ހުކުރުވިލޭރޭގެ ފަތިސްނަމާދުކުރަންވީ އެންމެ ކުރުކޮށް ކުރާ އިމާމުންގެ ފަހަތަކު ނޫން! ހިތްވަރުކޮށްލާފައިވެސް ސުންނަތާ އެއްގޮތަށް ކުރާ އިމާމުންގެ ފަހަތުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 18ސ
ހުކުރުވިލޭރޭގެ ފަތިސްނަމާދުކުރަންވީ އެންމެ ކުރުކޮށް ކުރާ އިމާމުންގެ ފަހަތަކު ނޫން! ހިތްވަރުކޮށްލާފައިވެސް ސުންނަތާ އެއްގޮތަށް ކުރާ އިމާމުންގެ ފަހަތުގަ!

ދަރުސަށް ފެށުމުގެ ކުރިންވެސް ބުނެލާނަމެވެ. ނަމާދު ދިގުވެ ކޮޅަށް ހުންނަން އުނދަގޫވެއްޖެނަމަ އިށީނުމަކީ މައްސަލައެއް ނޫނެވެ. މީހާގެ ޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ނަމާދު ކުރުކުރަން ބާރުނާޅާށެވެ. ނަމާދަށް ހުރެފައިވެސް ދިގުވެ ކޮޅަށް ނުހުރެވޭނަމަ ހުރިދިމާގައި އިށީންނާށެވެ! މިކަން ފާހަގަމިކުރީ ދައްކަން މިއުޅެނީ ހުރުވިލޭރޭގެ ފަތިސްނަމާދު ތަންކޮޅެއް ދިގުކޮށް ކުރުމުގެ ވާހަކަކަމަށްވާތީއެވެ.  

ހުކުރުވިލޭރޭގެ ފަތިސްނަމާދަކީ ހުރިހާ ގޮތަކުން ވަރަށް ޚާއްޞަވެގެންވާ ނަމާދެކެވެ. ހުކުރުވިލޭރޭގެ ފަތިސްނަމާދަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ނަމާދު ކަމުގައިވާތީއެވެ. 

ވީމާ އެނަމާދު ވީހައި ފުރިހަމައަށް އަދާކުރަން މަސައްކަތްކުރާށެވެ. އެނަމާދުގެ 2 ރަކްއަތުގައި ކިޔުން ސުންނަތްވެގެންވާ 2 ސޫރަތްވެސް އެބައޮތެވެ. އެއީ ފުރަތަމަ ރަކްޢަތުގައި އައްސަޖްދަ ސޫރަތް ކިޔެވުމާއި ދެވަނަ ރަކްޢަތުގައި އަލްއިންސާން ސޫރަތް ކިޔެވުމެވެ.  

ކަމުގެ މުހިންމު ކަމަށް ބަލައިފިނަމަ މި 2 ސޫރަތް ކިޔަވަން އިތުރަށް ހޭދަވާ 5 ވަރަކަށް މިނިޓަކީ އެއްވެސް އެއްޗެއް ނޫނެވެ. ދުނިޔޭގައި ތިބެގެން ތައްޔާރުވާން މިޖެހެނީ 50،000 އަހަރަށް ދެމިގެންދާނެ ޤިޔާމަތް ދުވަހު މަޙްޝަރުގެ މައިދާނުގައި ކޮޅަށް ތިބެންޖެހޭނެތީ އެކަމަށެވެ.  

ބައެއް އިމާމުންނަކަށް މި 2 ސޫރަތް ހިތުން ކިޔަވާކަށް ނުއެނގެއެވެ. ފަރިތަ ނަމަވެސް ކުށެއް ޖެހިދާނެކަމުގެ ބިރަށް ކިޔަވާކަށް ނުކެރެއެވެ. އަދި ބައެއް އިމާމުންނަށް އެނގުނު ނަމަވެސް މިސްކިތަށް ޢާންމުކޮށް އަރާ މީހުންނަށް ނަމާދުކުރުކޮށްދޭންޖެހޭތީ ނުކިޔަވައެވެ. އެއްބައަކު ކަންބޮޑުވަނީ ގިނައިރު ކޮޅަށް ހުންނަން ޖެހުމުން ނަމާދު ދިގުވާތީއެވެ. އަނެއްބައަކު ދައްކަނީ ޞިއްޙީ ޢުޛުރުތަކެވެ. ޞިއްޙީ ޢުޛުރެއް އޮތްނަމަ އިށީނދެއިނދެގެންވެސް ކުރެވިދާނެއެވެ. އެއީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ.  

ބައެއް އިމާމުން ސޫރަތް ދެބައިވެސް ކުރެއެވެ. 2 ރަކްޢަތަށް ބަހާލައިގެންކުރެއެވެ. މިއީ އިބްން އަލް-ޤައްޔިމް ދެކޮޅު ހައްދަވާ ކަމެކެވެ. ވިދާޅުވެފައިވަނީ އެއީ ޖާހިލު އިމާމުން ކުރާ ކަމެއްކަމަށެވެ. ވިދާޅުވެފައިވަނީ ސުންނަތުގައިވާ ފަދައިން " ފުރަތަމަ ރަކްޢަތުގައި އައްސަޖްދަ ސޫރަތް ކިޔެވުމަށާއި ދެވަނަ ރަކްޢަތުގައި އަލްއިންސާން ސޫރަތް ކިޔެވުމަށެވެ. އެކަމަށް ޢުޛޫރްވެރިވާނަމަ ސުންނަތް ބައިނުކޮށް، ކުޅިވަރުނުކުޅެ، އެހެން ސޫރަތެއް ކިޔެވުމަށެވެ."

(ލިޔުމުގައިވާ ގުޅުންހުރި ލިޔުން ބައްލަވާ-) 

ސުންނަތާއި އެއްގޮތަށް މިދެ ސޫރަތް ކިޔަވައިގެން ފަތިސްނަމާދުކުރާ މިސްކިތްތައް އެބަހުއްޓެވެ. އެމިސްކިތްތަކުގައި ގިނަ ބައަކު ނަމާދުކުރެއެވެ. އެ 2 ސޫރަތް ކިޔަވާތީ އެމިސްކިތްތަކަށް ދުރުންވެސް ބައެއް މީހުން އައުދެއެވެ.  

މިރެއަކީވެސް ހުކުރު ވިލޭރެއެކެވެ. މިރޭ ލިބިގަނެވެން އެންމެ ހެޔޮކަން ބޮޑު ޢަމަލުތަކުގެ ތެރޭގައި މިރޭގެ ފަތިސްނަމާދު ޖަމާއަތުގައި ކުރުން ހިމެނިގެންވެއެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދަކީ ޖަމާއަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ!  

Ibn Umar reported: The Messenger of Allah, peace and blessings be upon him, said, “Verily, the best of prayers to Allah is the dawn prayer in congregation on Friday.”

Source: Shu’ab al-Imān 2790

Grade: Sahih (authentic) according to Al-Albani

عن ابْنَ عُمَرَ قَالَ قَالَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ أَفْضَلَ الصَّلَوَاتِ عِنْدَ اللَّهِ صَلاةُ الصُّبْحِ يَوْمَ الْجُمُعَةِ فِي جَمَاعَةٍ

2790 شعب الإيمان للبيهقي

1566 المحدث الألباني خلاصة حكم المحدث صحيح في السلسلة الصحيحة  

ލޮބުވެތި އަޚުންނާއި އުޚުތުންނަށް ވެސް މިކަން މިގެންދަނީ ހަނދާންކޮށްދެމުންނެވެ. ފިރިހެން ބޭފުޅުން މިސްކިތުގެ ޖަމާއަތަށް ވަޑައިގަންނަވާށެވެ! އަނހެން ބޭފުޅުން ވަގުތު ޖެހުމުން ގޭގައި ކުރައްވާށެވެ! ހުރިހާ ބޭފުޅުންވެސް މިރޭގެ ފަތިސްނަމާދަށް ސަމާލުކަން ދެއްވާށެވެ!  

ވީހައި ގިނަ އެކުވެރިންނަށް ދައުވަތުވެސް ދެއްވާށެވެ! ވަގުތު އޮތްވަރަކު ގުޅައި ހޭލައްވަންވެސް މަސައްކަތްކުރައްވާށެވެ! ދައުވަތު ޤަބޫލުކުރި ނަމަވެސް ނުކުރި ނަމަވެސް އެމީހާ ކުރި މަސައްކަތަށް އެމީހާއަށް ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ގުޅުންހުރި ލިޔުން:

https://islamqa.info/en/answers/20436/the-sunnah-with-regard-to-reciting-soorat-al-sajdah-and-al-insaan-in-full-in-fajr-on-fridays

 

މިއަދު އޮންލައިން