ކެތްތެރިވެލުމަކީ ބޭނުންތައް އަވަހަށް ފުއްދަވައި ދެއްވަވާނެ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ކެތްތެރިވެލުމަކީ ބޭނުންތައް އަވަހަށް ފުއްދަވައި ދެއްވަވާނެ ސަބަބެއް!

ނިކަން ވިސްނައިލަބަލާށެވެ! ޤިޔާމަތްވުމާއިއެކު ވަޤުތުން އެމީހަކަށް ޖަޒާ ދެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. މިބުނަނީ ނަރަކައަށް ވަންނަން ޖެހޭ މީހުން ވަޤުތުން ނަރަކައަށް ވެއްދެވުމަށް ކުޅަދަންތަވެވޮޑިގެންވާ ވާހަކައެވެ. ނަމަވެސް ކަންކަން ނިންމަވަނީ ވަކިތަރުތީބަކުންނެވެ.

ކޮންމެ މީހަކާއިމެދުވެސް ގޮތް ނިންމަވަނީ ޙިސާބު ބެއްލެވުމަށްފަހުގައެވެ. ޤިޔާމަތް ދުވަހަކީ 50000 އަހަރަށް ދެމިގެންދާނެ ދުވަހެއް ކަމުގައި ވަނީ ލައްވަވައިފައެވެ. 

މިކަންކަމުންވެސް އެނގެނީ ކެތްތެރިވާން ޖެހޭނެ މިންވަރެވެ. އިންސާނާގެ ކާމިޔާބީ އާއި ނާކާމިޔާބީވެސް ގުޅިފައިވަނީ އެމީހެއްގެ ކެތްތެރިކަމާއިއެވެ. ކެތްތެރިކަމެއް ނެތް މީހަކަށް އޮންނާނީ އެއްވެސް ކަމެއް ކާމިޔާބު ނުކުރެވިފައެވެ. ފޭލްވެފައެވެ. 

ދިރިއުޅުމުގަ ކޮންމެ ބޮޑު މުޞީބާތެއް ކުރިމަތިވި ނަމަވެސް އަދި ކިތަންމެ ބޮޑު ހިތްދަތިކަމެއްގައި އުޅެންޖެހުނު ނަމަވެސް ފުރަތަމަ ތިބާގެ ބައި ފުރިހަމަކުރާށެވެ! އެއީ ހުރިހާ ކަންކަން ތިބާއަށް މިންވަރުކުރައްވަވާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ފަރުޟުތައް ބަރާބަރަށް އަދާކުރުމާ ސުންނަތް އަޅުކަން ގިނަކުރުމެވެ.

އެކަންކަން ފުރިހަމަކުރުމަށްފަހު ނިޢްމަތްތަކުގެ ވެރި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! ރަހްމަތުގެ ދޮރުތައް ހުޅުވިގެންދާނެއެވެ! އިން ޝާ ﷲ

ކޮންމެ މީހަކަށް ނަމަވެސް ކުރިމަތިލާންޖެހޭ އެންމެ ހިތްދަތި ޙާލަތުން އެންމެ އުފާވެރި ޙާލަތަށް ބަދަލުކުރައްވަވައި ދެއްވަވަނީވެސް ހަމަ އެކަންކަން ތަކްލީފަކަށްވާގޮތަށް ތިބާއަށް ކުރިމަތިކުރެއްވެވި ﷲ ތާޢާލާ އެވެ. އެކަން ޤަބޫލުކުރަމު ނޫންހެއްޔެވެ؟

މިގޮތަށް ވިސްނައިލަމާ ހިނގާށެވެ! ކުޑައިރުންސުރެ އެކުގައި އުޅޭ އެއް ޢުމުރުގެ އެކުވެރިންކަމުގައިވީ ނަމަވެސް ކައިވެނިކުރެވެނީވެސް ވަޒީފާ ލިބެނީވެސް އެންމެން އެކުގައި އެއްފަހަރާއެއް ނޫނެއް ނޫންހެއްޔެވެ؟ ކޮންމެ މީހަކަށްވެސް ކަންކަން ޙާޞިލުކުރެވެނީ އެކަމެއްގެ ވަޤުތު ޖެހުމުން އެމީހަކަށްކަން ކޮންމެ ދުވަހަކު މިއަންނަނީ ލޯތަކަށް ފެންނަމުންނެވެ.

ވީމާ ތިބާއަށް ލިބުން ތިއައެދޭ ކަންކަން އަދި މިންވަރުނުކުރައްވަވައިގެން ތިއަ ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަވެސް އެ ނިޢްމަތް މިންވަރުކުރައްވަވާފައިވާ އެހެން މީހުންގެ މަތިން ހަނދާންކުރާށެވެ! ޙަސަދަވެރިވުމކަށް ނޫނެވެ! ތިބާއަށްވެސް ވަގުތު ޖެހުމުން މިންވަރުކުރައްވަވާނެކަން ޔަޤީންކުރެވުމަށެވެ!  

އަދިވެސް ބުނެލަން ހެއްޔެވެ؟ ތިބާ ތިއަ އެދޭ ކަންކަން ލިބުން ލަސްވާ ސަބަބަކީ މާބޮޑަށް އަވަސްއަރައިގަނެގެން އުޅެވުމާއި ޙާޞިލު ކުރެވުން ލަސްވާތީ ކަންބޮޑުވާ މިންވަރު ބޮޑުވުން ކަމަށްވެސް ވެދާނެއެވެ. ކެތްތެރިވެލައި ހުރެގެން އިންތިޒާރުކޮށްލަން މިބުނަނީ އެހެންވެގެންނެވެ.

 

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން