ސަރުކާރު ބަންދު ނަމަވެސް މާދަމާ ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ސަރުކާރު ބަންދު ނަމަވެސް މާދަމާ ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން

މާދަމާއަކީ ރިޔާސީ ބަޔާން އިއްވަވާ ދުވަހަށްވާތީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިފައިވީ ނަމަވެސް، އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ދޭނެ ކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން މިކަން އިޢުލާނު ކުރައްވަމުން ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ޤާއިމްކުރެވިފައިވާ އިމިގްރޭޝަން އޮފީސްތަކުން މާދަމާ ޕާސްޕޯޓް ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި އިމިގްރޭޝަންގެ ޕޯޓަލް "އިމުގާ" މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ޕާސްޕޯޓަށް އެދެވޭނެއެވެ.

އިމަޖެންސީ ހާލަތްތަކުގައި އަދި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމައަށް އިމިގްރޭޝަނުގެ އޮފީސްތަކަށް ގޮސް އޮންލައިންކޮށް ޕާސްޕޯޓަށް އެދެވޭނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިއެވެ. އަދި ޕާސްޕޯޓު ދޫކުރުން ކުރިއަށްދާނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އާ ހަމައަށެވެ.

އާންމުކޮށް ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ އިންތިޒާމުތައް އިމިގްރޭޝަނުން ހަމަޖައްސާއިރު ހޮނިހިރު ދުވަސްތަކުގައިވެސް މާލެ އާއި އައްޑޫ ސިޓީން ޕާސްޕޯޓު ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން