އެހެން މީހުން އެމީހުންގެ އަނބިންނަށް ގޯސްކޮށް ކަންކަންކުރާކަމުގެ ވާހަކަ ދެއްކުމަކުން ކުރާނެ ފައިދާއެއް ނެތް! ފައިދާކުރާނީ ތިމާގެ އަނބިމިހާއަށް ތިމާ އޯގާތެރިވެގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
އެހެން މީހުން އެމީހުންގެ އަނބިންނަށް ގޯސްކޮށް ކަންކަންކުރާކަމުގެ ވާހަކަ ދެއްކުމަކުން ކުރާނެ ފައިދާއެއް ނެތް! ފައިދާކުރާނީ ތިމާގެ އަނބިމިހާއަށް ތިމާ އޯގާތެރިވެގެން!

ފުރަތަމަ މިޙާދިސާއަށް ވިސްނައިލާށެވެ!

ޢަޞްރު ނަމާދު ނިންމައިގެން މިސްކިތުން ފޭބިތަނާ މީހަކު އައިސް ދެއްކީ އޭނާ ނަމާދަށް އައިއިރު އަވަށްޓެރިޔާ އޭނާގެ އަނބިމީހާ ދެކެ ރުޅި އައިސް އަޑުގަދަކޮށް ޒުވާބުކުރާ ވާހަކައެވެ.

އެވާހަކަތައް ދައްކާފައި އޭނާ ދުރަށް ދިއަތަނާ އެހެން މީހަކު އައިސް ބުނީ އޭނާއަކީ ވެސް ކުރިން ވާހަކަ ދެއްކި މީހާގެ އަވަށްޓެރިއެއް ކަމަށެވެ. ދެން އޭނާ ފޯނުން ދެއްކީ މޫނުގެ އެއްފަރާތަށް ލިބުނު އަނިޔާއަކުން ދުޅަވެ ރަތްވެފައިވާ އަންހެނެއްގެ ފޮޓޯއެކެވެ. އަދި އެމީހާ ބުނީ އެ ފޮޓޯއަކީ ކުރިން ވާހަކަ ދެއްކި މީހާގެ އަނބިމީހާގެ ފޮޓޯއެއް ކަމަށާއި އަނބިމީހާގެ މޫނު ދުޅަވެފައި އެވަނީ ފިރިމީހާ ކުރިއަނިޔާތަކުން ކަމަށެވެ.

ބުނެލަން އޮތީ ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ކަމަކަށް ތިމާގެ އަމިއްލަ ޙާލަތާއިމެދު ވިސްނައިލާށެވެ. ތިމާގެ ޙާލަތާއިމެދު، ތިމާއަށް ކަންކަންކުރެވޭ ގޮތާއިމެދު ކަންބޮޑުވާށެވެ! ތިމާގެ އަމަލުތައް އިޞްލާޙްކުރާށެވެ! އެއިރުން ހަމަގައިމުވެސް އެފަދަ ކަންކަން ނުކުރާ އެކަކު ދުނިޔެއަށް އިތުރުވާނެއެވެ.

ވަރަށް ގިނަ ބައަކަށް އެންމެ ގިނައިން ދެއްކޭ އެއް ވާހަކައަކީ އެހެން މީހުން އަރާރުންވެ ޒުވާބުކުރާ ވާހަކައެވެ. އަދި ރުޅިކޮންޓްރޯލްނުކުރެވި ދުލުން ނުބައި ބަސްތައް ބުނާ ވާހަކަ އާއި ގައަށް އަތްލާޙާލަތަށް ކަންކަންދާ ވާހަކައެވެ. މިފަދަ ވާހަކަތައް ދައްކާ ގިނަ މީހުން އެވާހަކަތައް ދައްކަނީ އެކަންކަމަށް އެމީހުންވެސް ކަންބޮޑުވާތީ ކަމަށްވެދާނެއެވެ.

ކޮންމެ މީހަކީވެސް ތަފާތު ވިސްނުމެއްގެ މީހެކެވެ. ވީމާ ކުރާ ކަންކަން ވެސް ތަފާތުވާނެއެވެ. ތިމާ ކަންބޮޑުވާ ކަންކަން އެހެން މީހުން ކުރާތަންވެސް ފެންނާނެއެވެ. އެފަދަ ހާލަތުގައި ވެސް އެމީހާ ކުރި ކަންތަކާއިމެދު ކަންބޮޑުވާވަރަށްވުރެ ތިމާއަށް ކުރެވޭ ކަންކަމާއިމެދު ކަންބޮޑުވާށެވެ. ތިމާ އިޞްލާޙްވެގެން ހުރެ އެހެން މީހުން އިޞްލާޙްކުރަން މަސައްކަތްކުރާށެވެ.

ނޫނީ ތިމާވެސްވާނީ އަންނަ ރުޅިގައި އަނބިމީހާއަށް ނުބައި ބަސްތައް ބުނެ، ޖެހިޖެހީނުން ތިމާގެ އަމިއްލަ އަނބީމީހާގެ ގުނަވަނަކަށް އަނިޔާކޮށްފައި ގޮސް އެހެން މީހުން އެފަދަ ކަންކަންކުރާކަމުގެ ވާހަކަ ދއްކާ މީހަކަށެވެ.

އަވަށްޓެރިއަކު ނަމަވެސް އެހެން މީހަކު ނަމަވެސް ރުޅިއައިސް އަޑުގަދަކޮށް ޒުވާބުކޮށް ދުލުން ނުބައިބަސްތައް ބުނުމަކީ ހަމަ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭނެ ކަމެކެވެ. ގައަށް އަތްލައި އަނިޔާކުރާނަމަ އެކަން އެވަނީ މާބޮޑަށް ގޯސްވެފައެވެ.

އެހެންކަމާއިއެކުވެސް ތިމާގެ އަނބިމީހާ ދެކެ އަންނަ ރުޅީގައި އަނިޔާ ކުރުމަކީ އަވަށްޓެރިން ޒުވާބުކުރުމަށްވުރެ މާބޮޑަށް ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫން ހެއްޔެވެ؟ ވީމާ ފުރަތަމަ ކަމަކަށް އަބަދުވެސް މަސައްކަތްކުރަންވީ ތިމާގެ އަމަލުތައް އިޞްލާޙްކުރުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން