ގިނަ މީހުންނަށް ހިތާމައިގަ ޢުމުރު ހޭދަކުރަންޖެހެނީ ކަންކަން އިޞްލާޙްނުކުރާ ބައިވެރިޔާއަށް ފުރުޞަތުދީގެން ދުވަސްތައް ނަގައިލެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ގިނަ މީހުންނަށް ހިތާމައިގަ ޢުމުރު ހޭދަކުރަންޖެހެނީ ކަންކަން އިޞްލާޙްނުކުރާ ބައިވެރިޔާއަށް ފުރުޞަތުދީގެން ދުވަސްތައް ނަގައިލެވޭތީ!

ކައިވެނިކުރުމަށްފަހުގައިވެސް ދެމަފިރިންކުރެ މީހަކު އަނެކާގެ ބަސް ޤަބޫލުނުކުރާނަމަ އާދޭސްކޮށް ސަލާމް ޖެހުމެއް ނެތެވެ. ބޭނުންވާ ގޮތް ބުނެ ބަދަލުވާން މުއްދަތެއް ދޭށެވެ. އެމުއްދަތުގައި ބަދަލުނުވިނަމަ އޭނާ އުޅެން ބޭނުންވާ ގޮތަށް އުޅެން ދޫކޮށްލާފައި ތިބާ އެހެން މަގެއް އިޚްތިޔާރުކުރާށެވެ! 

އޭނާ ގާތު ރީތިކޮށް ބުނާށެވެ! ތިބާ އުޅެން ތިއަ ބޭނުންވާ ގޮތަށް އުޅުމުގެ ފުރުޞަތު ދީފީމެވެ. އިޙްތިރާމްކުރުމާއިއެކު އަހުރެން މިހިސާބުން މިވަކިވަނީއެވެ. އެހެން ބުނެފައި އިތުރަށް ބަހުސްކޮށް ޒުވާބުކުރަން ނުހަދާށެވެ! އެއީ ޤަދަރުކެނޑިގެންދާނެ ކަމެކެވެ.  

މިހެން މިބުނާ ސަބަބުވެސް ބުނެލާނަމެވެ. މިޘާލަކަށް ބައްޔަކުން ގަދަނުވެ ބަލީގައި އުޅެންޖެހުން، ތަނަވަސްކަން ކުޑަވުމުން ދަތިޙާލުގައި އުޅެންޖެހުން ފަދަ ކަންކަމަކީ އެކަން ޙައްލުކުރަން އެމީހެއްގެ ސީދާ ބާރު ފޯރުވޭނެ ކަންކަމެއް ނޫނެވެ. އެކަންކަމަށް މަސައްކަތް ކުރިނަމަވެސް ޙައްލުކުރެވޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ.  

ނަމަވެސް އެމީހަކު އުޅޭ ގޮތް ބަދަލުނުކޮށް ހުރެފަ އިރާދަފުޅަކާ ނުއެޅުވޭނެއެވެ. ސަބަބަކީ އެމީހަކު އުޅޭ ގޮތްބަދަލުކުރުމުގެ އިޚްތިޔާރުވަނީ އެންމެންނަށްވެސް ދެއްވަވައިފައެވެ. އެމީހަކު ކުރާ ޢަމަލެއް ކުރުން ހުއްޓައިލުމުގެ އިޚްތިޔާރުވަނީ ދެއްވަވައިފައެވެ. ބައިވެރިޔާ ނުރުހޭ ކަންކަން ނުކޮށް ހުރުމުގެ އިޚްތިޔާރުވެސް ވަނީ ދެއްވަވައިފައެވެ. ބައިވެރިޔާ ރުހޭ ގޮތަށް އުޅުމުގެ އިޚްތިޔާރުވެސް ވަނީ ދެއްވަވައިފައެވެ. މިއިން އެއްވެސް ކަމަކީ އިރާދަފުޅާއި އަޅުވައި ބަސްބުނެވެން ހުރި ކަންކަމެއް ނޫނެވެ.  

ގިނަ މީހުންނަށް ހިތްދަތިކަމުގައި އުޅެންޖެހެނީ މިގޮތަށް މިފިޔަވަޅު އަޅަން ނުކެރޭތީއެވެ. ދިރިއުޅުމުގެ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅު އަޅަން ޖެހިލުންވެ ފަސްޖެހެވުމަކީ މީހާގެ މުސްތަޤްބަލަށް އެންމެ ބޮޑަށް އަސަރުކުރާ ކަންތަކެވެ. ވީމާ ދިރިއުޅުމުގެ ކޮންމެ ކަމަކާއި ގުޅިގެން ނަމަވެސް އަޅަންޖެހޭ ފިޔަވަޅު އެޅުން އަވަސްކުރަންވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން