ތިލަފުށި ބްރިޖުގެ މަސައްކަތް އަވަސްކުރުމަށް އިންޑިއާ ސަފީރާއެކު ވަޒީރު ޑރ.މުއްޠަލިބް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތިލަފުށި ބްރިޖުގެ މަސައްކަތް އަވަސްކުރުމަށް އިންޑިއާ ސަފީރާއެކު ވަޒީރު ޑރ.މުއްޠަލިބް މަޝްވަރާކޮށްފި

ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމްއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ އެކި މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ޚާއްޞަކޮށް މިވަގުތު ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އިތުރު މަސައްކަތްތައް ދެ ޤައުމު ގުޅިގެން ކުރިއަށް ގެންދިއުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖުގެ މަޝްރޫޢުގެ މަސައްކަތް ލަސްވަމުންދާތީ، ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ބްރިޖުގެ 46.58 އިންސައްތަ މަސައްކަތް ވަނީ ނިމިފައި ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

އިންޑިއާ ސަރުކާރާއެކު މީގެ ކުރިން ކުރެވުނު މަޝްވަރާތަކަށްފަހު މަސައްކަތް އަވަސްވެފައިވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިއަދުގެ ބައްދަލުވުމުގައިވެސް މަސައްކަތް އިތުރަށް އަވަސްކުރުމަށް ބޭނުންވާ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މިއަދު އޮންލައިން