މުސްލިމް ވެރިން މިއަދު ޤަބޫލުކުރަންޖެހޭ ޙަޤީޤަތްތަކެއް އެބަހުއްޓެވެ. އެއިގެ ތެރެއިން ފުރަތަމަ ކަމަކީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން ފަލަސްޠީން ނައްތައިލުމަށް ހިންގަމުން ގެންދާ ޖަރީމާ ތަކަކީ އެމެރިކާގެ ރޭވުންތަކެއް ތަންފީޒުކޮށްދޭން ހިންގާ ޖަރީމާތަކެއް ކަމެވެ. އެމެރިކާގެ ކުރީގެ ރައީސުން ތެދުބަހުން ނުބުނީއެވެ. ޓްރަމްޕް ތެދުބަހުން ބުނަނީއެވެ.
ދެވަނަ ކަމަކީ ހަތިޔާރުން ދެމުން ގެންދާ ޙަމަލާތަކަކަށް ރައްދު އަނގައިން ބުނާ ބަހަކުން ނުދެވޭނެ ކަމެވެ. ނެރޭ ބަޔާންތަކަކުން ޙަމަލާ ދިނުން ނުހުއްޓުވޭނެ ކަމެވެ. ފާއިތުވި 100 އަހަރުގެ ތަޖުރިބާއިން އެކަން އެނގި ޔަޤީންކުރެވޭއިރު އަދިވެސް ބަޔާން ނެރުން ނޫން ކަމެއް ނުކުރެވުނީމާ ވާނެ ގޮތް މިދަނީ ފެންނަމުންނެވެ.
މުސްލިމް ވެރިންނަށް ފާއިތުވި 100 އަހަރުވެސް ކުރެވޭ ކަމަކީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން ފަލަސްޠީން ނައްތައިލުމަށް ކުރަމުން ގެންދާ ކަންކަން ކުށްވެރިކުރުމެވެ. އިތުރު އެހެން ކަމެއް ކުރެވޭތަނެއް ނުފެނެއެވެ.
ވާނެ ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އެވެ. އެެހން ނަމަވެސް ފާއިތުވި 100 އަހަރު ކަންކަން ހިނގާފައިވާ ގޮތަށް ބެލުމުން މިނޫން ގޮތަކަށް ޤަބޫލުކުރެވޭކަށް ނެތެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރެވެން އޮތް ކަމަކީ ދުޢާކުރުމެވެ. ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައެއް ނޫނެވެ. މުސްލިމުންގެ ވެރިންނަށް ތިބި މީހުންނަށް ހެޔޮ ވިސްނުން ދެއްވެވުން އެދިގެންވެސް ދުޢާކުރަން އެބަޖެހެއެވެ. އެމީހުންނަކީ މުސްލިމް އުންމަތް ދިފާޢުކުރަން ކުރިމަތިލާން ކެރޭ ބައަކަށްވުމުގެ ހިތްވަރު ދެއްވެވުން އެދިގެންވެސް ދުޢާކުރަން އެބަޖެހެއެވެ.