ދުނިޔެއަށް އުފަންވާ ކޮންމެ މީހަކީވެސް އާދަމްގެފާނު އުފެއްދެވުމަށްފަހު ހަށިކޮޅުން ނެރުއްވެވި މީހެކެވެ. އެދުވަހު ނުވަތަ އެ ވަޤުތު ކަންކަން ހިނގައިދިއަގޮތް އަހަރެމެންގެ ހަނދާނަކު ނެތެވެ. އެއީވެސް ﷲ ތަޢާލާގެ ކުލަދުންވަންތަކަމުގެ ބޮޑުކަމެވެ.
އަހުރެމެންނަށް އަހަރެމެންގެ ދުނިޔަވީ ޙަޔާތް ފެށެނީ މައިމީހާގެ ބަނޑުންނެވެ. އަދި މައިމީހާގެ ބަނޑުގައި އޮންނައިރު ކަންކަން މެދުވެރިވާ ގޮތެއް އެއިރަކު ނުއެނގޭނެއެވެ. އުފަންވުމުން ހަނދާނަކުވެސް ނުހުންނާނެއެވެ. އަދި އެންމެ ތުއްތުއިރުގެ ހަނދާންތަކެއްވެސް ނުހުރެއެވެ. ހަނދާން ހުންނަން ފަށަނީ ވަކި ވަރަކަށް ބޮޑުވުމުންނެވެ.
އެކަމުން އަންގައިދެނީ ފަށަމުން މިބުނި ބަހުގެ ތެދުކަމެވެ. އަހުރެމެންނަށް ކުރިމަތިވާ ހުރިހާ ކަންކަމެއް އަހުރެމެންގެ ހަނދާނުގައި ނުހުންނަ ކަމެވެ.
އެއްވެސް ތަކްލީފެއް އުފުލާކަށް ދަރިންނަކަށް ނުޖެހެއެވެ. މާބަނޑުގައި އޮންނަ ދުވަސްވަރު ހުރިހާ ތަކްލީފްތަކެއް އުފުލަނީ މަންމައެވެ. އެކަން މިއެނގެނީ ދުނިޔެއަށް އުފަންވެ ކުއްޖާ ބޮޑުވެ ކަންކަން ވިސްނޭވަރުވުމުންނެވެ. އެހެންގޮތަކަށް ބުނާނަމަ ފުރަތަމަ ޙަޔާތުގައެވެ. ފުރަތަމަ ޙަޔާތަކީ ދުނިޔޭގައި ހޭދަކުރަން ލިބޭ ދުވަސްތަކެވެ.
އެއަށްފަހު ދެން އޮތީ ދެވަނަ ޙަޔާތެވެ. އެއީ ބަރުޒަޚުގެ ޢާލަމުގައި ހޭދަކުރަންޖެހޭ ޙަޔާތެވެ. އެޙަޔާތުގައި ސުވަރުގެ ނުވަދެވުނަސް މީހާ ވާނީ ސުވަރުގޭގެ ނިޢުމަތުގައެވެ. ހުންނާނީ ސުވަރުގޭގެ ވަސް ލިބިލިބިއެވެ.
ތިންވަނަ ޙަޔާތަކީ ފުރަތަމަ ޙަޔާތާއި ދެވަނަ ޙަޔާތަށްވުރެ މާއުފާވެރި ޙަޔާތެކެވެ.
މާބަނޑުގައި އޮންނަ ދުވަސްވަރު އެއްވެސް ކަމަކަށް އެދޭކަށް ނުއެނގެއެވެ. އެހެންވެ އެއްވެސް ކަމަކަށް ނުވެސް އެދެމުއެވެ. ނަމަވެސް ދުނިޔެއަށް އުފަންވެ ދުނިޔޭގެ ޙަޔާތަށް ފެށުމުން ކަންކަމަށް އެދެން ފަށަމުއެވެ. އެކަންކަން ޙާޞިލުވެސްވެއެވެ. އެކަމުގެ އުފާވެރިކަން ލިބެއެވެ.
އެއްވެސް މީހަކު މަރެއް ނުވެއެވެ. މާނައަކީ އޭނާގެ ދުނިޔަވީ ޙަޔާތް ނިމުމުން ފުރާނަ ހަށިގަނޑުން ނެރުއްވަވަނީއެވެ. ފުރާނަ މަރެއް ނުވެއެވެ. ދާއިމަށް ދެމިހުރެއެވެ. ދުނިޔޭގެ ޙަޔާތް ނިމި ﷲ ތަޢާލާގެ ޙަޟްރަތަށް އަހަރެމެން ގެންދަވަނީއެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުނުނަމަ އެއީ މާއުފާވެރި ޙަޔާތެކެވެ. އުފަލުން ހިތް ފުރިގެންދާނެ ޙަޔާތެކެވެ. އެއްވެސް ކަމެއް ނުލިބިގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ބޭނުންވާ ހުރިހާ ކަމެއް ހުންނާނީ އަބަދުވެސް ލިބިލިބިއެވެ. އެހެންވެ، ނިޢްމަތްތައް ލިބޭލެއް ގިނަކަމުން ދުނިޔޭގައި ހޭދަކުރި ޙަޔާތްމަތިން ހަނދާނެއްވެސް ނުހުންނާނެއެވެ.
ވީމާ އަހަރެމެންގެ ޙަޤީޤީ ޙަޔާތަކީ އުފާވެރި ޙަޔާތަކަށް ހަދަން ބޭނުންވާނަމަ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އިތުރުކުރާށެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅޭށެވެ. ހިތާމަކުރަންޖެހޭނީ އެކަން އެގޮތަށް ނުކުރެވުނު ނަމައެވެ.
- މުފްތީ މެންކުގެ ދަރުސަކުން