ދުނިޔޭގެ ކެންސަރު ދުވަސް: ވަޒީރުގެ ޑރ. މާރިޔާ ލަފާފުޅު!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 49ސ
ދުނިޔޭގެ ކެންސަރު ދުވަސް: ވަޒީރުގެ ޑރ. މާރިޔާ ލަފާފުޅު!

ކެންސަރަކީ މިހާރު ދުނިޔޭގައި ގައިންގަޔަށް ނާރާބަލިތަކުގެ ތެރެއިން އެންމެ އާންމު ބައްޔެވެ. ރާއްޖެގައިވެސް މި ބައްޔަކީ އާންމެ އެއްބައްޔަށް މިހާރުވަނީ ވެފައެވެ. އިއްޔެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ، ކެންސަރު ބަލީގެ ދުވަހެވެ. ދުވަހާއި ގުޅިގެން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ އެކަމަނާގެ ލަފާފުޅު ހިއްސާކުރައްވާފައެވެ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ކެންސަރާއި ގުޅޭގޮތުން މުހިންމު މަޢުލޫމާތެއް ހިއްސާކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ، އެކަމަނާ ވަނީ ކެންސަރުގެ ނުރައްކަލުން ރައްކާތެރިވާން ސަމާލުކަންދެއްވަންޖެހޭ ނުކުތާތަކެއް، މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.

ފުރަތަމަ ކަމަކަށް އެކަމަނާ ފާހަގަ ކުރެއްވީ "ކާނާގެ ރައްކާތެރިކަމަށެވެ." ވިދާޅުވީ ތާޒާ މޭވާއާއި ތަރުކާރީ ގިނައިން ބޭނުން ކުރެއްވުމަށާ، ރާއްޖޭގެ މަސްކަނޑުން ލިބޭ ތާޒާ މަހުގެ ބޭނުން ކުރައްވުމަށެވެ. އަދި ހަކުރު، އަދި ޕްރޮސެސްކޮށްފައިވާ ކާނާ މަދުކުރެއްވުމަށް އިރުޝާދު ދެއްވިއެވެ.

ގައިންގަޔަށް ނާރާ ބަލިތަކުންރައްކާތެރިވުމަށް އެންމެ ރަނގަޅު ފިޔަވަޅަކީ ދިރިއުޅުމުގައި ދުޅަހެޔޮ އާދާކަދައެވެ. އެގޮތުން ވަޒީރު ވިދާޅުވީ ކޮންމެ ދުވަހަކު 30 މިނިޓް ކަސްރަތު ކުރެއްވުމަށް އިސްކަމެއް ދެއްވައި، ރަނގަޅަށް ނިދާ އަރާމުކުރެއްވުމާއިއެކު ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޯންއާދަކުރެއްވުން މުހިންމުކަމަށެވެ.

އަހަރެމެންގެ އާންމު ސިއްޙަތަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވާ ވިދާޅުވީ ޤަވާއިދުން ޑޮކްޓަރަށް ދެއްކެވުމަށް އިސްކަމެއްދެއްވުމަށާއި، ދުންފަތުގެ އިސްތިޢުމާލު މުޅިން ދޫކޮށްލައްވައި، ގަވާއިދުން އަމިއްލަ ހަށިގަނޑު ޗެކްކުރައްވައި ވީހާވެސް ބޮޑަށް އިރުގެ ސީދާ އަވިން ރައްކާތެރިވާން މަސައްކަތް ކުރައްވެމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ކެންސަރަކީ ކުރިން ދެނެގަނެވިއްޖެނަމަ،ފަސޭހައިން ފަރުވާކުރެވިދާނެ ބައްޔެއްކަމށާއި އެހެންކަމުން، އަވަހަށް ބަލި ދެނެގަތުމަކީ ވަރަށް މުހިންމު ކަމަށެވެ. އަދި ދުޅަހެޔޮ ސިއްހަތަކީ އަގުހުރި ނިޢުމަތެއްކަން ފާހަގަކުރައްވާ، ވިދާޅުވީ މިއަދުން ފެށިގެން ނަމަވެސް ރަނގަޅު އާދަތައް އަށަގެންނެވުމަށް އަޒުމް އެކަށައަޅާ މަސައްކަތް ކުރުމަށް އިސްކަންދެއްވުމަށެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން