މިއަދު ސަމާލުނުވިނަމަ އެންމެ ގިނަ ބައަކަށް ޤިޔާމަތް ދުވަހު އެންމެ ބޮޑު ސިހުމެއް ލިބޭނެ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 11ސ
މިއަދު ސަމާލުނުވިނަމަ އެންމެ ގިނަ ބައަކަށް ޤިޔާމަތް ދުވަހު އެންމެ ބޮޑު ސިހުމެއް ލިބޭނެ ކަންތައް!

ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އާޚިރަތް ދުވަހެވެ ބުނެވޭ އަޑުއިވުމުން ގައިން ހީބިހި ނުނަގާނަމަ އެއީ މައްސަލައެކެވެ. ނަރަކައިގެ ވާހަކައިގެ އަޑު އިވުމުން ބިރުން ތުރުތުރު ނުއަޅާނަމަ އެއީ މައްސަލައެކެވެ. ފާފަކުރެވެނީ އެކަންކަން އެގޮތަށް މެދުވެރިނުވާތީއެވެ. 

އެހެންކަމުން މިގެނެސްދެނީ ނަރަކައިން ސަލާމަތްވުން އެދޭމީހާއަށް އެކަމަށް މަގުފަހިވާނެ ލިޔުމެކެވެ. އިން ޝާ ﷲ 

ނިކަން ވިސްނައިލަބަލާށެވެ! ތިބާގެ ހުރީ ކުޑަކުޑަ ޖިފުޓިއެކެވެ. ތިބާގެ އަތުގައި ހުރި ފައިސާ މަދުކަމުން ތިބާ އަޅަންބޭނުންވާފަދަ، 10، 20، 30 ބުރީގެ ޢިމާރާތެއް އެޅެން ނެތިމާއި އެޅުނު ވަރުގެ ގެއެއް ނުއަޅައި ޖިފުޓީގައި ދިރިއުޅޭނީ ހެއްޔެވެ؟ ނުވަތަ އެއިރެއްގައި ތިމާއަށް ތަނަވަސްކަން ލިބޭ މިންވަރަކުން ގެއަޅައި އާރާސްތުކުރަމުން ގެންދާނީހެއްޔެވެ؟ 

ތިމާގެ އާޚިރަތް ކާމިޔާބުގޮތުގައި އާރާސްތުކުރުމަކީވެސް ހަމަ މިފަދަ ކަމެކެވެ. އާޚީރަތް އާރާސްތުކުރުމަށްޓަކައިވެސް ހަމަ މިމޭރުމުން ވިސްނަންޖެހޭނެ ކަންކަން ވަރަށް ގިނައެވެ. އެއިގެ ތެރެއިން މިއަދު ފާހަގަކޮށްމިލަނީ ކުޑަކަމަކަށްވާތީ ހެޔޮ ޢަމަލުތައް ނުކޮށް ދޫކޮށްލުމާއި އެއީ ކުޑަކުޑަ ފާފައެއްކަމަށް ކަމަލައި ކުދިފާފަތައް ކުރަމުން ގެންދިއުމުގެ މައްޗަށެވެ. 

ޤިޔާމަތް ދުވަހު ގިނަ ބައަކަށް އެންމެ ބޮޑު ސިހުމެއް ލިބޭނެ އެއްކަމަކީ އެމީހެއްގެ ފަތުގައި އެމީހަކަށް ކުރެވިފައިވާ ކުދިފާފަތައް ލިޔެވިފައިވާވަރު ގިނަވެ ބޮޑެތި ބިޔަ ފަރުބަދަތައްވަރަށް ފުނިޖެހިފައިވުމެވެ. އެންމެ ހިތާމަކުރާނެ އެއްކަމަކީ ކުރެވުނު ކުދި ހެޔޮ ޢަމަލުތައް މަދުވެ ނުހަނު ފަސޭހައިން ޙާޞިލުކުރެވެން ހުރި ޘަވާބު ހޯދިފައިނެތުމެވެ. 

މީސްތަކުންނޭވެ! މިކަމަށް ސަމާލުކަންދޭށެވެ! މިއީ ކުޑަކަމެއްކަމަކަށް ހީކޮށް ކިތަންމެ ކުޑަނަމަވެސް ފާފައެއް ނުކުރާށެވެ! އަދި މިއީ ކުޑަ ޢަމަލެއްކަމަށް ހީކޮށް ކިތަންމެ ކުޑަނަމަވެސް ހެޔޮ ޢަމަލެއް ނުކޮށް ދޫކޮށްނުލާށެވެ! 

ވިސްނުންތެރިކަމާއިއެކު الشيخ عبد البارئ بن عواض الثبيتي - حفظه اللهގެ މިބަސްފުޅުތައް ކިޔައިލާށެވެ! އަދި ޢަމަލުކުރާށެވެ! 

ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«إِيَّاكُمْ وَمُحَقَّرَاتِ الذُّنُوبِ، فَإِنَّهُنَّ يَجْتَمِعْنَ عَلَى الرَّجُلِ حَتَّى يُهْلِكْنَهُ» [رواه أحمد وحسنه الألباني] 

މާނައީ: "މީސްތަކުން ކުދި ފާފަތައްކަމަށްދެކޭ ކަންކަމާމެދު ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ މީހާކު ހަލާކުވެއްޖައުމަށް ދާންދެން އެފާފަތައް އޭނާގެ މައްޗަށް ޖަމާވެއެވެ." 

އަދި ނުބައިކޮށް އުޅުނުމީހާއަށް، ޤިޔާމަތްދުވަހު އޭނާގެ ކުދި ފާފަތައް ގިނަވެފައިވާތަން ފެނުމުން އެކަމުގެ މުޞީބާތް ނުހަނު ބޮޑުވާނެއެވެ. އަދި އެހިނދުގައި ބިރުން ބުނާނެއެވެ. 

﴿يَاوَيْلَتَنَا مَالِ هَذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِرًا وَلَا يَظْلِمُ رَبُّكَ أَحَدًا﴾ [الكهف: 49] 

މާނައީ: "އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެބައިމީހުންކުޅަ އެންމެހައި ޢަމަލުތައް އެ ފަތުގައިވާތީ، އެބައިމީހުން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރައްބު އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ."  

އިންސާނުން ޚަލްޤު ކުރެއްވީ، އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި، ވާޖިބުކުރެއްވި ކަންތައްތަކަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. އަދި ﷲ ގެ ކޯފާ ލާޒިމްކުރާ ފާފަތަކުން ދުރުހެލިވުމަށެވެ.

﴿فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ [7] وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ [8] [الزلزلة: 7، 8] 

މާނައީ: "ފަހެ، ޛައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. [7] އަދި ޛައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. [8]" 

- الشيخ عبد البارئ بن عواض الثبيتي حفظه الله  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން