ރޯދަމަހަށް ގެންނަ ކާބޯތަކެތީގެ ފުރަތަމަ ޝިޕްމަންޓް މިމަހު ބާޒާރަށް ނެރޭނެ: އެސްޓީއޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރޯދަމަހަށް ގެންނަ ކާބޯތަކެތީގެ ފުރަތަމަ ޝިޕްމަންޓް މިމަހު ބާޒާރަށް ނެރޭނެ: އެސްޓީއޯ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އެސްޓީއޯއިން ގެންނަ ކާބޯތަކެތީގެ ފުރަތަމަ ޝިޕްމަންޓް މިމަހުގެ ކުރީކޮޅު ބާޒާރަށް ނެރޭނެކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ހާމަކޮށްފިއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެއްޗަށް އިތުރުވާ ޑިމާންޑަށް ރިޢާޔަތްކޮށް، ބާޒާރުގައި މުދާ ލިބޭނެކަމުގެ ޔަޤީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން ދުރާލާ ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން އެސްޓީއޯއިން ހާމަކުރި މަޢުލޫމާތުގައި، "ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ޢާންމުންނަށް ދަތިނުވާނެ މިންވަރަށް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް މުދާ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ" ކަމަށް ބުނެފައިވެއެވެ.

އަސާސީ ކާބޯތަކެތީގެ އިތުރުން، ރޯދަމަހު ޑިމާންޑު އިތުރުވާ އެހެނިހެން ކާބޯތަކެތިވެސް ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެހޭނެކަމަށް އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ. ޚާއްޞަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދެވޭނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެއްވެސް މުދަލެއްގެ އަގު އާންމު އަގަށްވުރެ މައްޗަށް ދާނަމަ، އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާގެ ލަފާގެ ދަށުން އަގު ހިފެހެއްޓުމަށްޓަކައި އެ މުދަލެއް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރާނެކަމަށްވެސް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

މިއަދު އޮންލައިން