އަޅުގަނޑުގެ އެކުވެރި ޒުވާން ދެމަފިރިއެއްގެ މެދުގައި އުޅެނީ ކުނިޖެހިގެންނެވެ. ނަމަވެސް އެއީ މަސައްކަތްކޮށްފިނަމަ ޙައްލުނުކުރެވޭނެ ވަރުގެ ބޮޑުކަމެއްވެސް ނޫނެވެ. އެކަމަކު ގިނަ އެކުވެރިން ހިތްވަރުދެނީ ކައިވެނި ރޫޅާލުމަށެވެ. މިޙާލަތުގައި އެދެމަފިރިންނަށް ވިސްނައިދޭން ކުރެވިދާނެ ކަމެއް ބުނެބަލަ!
ކިޔުންތެރިޔާގެ ބޭނުން ވަރަށް ސާފެވެ. އަދި ތިއަ ވިސްނުމަށްވެސް މަރުޙަބާކިޔަމެވެ. އެއީ ދެމަފިރިއެއްގެ ކައިވެނި ދަމަހައްޓަން މަސައްކަްތކުރާތީއެވެ. ތިރީގައިވާ ލިޔުމަކީ ތިއަޙާލަތަށް އެހީތެރިވެދޭނެ ލިޔުމެކެވެ. އިން ޝާ ﷲ
އަހަރެމެން ގެންގުޅޭ އަގުބޮޑު ކާރުގެ އިންޖީނަށް ގެއްލުމެއް ލިބުނަސް އަދި ކާރަށް އެނޫން ގެއްލުމެއް ލިބުނަސް ކާރު އެއްލައެއް ނުލަމުއެވެ. ގަރާޖަކަށް ފޮނުވައިގެން މަރާމާތުކުރަނީއެވެ. ހަމަ ކަމެއްވާއިރަށް އެއްވެސް މީހަކު ކާރު އެއްލާލާފައި އައުކާރެއް ނުހޯދާނެއެވެ.
ނަމަވެސް ނުހަނު ލޯބިން ކައިވެނިކޮށް އެކުގައި ދިރިއުޅެމުންގެންދާ ފިރިމީހާއަށް ނުވަތަ އަނބިމީހާއަށް ކުށެއް ކުރެވޭއިރަށް މާފުކުރަން ބޭނުންނުވެ ވަރިކޮށްލަން ބޭނުންވަނީ ކީއްވެގެންހެއްޔެވެ؟ މާފުކޮށްގެން އެކުގައި އަދިވެސް ބަލަން ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ؟
އެއް ސަބަބަކީ ތިބާގެ ހުރިފައިސާވެރިކަން ބޮޑުކަމުން ތިބާގެ ވަށައިގެން އެތައް ހާސް އަންހެނުން ނުވަތަ ފިރިހެނުން އެނބުރޭތީއެވެ. އެނގޭހެއްޔެވެ؟ ތިބާގެ ފައިސާވެރިކަން ކުޑަވާއިރަށް އެމީހުން ތިބާ ދޫކޮށްލާފައި ދުރަށްދާނެއެވެ.
ދެވަނަ ސަބަބަކީ ތިބާގެ ރީތިކަން ކަމުގައިވެދާނެއެވެ. އެހެންވެއްޖެނަމަ އެއްވެސް ސަބަބެއް މެދުވެރިވެ ތިބާގެ ރީތިކަމަށް ބަދަލެއް އަންނައިރަށް ތިބާދޫކޮށްލާފައި ދުރަށް ދާނެއެވެ.
ވިސްނާށެވެ.! ދެމަފިރިއެއްގެ މެދުގައި މައްސަލައެއް ޖެހޭއިރަށް ވަރިވާން ނުވަތަ ވަރިކުރަން ނަޞީޙަތްދޭ މީހުން ވަރަށް ގިނަވާނެއެވެ. ނަމަވެސް އެމީހުންގެ ބަހަށް ކައިވެނި ރޫޅައިލުމުން ފަހުން ކިތަންމެ ބޮޑު ދަތިޙާލެއްގައި އުޅެންޖެހުނަސް އެއިން ހަމައެކަކުވެސް އެހީތެރިއެއް ނުވާނެއެވެ. އަޅައިވެސް ނުލާނެއެވެ. ގިނަ ފަހަރު މަސައްކަތްކުރާނީ ތިބާ ލައްވައި ފާފައެއް ކުރުވުމަށެވެ. ތިމާއަށް އުފަލެއް ޙާޞިލުކުރެވޭތޯއެވެ. ނޫނީ މާލީ މަންފާއެއް ހޯދޭތޯއެވެ.
ވީމާ ދެމަފިރިންގެ މެދުގައި ކުޑަ މައްސަލައެއް ޖެހުނަސް ބޮޑު މައްސލައެއް ޖެހުނަސް ދެމަފިރިން އެކުގައި އަވަހަށް އިށީނދެ ހަމަޖެހިލާށެވެ. ހަމަޖެހިލުމަށްފަހު ދެމީހުންވެސް ތައުބާވާށެވެ. އެއިރުން ޢަމަލުކުރަންވީ ގޮތުގެ ހެޔޮވިސްނުން ދެއްވަވާނެތެވެ. އިން ޝާ ﷲ
މިގޮތަށްވެސް ވިސްނާށެވެ! ފަޅާއަރައިގެން މިއުޅެނީ އެކެއްގެ ކުށެކެވެ. އެއިގެ މާނައަކީ އަނެކަކު ހަމަ އެއްވެސް ކުށެއް ނުކުރަނީހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކުރެވުނު ކުށްތައް ތަފާތުވެދާނެއެވެ. ޔަޤީންކުރަންޖެހޭ ކަމަކީ ކޮންމެ މީހަކަށްވެސް ކުށްތަކެއް ކުރެވިފައިވާނެކަމެވެ.
އެހެންކަމަށްވާއިއރު އަނެކާގެ ކިބައިން ކުށެއް ފެނުމަކީ ތިބާ އެއްވެސް ކުށެއް ނުކުރާ މީހަކަށް ވެވޭނެ ސަބަބެއް ނޫނެވެ. ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. ކުށެއް ކުރެވުމަކީ ކައިވެނި ރޫޅާލަން ޖެހޭ ސަބަބަކަށް ހަދައިފިނަމަ ހުރިހާ އެންމެންގެ ހުރިހާ ކައިވެނިތަކެއް ޖެހޭނީ ވަޤުތުން ރޫޅައިލާށެވެ! ދެމެހެއްޓޭނެ އެއްވެސް ކައިވެންޏެއް ނެތެވެ.
ވީމާ ދެމަފިރިންނަށާއި ދެމަފިރިންނަށް ލިބިފައިވާ ދަރިންނަށްޓަކައި، އެކުދިންގެ ޙައްޤުގައިވެސް، ދަރިއަކު ނެތްނަމަ ދެމީހުންނަށްޓަކައިވެސް އެކަކު އަނެކަކަށް މާފުކުރާށެވެ! އެކަމުން ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުން މާބޮޑުވާނެއެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން