ހެޔޮ ޢަމަލުތައްކުރަމުން ފާފަކުރުން ހުއްޓާލަން މަސައްކަތް ނުކުރެވޭނަމަ އެމީހަކީ އިޚްލާޞްތެރިއެއް ނޫން! ރަހްމަތަށް އެދެން ލަދުވެތިވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
ހެޔޮ ޢަމަލުތައްކުރަމުން ފާފަކުރުން ހުއްޓާލަން މަސައްކަތް ނުކުރެވޭނަމަ އެމީހަކީ އިޚްލާޞްތެރިއެއް ނޫން! ރަހްމަތަށް އެދެން ލަދުވެތިވާންޖެހޭނެ!

އަހުރެން މިދައްކަނީ ފާފަކުރެވޭމީހުންގެ ވާހަކައެއް ނޫނެވެ! ފާފަނުކުރެވޭނެ މީހަކު ނުހުންނާނެއެވެ. އެއީ ޙަދީޘްފުޅުން ޔަޤީންކުރެވޭ ކަމެކެވެ. އަހުރެން މިދައްކަނީ ފާފަކުރުން ހުއްޓާލަން ނުވަތަ ފާފަނުކޮށް ހުންނަން މަސައްކަތްނުކުރާ މީހުންގެ ވާހަކައެވެ.  

ދުނިޔަވީ ގޮތުން ބެލިނަމަވެސް ކުރާ ކަންކަން ދެކޮޅުޖެއްސެން ޖެހެއެވެ. އަދި ކަންކަން ކުރަންޖެހޭނީ އެކަމަކުން ފައިދާކުރާނެ ގޮތަކަށެވެ. މިޘާލަކަށް ފާރުގަނޑެއް ފަސޭހަކުރަން ބޭސްއަޅާއިރު ބޭނުންކުރާނީ އެމީހަކާއި ގުޅޭ، އެފާރުގަނޑެއް އެންމެ އަވަހަށް ހިއްކައިދޭނެ އެންޓިބައޮޓިކެކެވެ. އެފާރުގަނޑު އިތުރަށް ފުންވެގެންދާނެ އެއްޗެއް ބޭނުމެއް ނުކުރާނެއެވެ.  

މިކަން ތިމާއަށް ބޭނުންވާ ކަންކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން އެދުމާއި ގުޅުވައިލާށެވެ! މިއެދެނީ ﷲ ތަޢާލާގެ ރަޙްމަތަށެވެ. އެހެންކަމަށްވާއިރު ޢަމަލުންވެސް އެކަން ދައްކަންޖެހޭނެ ނޫންހެއްޔެވެ؟ ކުރަންޖެހޭނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ޢަމަލުތައް ނޫންހެއްޔެވެ؟ ނަހީ ކުރައްވަވާފައިވާ ޢަމަލުތައް ކުރަމުން ރަޙްމަތަށް އެދުމުން އެއީ ދެކޮޅު ޖެހޭނެ ކަމަކަށްވާނެ ހެއްޔެވެ؟  

މިކަންކަމަށް ތަންކޮޅެއް ބޮޑަށް ވިސްނައިލަމާ ހިނގާށެވެ!  

ކޮންމެ މީހަކީވެސް އަބަދުވެސް ކޮންމެވެސް ޒާތެއްގެ ކަންބޮޑުވުމެއްގެ ތެރޭގައި އުޅެންޖެހިފައިވާ މީހެކެވެ. އެކި މިންވަރަށެވެ. އެނގޭ ކަމަކީ ކޮންމެވެސް ކަންބޮޑުވުމެއް ނެތް ހަމައެކަކުވެސް ނެތްކަމެވެ. ކިތަންމެ މުއްސަނދިނަމަވެސް އަދި ކިތަންމެ މަތީ މަޤާމެއްގައި ހުރިނަމަވެސްމެއެވެ. ގިނަ ފަހަރު ފައިސާވެރިވާވަރަކަށް އަދި މަޤާމު މަތިވާވަރަކަށް ކަންބޮޑުވާންޖެހޭ ކަންކަން އޮންނަނީ ގިނަވެ އަދި ބޮޑުވެސް ވެފައެވެ.  

މިހުރިހައި ކަމަކުން ވެސް އެނގިގެންދަނީ ﷲ ތަޢާލާއަށް ބޭނުންވެގެންނުވާ ހަމައެކަކުވެސް ނުހުންނާނެކަމެވެ. ﷲ ތައާލާގެ ރަޙްމަތް ނުލިބި ދުނިޔޭގައި އުޅެވޭނެ މީހަކު ނުހުންނާނެ ކަމެވެ. އެންމެ ނިކަމެތި މީހާވެސް އަދި އެންމެ ފުދުންތެރި މީހާވެސް އަދި އެންމެ މަތީ މަޤާމުގައި ހުރި މީހާވެސް މިކަމުން އިސްތިސްނާނުވާ ކަމެވެ.   

މިކަމަށްޓަކައި ﷲ ތަޢާލާ ވަހީކުރައްވަވާފައިވަނީ ތިމަން ﷲ ހަނދުމަކުރާށެވެ! އެއިރުން ތިމަން ﷲ ތިއަބައިމީހުން (އެމީހަކު) ހަނދުމަކުރައްވަވާހުށީމެވެ. 

މިހިސާބުން ބަލައިލަން މިޖެހެނީ ﷲ ތަޢާލާ ހަނދުމަކުރުމަކީ ކޮބައިތޯއެވެ؟ ކޮންމެ މީހެއްގެ ހިތަށްވެސް އަންނާނީ ސުބްހާނަﷲ، އަލްޙަމްދުލިﷲ، ﷲއަކްބަރު ފަދަ ކޮންމެވެސް ޛިކުރެއް ކިޔުން ކަމަށެވެ. އެއްވެސް ޝައްކެއްނެތެވެ. އެއީ ހަމަ ޛިކުރުކުރުމެވެ.  

މިއަދު މައްސަލައަކަށްވެގެންމިއުޅެނީ ޛިކުރުކުރުމަކީ ހަމައެކަނި ދުލުން ބުނާ ބަސްތަކަކަށް ހެދޭކަމެވެ. ދުލުން ތަސްބީޙް ކިޔައެވެ. ހިތުން ﷲ ތަޢާލާ ހަނދުމަވެސް ކުރެއެވެ. ނަމަވެސް އަތުން ކުރެވެނީ ﷲ ތަޢާލާ ނަޙީކުރައްވަވާފައިވާ ކަންކަމެވެ.  

މީސްތަކުންނޭވެ! ﷲ ތަޢާލާ ހަނދުމަކުރަމުން އެކަލާނގެ ނަހީކުރައްވަވާފައިވާ ކަންކަން ކުރެވޭނަމަ އެއީ އެކުރެވެނީ މާބޮޑު ފާފައެކެވެ. އެންމެ ނުބައި ޢަމަލެކެވެ. އެކަން އެހެދެނީ ކުޅިވަރަކަށެވެ. އެކަމުން އަންގައިދެނީ ދުލުން ކިޔާ ޛިކުރުތަކަށް ހިތުގައި އެއްވެސް މަޤާމެއް އަދި ޤަދަރެއްވެސް ދެވިފައިނުވާކަމެވެ. މިހާރުގެ ބަހުރުވައިންނަމަ ތިއަ ޖައްސަނީ މުޅިން ފޭކް ގޭމެއް ކަމެވެ. ނިކަން ބުނެބަލާށެވެ! ﷲ ތަޢާލާ އާއިމެދު އެފަދަ ކަމެއް ކުރަން ތިބާއަކީ ކާކުހެއްޔެވެ؟ ﷲ ތަޢާލާ މިންވަރުކުރައްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމަކީ އެއީ ހެއްޔެވެ؟  

މީސްތަކުންނޭވެ! ހިތްދަތި ޙާލަތާއި ކަންބޮޑުވުމުން އަރައިނުގަނެވިގެން އުޅޭއިރު މިކަންކަމަށް ފުންކޮށް ވިސްނާށެވެ! ތިމަން އެބަ ﷲ ތަޢާލާ މަތިން ހަނދުމަކުރަމޭ އެހެނަސް ތިމާ އެދޭ ކަންކަން ޙާޞިލެއް ނުވެއޭ ބުނާއިރު ﷲ ތައާލާ ހަނދުމަކުރެވޭ ގޮތާއިމެދު ފުންކޮށް ވިސްނާށެވެ. ދުލުން ޛިކުރުކުރަމުން އަތުން ޢަމަލު ނުކުރެވޭނަމަ އެކަންވާނީ ކުރިން ބުނިފަދައިން ޖައްސާ ގޭމަކަށް ނޫން ހެއްޔެވެ؟  

މީސްތަކުންނޭވެ! ﷲ ތަޢާލާއަށް އިޚްލާޟްތެރިކަމާއިއެކު ޛިކުރުކުރާށެވެ! ހަނދުމަކުރަންވީ ގޮތުގައި ހަނދުމަކުރާށެވެ. އަތާއި އަދި ދުލުންވެސް ﷲ ތަޢާލާ ނަހީކުރެއްވެވި އެންމެހައި ކަންތައްތަކާއި ދުރުހެލިވާށެވެ! އެއިރުން ﷲ ތަޢާލާ ތިބާގެމަތިން ހަނދުމަކުރައްވަވާނެތެވެ! އެއިރުން ހިތާމަތަކާއި ހިތްދަތިކަން މުޅިންފިލުއްވަވައިދެއްވަވާނެތެވެ! އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވާނެ މީހަކަށް ވެވިއްޖެނަމަ ޙާޞިލު ނުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ ހުރިހާ ކަމެއްވެސް ޙާޞިލުވެގެންދާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން      

މިއަދު އޮންލައިން