ރުޅިއަންނައިރަށް އަނބިދަރިންނަށް ނުބައިބަސްބުނެ ހަރުކަށި ޢަމަލުކުރެވޭ މީހުންނަކީ އެންމެ ނުބައި މީހުންގެ އިތުރުން އެންމެ ބަލިކަށި މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ރުޅިއަންނައިރަށް އަނބިދަރިންނަށް ނުބައިބަސްބުނެ ހަރުކަށި ޢަމަލުކުރެވޭ މީހުންނަކީ އެންމެ ނުބައި މީހުންގެ އިތުރުން އެންމެ ބަލިކަށި މީހުން!

ބައެއް މީހުން ރުޅި އައުމާއިއެކު އަނބިމީހާއަށް އަނިޔާކުރެއެވެ. ދުލުން ނުބައިބަސްތައް ބުނެ އަޑުގަދަކުރެއެވެ. ދަރިއަކު ފެނިއްޖެނަމަ އަތުގައި ހިފާ ހޫރާލުން ފަދަ އަނިޔާވެރި ޢަމަލުތައްވެސް ކުރެއެވެ. މިހުރިހާ ކަންކަން ކުރަނީ އެމީހުންނަކީ ބާރުގަދަ ބައެއްކަން ދެއްކުމަށެވެ. ބިރުދެއްކުމަށެވެ.  

ނަމަވެސް އެކަންކަމުން އެނގެނީ އޭނާގެ ބަލިކަށިކަމެވެ. އަންނަ ރުޅި ކޮންޓްރޯލްކުރުމުގެ ބާރު އޭނާއަށް ލިބިފައި ނެތުމުންނެވެ. ރުޅި އަންނަހިނދު މިބުނި ފަދަ ކަންކަން ކޮށްފައި ފަހުން ހިތާމަކުރަނީ އެހެންވެގެންނެވެ.  

ވަރަށް ކެރިހުރެގެން ބުނެއެވެ. އެއީ ފިރިހެނަކަށްވާތީ ފިރިހެނެއްގެ ސިފައިގައި ހުރިނަމަވެސް  އެމީހަކީ އަދި އޭނާއަށް އެ ހީކުރެވޭ ފަދަ ބާރުގަދަ ފިރިހެނެއް ނޫނެވެ. އޭނާއަކީ އެއްޓަނުގެ ބުރަދަން އުފުލައިލެވޭ މީހަކަށްވެސް ވެދާނެއެވެ. އެހެންވިޔަސް އޭނާއަކީ ރުޅި އަންނަހިނދު ކުރިން ބުނި ފަދަ ކަންކަން ކުރެވޭ މީހަކު ނަމަ އޭނާއަކީ ބާރުގަދަ ފިރިހެނެއް ނޫނެވެ.  

މިއީ އަހުރެން ބުނާ ބަހެއް ނޫނެވެ. މިއީ ރަސޫލް ގެ ޙަދީޘްފުޅުން މިކަން އެނގެން އޮތްގޮތެވެ. ޞަޙާބީން "ރެސްލިން" ކުރަނިކޮށް ވަޑައިގެން ޙަދީޘްފުޅު ކުރެއްވެވީ އެންމެ ބާރުގަދަ މީހާއަކީ އޭނާގެ އަތުގެ ބާރު އެންމެ ގަދަ މީހާ ނޫންކަމަށާއި ރުޅި އަންނަ ހިނދު ރުޅި ކޮންޓްރޯލްކުރެވޭ މީހާ ކަމަށެވެ.  

ވީމާ ރުޅިއަންނަހިނދު މިބުނިފަދަ އެއްވެސް ޢަމަލެއް ތިމާއަށް ކުރެވޭނަމަ އަވަހަށް ލަދުވެތިވާށެވެ! އެހެނީ އެމީހަކު އެހިމެނެނީ އެންމެ ބަލިކަށި މީހުންގެ ތެރޭގައެވެ. ޙަޤީޤަތުގައި އެންމެ ބަލިކަށި އެންމެ ނިކަމެތި މީހުންނަކީ އެއީއެވެ.  

އެހެނީ ރުޅި ކޮންޓްރޯލް ނުކުރެވޭނަމަ އެމީހަކު އެވަނީ ޝައިޠޯނާގެ ބާރުގެދަށުގައެވެ. އެއަށްވުރެ ވަކިން ބޮޑު ނިކަމެތިކަމަކީ ކޮބައިހެއްޔެވެ؟ ޝައިޠޯނާގެ ބާރުގެދަށަށް މީހަކު ދާނީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ބުއްދީގެ ބޭނުން ނުކުރެވޭތީއެވެ. އޭނާގެ ނަފްސުގެ މައްޗަށް އޭނާއަށް ބާރު ނުހިންގޭތީއެވެ. އެފަދަ މީހަކަށްވުރެ ދެރަ ނިކަމެތި މީހަކީ ކާކުހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން