ޔަޤީންކުރާށެވެ! ތިމާ ކައިވެނިކުރަން ބޭނުންވި ލޯބިވެރިޔާ ނުލިބުނީމަ ދެރަނުވެ ލިބުނު މީހާއާއި ކައިވެނިކޮށް ހެޔޮގޮތުގަ އުޅޭ މީހުންނަށް ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ޔަޤީންކުރާށެވެ! ތިމާ ކައިވެނިކުރަން ބޭނުންވި ލޯބިވެރިޔާ ނުލިބުނީމަ ދެރަނުވެ ލިބުނު މީހާއާއި ކައިވެނިކޮށް ހެޔޮގޮތުގަ އުޅޭ މީހުންނަށް ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ

 

އަބަދުވެސް ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަދި ޝަކުވާއަކީވެސް އެމީހަކު ލޯބިވި ލޯބިވެރިޔާ ނުލިބުމެވެ. އެންމެ ގިނަ ދުވަހު މީހުން ހިތާމައިގައި އުޅޭ ސަބަބަކީވެސް ހަމައެއީއެވެ. ދިރިއުޅުން މަތިން ފޫހިވެ ކަރު އެލުވައިލާ ކަމަކީވެސް ހަމަ އެއީއެވެ.

އެކަމުން އެނގެނީ އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކަށްވެފައި އޮންނަނީ ބޭނުންވި ލޯބިވެރިޔާ ނުލިބުން ކަމެވެ. އެކަން އެނގޭ އެއް ސަބަބަކީ ވަޒީފާ ނުލިބުމާއި އެހެންވެސް ދަތިތައް ކުރިމަތިވުމުން ކަންބޮޑުވެ މާޔޫސްވާ މީހުންނަށްވުރެ ބޭނުންވާ ލޯބިވެރިޔާ ނުލިބުމުން މާޔޫސްވާ މީހުންގިނަވުމެވެ. މީހުން އަމިއްލައަށް މަރުވާ ސަބަބުތަކުގެ ނިޞްބަތަށް ބަލައިލުމުން ވެސް އެކަން އެނގިގެންދާނެއެވެ.

ހަމަ އެއާއިއެކު އަހަރެންނާއި ބައްދަލުވެ ވާހަކަދެކެވުނު މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބުނަން ޖެހެނީ ބޭނުންވާ ލޯބިވެރިޔާ ނުލިބުމުން އެވަގުތު ހިތްދަތިވި ނަމަވެސް ﷲ ތަޢާލާ އަށް ޝުކުރުވެރިވެ ކެތްތެރިވެލުމުން ފަހުން ދެއްވަވާ ލޯބިވެރިޔާ މާފުރިހަމަކަމަށެވެ. އަދި ގިނަ ބައަކު އެމީހުންނަށް ކުރެވުނު ތަޖުރިބާއަށް ބަލައި ބުނެފައިވަނީ ފުރަތަމަ އެދުނު ނުވަތަ ކޮންމެހެންވެސް ޙާޞިލުކުރަން ބޭނުންވި ލޯބިވެރިޔާ ނުލިބުނު ކަމަށްޓަކައި ފަހުން އުފާކުރެވޭ ކަމަށެވެ.

މިހެން މިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ފުރަތަމަ ވެސް ވިސްނައިލަންވީ ﷲ ތަޢާލާ މިންވަރުކުރައްވަވާ ޙާލަތަށް ޝުކުރުވެރިވާންޖެހެނީ، ނުވަތަ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވާންޖެހެނީ ކީއްވެގެން ކަމާއިމެދުގައެވެ.

ﷲ ތަޢާލާ އެއްވެސް މީހެއްގެ ކިބައިން ޝުކުރުވެރިކަމަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ. ދުނިޔޭގައި ހުރި އެންމެ މީހަކު އެއްވެސް މިންވަރަކަށް ޝުކުރުވެރިނުވި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް އެއްވެސް ކަމަކުން ޛައްރެއްގެ މިންވަރުވެސް އުނިވެގެނެއް ނުދެއެވެ. އަދި ﷲ ތަޢާލާއަށް އެންމެން އެކުގައި ޝުކުރުވެރިވުމަކުން ޛައްރެއްގެ މިންވަރުވެސް އިތުރުވެގެނެއްވެސް ނުދެއެވެ.

ޝުކުރުވެރިވުމުން، ޝުކުރުވެރިވުން ގިނަކުރިވަރަކަށް އެކަމުގެ ފައިދާ ކުރާނީ ހަމަ އެމީހަކަށެވެ. ކުރިމަތިވާ އެންމެ ބޮޑެތި މުޞީބާތްތަކާއި ގުޅިގެންވެސް ޝުކުރުވެރިވެ ކެތްތެރިކަން އިސްކޮށް ﷲ ތަޢާލާއަށް ވަކީލުކޮށްފިނަމަ އެމީހަކަށް ދެއްވަވާ ނިޢްމަތްތައް މާބޮޑު ތަނުން އިތުރުކުރައްވަވާނެތެވެ! އިން ޝާ ﷲ

މިތަނުގައި ޝުކުރުވެރިވުމާއި ވަކީލުކުރުން އިތުރުކުރުން މިމާނަކުރަނީ ވަރަށް ފުޅައު މާނައެއްގައެވެ. ނަމާދުކުރުމާއި ޛިކުރުކުރުމާއި އިސްތިޣްފާރުކުރުން ގިނަކުރުންފަދަ ހެޔޮ އަމަލުތައް ކުރުން ގިނަކުރުމާއިއެކުގައެވެ.

ކޮންމެހެން ޙާޞިލުކުރަން ބޭނުންވި ލޯބިވެރިޔާ ނުލިބުމުން ވެސް ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލުކޮށް ޝުކުރުވެރިވެ މިބުނިމަގުން ނިކަން ޢަމަލުކޮށްބަލާށެވެ! ލައްވަވާ ބޮޑު ރަޙްމަތަށް ނިކަން އުންމީދުކޮށްބަލާށެވެ! ލިބޭ އުފާވެރިކަން ނިކަން ތަޖުރިބާކޮށްލަބަލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން