އަހުރެންގެ މަޝްވަރާ ހޯދަން އަންނަ ބައެއް ފިރިހެނުން ބުނެއެވެ. "އަނބިމީހާ ވަކިވާން ނިންމައިފިއެވެ. އާދޭސްކުރުމުންވެސް އަޑެއް ނުއެހިއެވެ. ދެވަނަ ފުރުޞަތެއް ދިނުމަކަށް އެއްބަހެއް ނުވިއެވެ." މިމޭރުމުން ބުނެފައި އަނބިމީހާގެ ރަނގަޅު ކަމުގެ ވާހަކަ ދައްކައެވެ. އެކަހަލަ ރަނގަޅު އަންހެނަކު ލިބުން އުނދަގޫވާނެ ކަމަށްވެސް ބުނެއެވެ.
ދެން އަހުރެން ސުވާލުކުރަނީ އެއީ ހަމަ ހުރެފައި ކުއްލިއަކަށް ނިންމި ނިންމުމެއްތޯއެވެ؟ ޖަވާބު ނުދޭން ފަސްޖެހިފައިވެސް ކިޔައިދޭއިރު އަނބިމީހާ އޮންނަނީ އެތައް ބައިވަރު ފުރުޞަތު ތަކެއް ދީފައެވެ. އެތައް ފަހަރަކު ކަންބޮޑުވުން ފައުޅުކޮށްފައެވެ. ފިރިމީހާގެ ކިބައިން ފެންނަ ނުރަނގަޅު ކަންކަން އިޞްލާޙްކުރުން އެދި އެތައް ފަހަރަކު އާދޭސްކޮށްފައެވެ.
30 އަހަރުގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. ފިރިމީހާ ނުބައި މަގަކުންދާނަމަ އެކަން އިޞްލާޙްކުރަން ހެޔޮލަފާ އަނބިން ބުނާނެއެވެ. ތަކުރާރުކޮށް އެތައް ފަހަރަކުވެސް ބުނާނެއެވެ. އެހެންވެ ބައެއް ފިރިން އެކަން ނަގަނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. އެއީ ތަކުރާރުކޮށް ބުނިއިރުވެސް އެއްވެސް ހަރުކަށި ބަހެއް ނުބުނާތީއެވެ. ނުވަތަ ވަކިވެގެން ހިނގައިދާނެ ކަމަށް ނުބުނާތީއެވެ.
އެހެންވެ އަޅައިވެސް ނުލަނީއެވެ. ފަރުވާކުޑަކޮށްލައި އެމީހަކު އުޅޭ ގޮތަކަށް އުޅެނީއެވެ. ކުރާ ކަމެއް ކުރަމުން ގެންދަނީއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އެއިރު އަނބިމީހާ ގެންދާނީ ފުރަން ފޮށި ތަންމަތި ތައްޔާރުކުރަމުންނެވެ.
ކުރިން ދެއްކި ވާހަކައާއި ގުޅުވައިލަމާ ހިނގާށެވެ! ފިރިން ކަންބޮޑުމިވަނީ ފޮށިތަންމަތި ހިފައިގެން ފުރަން ނުކުންނަން އުޅޭހިސާބުންނެވެ. އެހިސާބުން އަނބިން ހުއްޓުވުމަކީ ކުރަން އެންމެ އުނދަގޫ ކަންތަކެވެ. އެންމެ 5 އިންސައްތަވެސް ނުހުއްޓުވެއެވެ.
ވީމާ އަހުރެންގެ ނަޞޭޙަތަކީ އަނބިމީހާގެ ކަންބޮޑުވުންތަކުގެ އަޑުއަހާށެވެ. ޢިޖާބަދޭށެވެ. ހެޔޮލަފާ އަނބިން ދޭ ނަޞޭޙަތް ޤަބޫލުކުރާށެވެ. މަޝްވަރާކުރާށެވެ. އިޞްލާޙްކުރަންޖެހޭ ކަންކަން ކުރިއާލައި އިޞްލާޙްކުރާށެވެ! ހެޔޮލަފާ މީހުން މިހާރު ވަރަށް މަދެވެ. ވީމާ ހެޔޮލަﷲާ ބައިވެރިއަކު ގެއްލުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއްދަރައެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން