތިބާއަށް ރަނގަޅުގޮތްތައް މިންވަރުކުރެއްވެވުމަށް އެދޭނަމަ ދުނިޔޭގެ ކޮނަމެ ތަނެއްގައި ހުރިނަމަވެސް، ދިރިއުޅުނު ނަމަވެސް މައިންބަފައިންނަށް ހެޔޮކޮށްހިތާށެވެ. ގާތުގައި ނެތުމުން އަމިއްލަ ދެއަތުން ޚިދުމަތްކޮށް ނުދެވޭތަން ފޫބެއްދުމަށްޓަކައި ގިނަގިނައިން ގުޅައި ޙާލުބަލާށެވެ! މާލީ ގޮތުން އެހީތެރިވެދޭށެވެ. އަދި ފުދުންތެރިކަން ހުންނަވަރަކުން ގާތަށް ގެންގޮސްގެން ގެންގުޅޭށެވެ! އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް އެދަރިއަކަށް ކުރާނެއެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން