ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން 24 ގަޑިއިރުގެ ތެރޭގައި މިހާރު ޑީޕޯޓުކުރެވޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 30ސ
ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން 24 ގަޑިއިރުގެ ތެރޭގައި މިހާރު ޑީޕޯޓުކުރެވޭނެ: ރައީސް

ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން ހައްޔަރުކޮށް، 24 ގަޑިއިރުތެރޭ ޑީޕޯޓު ކުރެވޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ޤައުމުގެ އިޤްތިސާދު ކުރިއެރުވުމަށް އޮތް އަނެއް ބޮޑު ހުރަހަކީ، ޑްރަގުގެ ވަބާ ކަމަށާއި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް، ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ވިއްކާ ބިދޭސީން ހައްޔަރުކޮށް، 24 ގަޑިއިރުތެރޭ ޑީޕޯރޓު ކުރެވޭނެ އިންތިޒާމު މިހާރު ވާނީ ހަމަޖައްސާފައި ކަމަށް ވިދާޅުވެފައެވެ.

އަދި ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރާ އެއްގޮތަށް ފަރުވާ ނުފެށި ވެއިޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް އަމާޒުކޮށް، 10 ޑިސެންބަރު 2023ގައި އޮޕަރޭޝަން ފަނާރުގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައި، ފަރުވާ ކުރިޔަށްދާކަންވެސް ރައީސް ފާހާގަކުރެއްވިއެވެ.

"އެގޮތުން، ފަރުވާ ނުފެށި ތިބި 700 މީހުންގެ ތެރެއިން 85 ޕަސެންޓް މީހުންގެ ފަރުވާ ވަނީ ފުރިހަމަކޮށްދެވިފައި. މީގެ އިތުރަށް، މަސްތުވާތަކެއްޗާ ބެހޭ ޣައިރު ޤާނޫނީ މުޢާމަލާތުތައް މޮނީޓަރކޮށް ބެލެހެއްޓުން މިދަނީ އިތުރަށް ހަރުދަނާކުރަމުން. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މަސްތުވާތަކެތި ވިއްކުމާއި، ޓްރެފިކް ކުރުން ހުއްޓުވުމުގެ ގޮތުން، ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި، "ވެސެލް ޓްރެކިންގ ޑިވައިސް" ހަރުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ." ރައީސް

ރައީސް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށްޓަކައި، ވަޢުދު ވެފައިވާ ގޮތަށް، ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި މަރުކަޒުތައް ޤާއިމުކުރުމުގެ އަމަލީ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. ދިވެހިރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އާއި، މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުން ހުއްޓުވުމަށް، އަދި މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހިންގުން ހުއްޓުވުމަށާއި، ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް އިތުރު ބާރުތައް ދިނުމަށް، އަދި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި މިހާރު ޢަމަލުކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް މުހިންމު އިޞްލާޙުތަކެއް ގެނައުމަށްޓަކައި، ސަރުކާރުން ވާނީ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ އަހަރުގެ ތިންވަނަ ދައުރުގެ ތެރޭގައި ބިލެއް ހުށަހަޅާފައި ކަމަށް ރައީސްގެ ބަޔާނުގައި ވިދާޅުވިއެވެ.

ހަމައެއާއެކު، ޑްރަގް ވިޔަފާރިތެރެއިން ބާރުލިބިދޭ ގޭންގް ކުށްތަކާއި، މާރާމާރީތަކުން މުޖުތަމަޢު ސަލާމަތްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް "ގޭންގުތަކުން ހިންގާ ކުށްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު"ގެ ނަމުގައި ސަރުކާރުން ވާނީ ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ އަހަރުގެ 3ވަނަ ދައުރުގެ ތެރޭގައި ބިލެއް ހުށަހަޅާފައިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"އެފަދަ ބިލެއް ހުށަހެޅުމުގެ މަޤުޞަދުގެ ތެރޭގައި، ޤައުމުގެ ނިސްބަތުގައި މުހިންމު ވަރަށް ގިނަ ކަންކަން ހިމެނޭ. އެގޮތުން ގޭންގުތަކާއި، އެނޫންވެސް އިންތިޒާމުވެގެން ހިންގާ ކުށްކުރާ ގުރޫޕުތަކުން ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތައް، ކުށުގެ ގޮތުގައި ކަނޑައެޅުން. އެ ކުށްތަކަށް އެކަށީގެންވާ އަދަބު ކަނޑައެޅުން. އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި، ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ޚާއްޞަ ބާރުތަކެއް ދިނުން. ކުޑަކުދިންނާއި ޒުވާނުން އެފަދަ ނުރައްކާތެރި ކުށްތައް ކުރާ ވެށިން ދުރުކުރުން. އެފަރާތްތަކަށް ރައްކާތެރިކަންދީ، ހެޔޮގޮތުގައި މުޖުތަމަޢަށް ރުޖޫޢަވުމަށް މަގުފަހިކޮށްދިނުން." ރައީސް

މީގެ އތުރުން ރައީސް ވިދާޅުވީ އެކަމަށްޓަކައި ޚާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށާއި، އެފަދަ ކުށްތަކުން ރައްޔިތުންނާއި މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި، އެފަދަ ކުށްތައް ކުރާ ފަރާތްތައް އުޅޭނޫޅޭގޮތް ބެލުމާއި އަދި އެފަރާތްތަކާ މެދު ޚާއްޞަ ފިޔަވަޅުތައް އެޅޭނެ އުޞޫލުތަކެއް ކަނޑައެޅުމަކީ މި ބިލުގެ މަގްސަދެއް ކަމަށެވެ.

ރައީސް ވަނީ މަޖިލީހުން މި ފެށޭ ދައުރުގެ އެންމެ ކުރީކޮޅުގައި މިދެ ބިލުވެސް ފާސްކޮށްދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

 

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން